ދުނިޔޭގެ އެންމެ މަޝްހޫރު ކުޑަކުދިންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ އެއް ކުއްޖަކީ ތައިމޫރު ކަމާމެދު ގިނަ ފަރާތްތަކުން ދެބަހެއް ނުވާނެއެވެ. އޭނާގެ މަޝްހޫރުކަމާއި މަޤުބޫލުކަމަށްވެސް އެއްވެސް ފަރާތަކުން ދެބަސް ނުވާނެކަން ޔަޤީނެވެ. ފިލްމީ ތަރިއަކާ އެއްވަރަށް ތައިމޫރު މަޝްހޫރުވެފައިވާއިރު، ސައިފުގެ ފަހުގެ ފިލްމުތަކަށް ވުރެވެސް ތައިމޫރު މަޝްހޫރޭ ބުނުމަކީވެސް ދޮގެއް ނޫނެވެ.

ތައިމޫރުގެ ފޮޓޯތައް ދޭތެރެ ދޭތެރެއިން މީސް މީޑިޔާގައި ވައި ހިއްޕާލާއިރު، އަނެއްކާވެސް އެފަދަ ފޮޓޯއެއްވަނީ މީސް މިޑިޔާގައި ވައި ހިއްޕާލާފައެވެ. އެއީ، އޭނާގެ ބައްޕަ ސައިފް އަލީ ޚާނުގެ ކުޑައިރުގެ ފޮޓޯއަކާ އެއްކޮށް އިން ފޮޓޯ ކޮލާޖެކެވެ. މި ފޮޓޯ މަޝްހޫރުވެފައިވަނީ، މި ފޮޓޯގައި ތައިމޫރު، އޭނާގެ ބައްޕައާ ވައްތަރުކަމުންނެވެ.

މި ފޮޓޯ އާއްމުވެފައިވީނަމަވެސް، ފޮޓޯއާ ގުޅިގެން ސައިފް ނުވަތަ ކަރީނާ އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. ހަމައެހެންމެ، މިއީ އެފަރާތްތަކުން މީސް މީޑިޔާ އަށް ދޫކޮށްލާފައިވާ ފޮޓޯއެއްވެސް ނުމެނޫންމެއެވެ.

ތައިމޫރުގެ ފޭނުން މި ފޮޓޯ އާއްމުކޮށްފައިވާއިރު، ތައިމޫރުގެ އެހެން ބައެއް ކަންކަންވެސް އެކުއްޖާގެ ފޭނުން ދަނީ އާއްމު ކުރަމުންނެވެ. ތައިމޫރުގެ ފޮޓޯތަކާއި ވީޑިޔޯތައް، އެކި ކޮޅުކޮޅު މަތިން ހޯދައިގެން އާއްމުކުރުމަކީ އެމީހުންގެ އާދައެއްކަމަށްވަނީ ވެފައެވެ.

ހަމައެހެންމެ، ތައިމޫރުގެ އެތައް ކަމެއް، އޭނާގެ މައިންބަފައިންވެސް ދަނީ މީޑިޔާގައި އާއްމު ކުރަމުންނެވެ. އެގޮތުން، ތައިމޫރުގެ ބައެއް ބަސްތަކާއި، ތައިމޫރު އެންމެ ގަޔާވާ ކަންތައްތައް ވަރަށް ފަހުން ސައިފުވަނީ ހާމަކޮށްފައެވެ. އެކަންކަމުގެ ތެރޭގައި ތައިމޫރަކީ ހަނދަށް ބަލަން ވަރަށް ވަރު ހުންނަ ކުއްޖެއްކަން ހާމަކޮށްފައިވެއެވެ.