ނަފްސާނީ ބަލިމަޑުކަމަކީ ނުރައްކާތެރި އަދި އެހާމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ބަލިމަޑުކަމެކެވެ. ބޭރުފުޅުން އަނިޔާއެއް ނުފެނުނަސް ހިތުގައި ބިންވަޅުނެގިފައިވާ ކަޅުލައްތަކަކީ ފޮލެލަން އުނދަގޫ އަދި އެ ފޮލެހުމަށް ދުވަސް ނަގާ ކަންކަމެވެ. ނަފްސާނީ ބަލިމަޑުކަމަށް ބައެއްފަހަރު ދާއިމީ ގޮތެއްގައި ފަރުވާކުރަން ޖެހޭއިރު އަނެއްބައި ފަހަރު އެއީ ކޮށްލާ ކުޑަކުޑަ ކަމަކުންވެސް ރަނގަޅުވެދާނެ ބަލިމަޑުކަމެކެވެ. އެހެނީ ނަފްސާނީ ބަލިމަޑުކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ހިތްހަމަޖެހުމާއި އުފާކަމަށްވުމެވެ.

ސައިންސްވެރިންނާއި ޑޮކްޓަރުން ވިދާޅުވާގޮތުގައި ލޭހަދިޔާކުރުމަކީ ނަފްސާނީ ބަލިތަކުން ރައްކާތެރިކޮށްދޭ ނުވަތަ ނަފްސާނީ ބަލިތައް ފަސޭހަކޮށްދޭ ކަމެކެވެ. އަދި އެއްވެސް އަގަކާއި އަދި ޚަރަދަކާއި ނުލާ ބޭނުންޖެހިފައިވާ މީހާއަށް ލޭ ހަދިޔާ ކުރުމުން ނަފްސާނީ ގޮތުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބި ތާޒާކަމާއި އާރޯކަން އިޙްސާސްކުރެވޭނެ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ލޭހަދިޔާކުރުމަކީ ސިއްހީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫނެވެ. ގަވައިދުން ލޭ ހަދިޔާކުރުމަކީ ހަށިގަނޑުގައިވާ ސަރުބީތައް އަންދާލުމަށް އެންމެ ފަސޭހަ އެއް ވަޞީލަތެވެ. އެހެނީ 450 އެމް.އެލް. ލޭ ހަދިޔާކުރުމުން ހަށިގަނޑުން ގާތްގަޑަކަށް 650 ކެލަރީސް އަންދާލަދޭތީއެވެ.

ރެޑް ބުލަޑް ސެލް އަކީ ހެލިފެލިވެ އުޅުމަށް އެންމެ ބޮޑަށް ނުވަތަ ހަށިގަނޑަށް ހަކަތަ ލިބުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަށް ވީ ހިނދު ލޭ ހަދިޔާކުރުމުގެ ސަބަބުން ތާޒާ ރެޑް ބްލަޑް ސެލް އުފެއްދުމަށް އެހީވެއެވެ. އަދި ލޭގައި އަޔަން ހުންނަވަރު އިތުރުކޮށްދީ އަޔަން ހުންނަން ޖެހޭ ވަރަށް ލޭގައި އަޔަން ހުރުމަށް އެހީތެރިވެއެވެ.

ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށްވެސް މަތިވެރި ސަދަގާތެކެވެ.