މީގެ އަހަރުތަކެއް ކުރިން އަމިއްލަ އަނބިމީހާ މަރާލައި އޭނާގެ ހަށިގަނޑު ފޮރުވި މީހަކު، އަނބިމީހާގެ ހަށިގަނޑު އޮތްތަނެއް ހާމަކުރުމަށް އެދުމުން، ތަފާތު "ޑިމާންޑެއް" ކޮށްފިއެވެ.

މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރި ޑޮއުގް ސްޓީވާޓް ނަމަކަށްކިޔާ އެ ފިރިހެންމީހާ، މި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ދާއިރު، އަނބިމީހާ މަރާލިކަމަށް އޭނާ ކުރިން ވަނީ އިއުތިރާފު ވެފައެވެ. ނަމަވެސް ހަށިގަނޑު ފޮރުވާފައި އޮތްތަނެއް ހާމަކުރަން އޭނާ އޭރު ވަނީ ދެކޮޅު ހަދާފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ މީގެ އަށް އަހަރު ކުރިން އޭނާ މަރާލި އަނބިމީހާގެ ހަށިގަނޑު ފޮރުވިތަން ހާމަކުރަން ސްޓީވާޓް އެއްބަސްވެފައި ވަނީ މި މަހުގެ ތެރޭގައެވެ. އެކަމަށް އޭނާ އެއްބަސް ވެފައި ވަނީ އޭނާއަށް އެކްސްބޮކްސް" އެއް ދިނުމަށް ޑިމާންޑުކޮށެވެ.

އޮފިޝަލުން ބުނެފައިވަނީ، މި މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައަކަށް ވުމާއި އެކު، އަންހެން މީހާގެ ހަށިގަނޑު ފެނިފައި ނުވުމުން މައްސަލަ ނުނިމި އޮންނަތާ އަށް އަހަރު ވެފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ނިމުމަކަށް ގެނައުމަށްޓަކައި ސްޓީވާޓްގެ ޑިމާންޑާއި އެއްގޮތަށް އެކްސްބޮކްސް އެއް ގަނެދިނުމުން، އޭނާ އެ މަޢުލޫމާތު ހާމަކޮށްފައިވާކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި ސްޓީވާޓް އޭނާގެ އަނބިމީހާ މަރާލުމަށްފަހު ހަށިގަނޑު ފޮރުވާފައި އޮތީ، އެ އަންހެން މީހާގެ މައިންބަފައިންގެ ގެޔާއި ދުރުނޫން ހިސާބެއްގައި ވަޅުލައިގެންނެވެ. އަދި މިހާރު އެމީހާގެ ހަށިގަނޑު ނަގައި އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ސްޓީވާޓް މި މައުލޫމާތު ދޭން އެކްސްބޮކްސް އަކަސް ޑިމާޑުކުރިއިރު، ޖަލުގައި ހުރެ ބޭނުން ކޮންމެ ވަގުތެއްގައި އަދި ބޭނުން ގޮތަކަށް ކުޅުމުގެ ފުރުސަތެއް އޭނާއަށް ނުލިބެއެވެ. އަދި އެހެން ގައިދީންނާއި އެކުވެސް ގޭމު ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް ގޭމުކުޅެން ލިބޭނީ 30 މިނެޓުގެ ވަގުތުކޮޅެއް ކަމަށާއި، އެ އެކްސްބޮކް އިން ކުޅެން ހުއްދަ އޮންނާނީ ހަމައެކަނި ކުޅިވަރާއި ގުޅޭ ގޭމުތައް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.