ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ސައުދީގެ ކޮންސިއުލޭޓްއަށް ދިޔައީ ދާހިތުން ނޫންކަމަށް އޭނާގެ ލޯބިވެރިޔާ ހަޓިސް ސެންކިޒް ބުނެފިއެވެ.

ތުރުކީގެ މީޑިއާއަކަށް މައުލޫމާތު ދެމުން ޚަޝޯގީ އާއި ކައިވެނިކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ހަޓިސް ބުނީ، ސައުދީގެ އިދާރާތަކުން ތުރުކީގައި ޚަޝޯގީ ހައްޔަރުކޮށްފާނެ ކަަމަށް ގަބޫލުނުކުރެވުނު ނަމަވެސް، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމުން މައްސަލަތަކަކާއި ކުރިމަތިވެދާނެ ކަމަށްޓަކައި ކޮންމެވެސް ވަރަކަށް ހާޝޯގީ ހުރީ ނުތަނަވަސްވެފައި ކަމަށެވެ.

އަދި އޭނާ ސައުދީ ކޮންސިއުލޭޓަށް ދާން ބޭނުން ނުވެފައި ހުރިކަން ހާމަކުރި ކަމަށާއި، އޮކްޓޯބަރުގެ ދެވަނަ ދުވަހު އެތަނަށް ވަތް ފަހުން އަނބުރާ ނާންނަ ކަމަށެވެ.

ސައުދީން މިހާރު ވަނީ، ސައުދީގެ ކޮންސިއުލޭޓް ތެރޭގައި ހަޝޯގީ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަންވެސް ސައުދީގެ ރަސްމީ މީޑީއާއިން ވަނީ ރިޕޯޓްކޮށްފައެވެ. ޚަޝޯގީ ގެއްލުނީ މިމަހުގެ 02 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓް ތެރެއަށް ވަން ފަހުންނެވެ. އޭނާ ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމަށް ތުރުކީ ފުލުހުން ކުރަމުންދާ މަސައްކަތައް ކުރިއެރުން ލިބެމުން އަންނަ ކަމަށް ތުރުކީ ފުލުހުން ބުނެއެވެ.

ސައުދީގެ ނޫސްވެރިއާ ޚަޝޯގީ ގެއްލުމާއި އެކު މީޑިއާތަކުން ދަނީ އެކަމުގެ ފަހަތުގައި ހުރީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް މުހައްމަދު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ.