ބަލި ވުމުން ކޮންމެ މީހަކު ވެސް ޑޮކްޓަރަށް ދައްކައެވެ. ބަލި މީހުންގެ ހާލަތު ބެލުމަށް ފަހު ޑޮކްޓަރުން ތަފާތު ބޭސްތައް ދެއްވައެވެ. ބައެއް ފަހަރު ކޮންމެވެސް ކަސްރަތެއް ކުރަން ވެސް ލަފާ ދެއްވަފާނެއެވެ. ނަމަވެސް މިފަހަރު މިއޮތީ ވަރަށް ތަފާތު ލަފައެއްގެ ވާހަކައެވެ.

ކެނެޑާގައި ޑޮކްޓަރަށް ދެއްކި މީހަކުގެ ހާލަތު ބެލުމަށް ފަހު ޑޮކްޓަރު ދެއްވި ބޭސްސިޓީގައި އޮތީ އޭނާ ދާރުލް އާސާރެއް ނުވަތަ މިއުޒިއަމެއް ބަލަން ދާށެވެ.

އެއީ ޑޮކްޓަރަށް އޮޅިގެން ކުރެވުނު ކަމެއް ނޫނެވެ. އެއީ ހަމަ ގަސްދުގައި ޑޮކްޓަރު ކުރެއްވި ކަމެކެވެ.

ކެނެޑާގެ ފްރާންކޯޕަން އެސޯސިއޭޝަން އޮފް ޑޮކްޓާސް އިން މިހާރު ގެންދަނީ އެގައުމުގެ މޮންޓްރިއަލް މިއުޒިމް އޮފް ފައިން އާޓްސް އާއި ގުޅިގެން ނަފްސާނީ އަދި ބައެއް ކަހަލަ ޖިސްމާނީ ބަލި ހުންނަ މީހުންނަށް ވެސް އެއްވެސް އަގަކާއި ނުލާ ދާރުސްއާސާރު ބެލުމުގެ ފުރުސަތު ދެމުންނެވެ.

އަދި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މިޕްރޮޖެކްޓްގެ ދަށުން 50 ބަލި މީހެއްގެ ބޭސްސިޓީގައި ދާރުސް އާސާރަށް ޒިއާރަތް ކުރުމަށް ލިޔެފައި އޮންނާނެ ކަމަށް ޑޮކްޓަރުންގެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

100 ޑޮކްޓަރުން ހިމެނޭ ޓީމަކުން ކެނެޑާގައި ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ދާރުސް އާލާސާރުތަކަށް ޒިއާރަތް ކޮށް، އެތަނުގައި މަޑުމައިތިރި ވަގުތުތައް ހޭދަކޮށް ދާރުލް އާސާރުގައި ހުންނަ އެއްޗެހީގެ މައުލޫމާތު ހޯދުމަކީ ބަލި މީހުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދޭނެ ގޮތެކެވެ.

މިހާރު ކެނެޑާގައި ކުރިއަށް ގެންދާ މިޕައިލެޓް ޕްރޮޖެކްޓްގެ ނަތީޖާ އަށް ބެލުމަށް ފަހު ކުރިއަށް އޮތްތަނުގައި އިތުރު ބަލި މީހުން ދާރުލް އާސާރުތަކަށް ފޮނުވަން ޑޮކްޓަރުން ލަފާދެއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު