މިއީ ސްޕައިޑާމޭންގެ ލަގަބް ދޭން ޖެހިފައި ހުރި މީހެކެވެ. އިމާރާތްތަކަށް އެއްވެސް ވަލެއް, ސަލާމަތީ ފިޔަވަޅެއް، އަދި އެހެންވެސް ވަސީލަތެއް ބޭނުން ކުރުމެއް ނެތި އަރާ އެތައް ބަޔަކު ހައިރާންކޮށްލާ މީހެކެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް އޭނާ ވަނީ ލަންޑަންގެ އަަވަށެއްގެ 46 ބުރީގެ އިމާރާތަކަށް އެއްވެސް ވަސީލަތެއް ބޭނުން ކުރުމެއް ނެތި ހަމައެކަނި އަތާއި ފައި ބޭނުން ކޮށްގެން އަރާ އެންމެން ހައިރާންކޮށްލާފައެވެ.

ހީރޯން ޓަވަރަށް އޭނާ އަރާފައި ވަނި އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ. އޭނާ އެ އިމާރާތައް އަރާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.

230 މީޓަރު ހުރި އެ އިމާރާތައް އޭނާ ގަޑިއެއްހާ އިރު ތެރޭގައި އެރުނެެވެ. އޭނާ އެ އިމާރާތައް އަރާ މަންޒަރު ބަލަން އެތައް ބަޔަކު ތިބިއިރު، ވަރަށް ގިނަ ބަޔަކު ޓްރެފިކްގައި ވެސް ޖެހުނު ކަމަށް ވެއެވެ.

އަލައިން ރޮބާޓް ނަމަކަށް ކިޔާ އެ މީހާ ބުނިގޮތުގައި، މިއީ އެންމެެ އޭނާ ކުރާ ހިތްވާ ކަންތައްތަކެވެ. 56 އަހަރުގެ ރޮބާޓް ބުނިގޮތުގައި، އޭނާގެ މުޅި ދިިރުއުޅުން ހޭދަކޮށްފައި ވަނީ ފަރުބަަދަ ފަދަ އުސް އެއްޗެހީގެ މައްޗަށް އަރާ ހެދުމުގައި ކަމަށާއި، މިހާރު އޭނާ އަރަނީ އިމާރާތްތަކަށް ކަމަށެވެ.

އޭނާ ބުނިގޮތުގައި، އިއްެޔެ އޭނާ އެ ސްޓަންޓް ޖެއްސުމުގެ ކުރިން ހުރީ ވަރަށް ބިރުގަނެފައެވެ. ނަމަވެސް އޭނާ ވަނީ އެކަން ނިންމާލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރައްކާތެރި އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ރޮބާޓް އެ އިމާރާތުގެ މައްޗަށް އަރަން ފެށުމުން ފުލުހުންވެސް އެތަނަށް ދިޔައެވެ. ރޮބާޓް އެ އިމާރާތުގެ އެންމެ މައްޗާއި ހަމައަށް އެެރިއިރުވެސް އެ މަންޒަރު ބަލަން އެތައް ބަޔަކު ތިއްބެވެ.

އެންމެންގެ ސަމާލުކަމަށް އެކަން އައިސް، އެކަމުގެ ސަބަބުން މަގުތައްވެސް ތޮށްޖެހުނު ނަމަވެސް، އެކަމާއި ގުޅިގެން ރޮބާޓް ހައްޔަރުކުރިކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދިރިއުޅުމުގެ މަގްސަދު ނޭނގޭތީ ކުރާ ކަންތައް ތައް މިފެންނަނީ