އިނގިރޭސިވިލާތުގައި ހިންގަމުންދާ މަޝްހޫރު ސުޕަމާކެޓް ޗެއިން "ލިޑިލް"ގެ ފިހާރައަކުން މީހަކު ގަނެގެންދިޔަ ބަތް ޕާރުސަލެއްގެ ތެރެއިން ކުނިވެފައި އޮތް މީދަލެއް ފެނުނު މައްސަލައެއް ހޫނުވެއްޖެއެވެ.

"ކާބޯތަކެތި އެންމެ ތާޒާކަމާއި އެކު" ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި އިޝްތިހާރުކޮށް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެ ސުޕަމާކެޓުން ގަނެގެންދިޔަ، ތައްޔާރީ ބަތް ޕާރުސަލުގެ ތެރެއިން މީދަލެއް ފެނިފައި މިވަނީ އެ ޕެކެޓު ބަންދުކޮށް ވިއްކަން ލާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ކަމަށް ވެއެވެ. އެހެންކަމުން އެ މީދާ އޮތީ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ވެއެވެ.

މި ހާދިސާ ދިމާވި ރިޗާޑް ލީޗް ނަމަކަށް ކިޔާ މީހާ މިހާރު އެ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާގައި އާންމުކޮށްލާފައި ވާއިރު، އޭނާ "ލިޑިލް"ގެ އޮފިޝަލް ޓްވީޓާ އެކައުންޓު ޓެގުކޮށް ކުރި ޓްވީޓެއްގައި ވަނީ މީދަލެއް އޭނާ ގަނެގެންދިޔަ ބަތް ޕާރުސަލުގެ ތެރޭގައި އޮންނަންވީ ސަބަބެއް ސާފުކޮށްދިނުމަށް އެދިފައެވެ. އަދި މިކަމާއި ގުޅިގެން އޭނާގެ މުޅި ގޭތެރޭގައި ކުނިވަސް ހިފާފައި ގޭތެރޭގައި މީހުންނަށް އުޅެން ދަތިވެފައިވާއިރު، ބައެއް ގޭގައި އުޅޭ ބައެއް މީހުން ހޮޑުލައި ހާލުދެރަވެފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

މި ޓްވީޓަށް ރައްދު ދެމުން "ލިޑިލް" އިން ކުރި ޓްވީޓެއްގައި ބުނެގައިވަނީ، އެކަމާއި ގުޅިގެން މަޢާފަށް އެދޭ ކަމަށެވެ. އަދި ރިޗާޑަށް ގުޅޭނެ ނަންބަރެއް އެފަރާތަށް ފޮނުވައި ދިނުމަށް އެދޭ ކަމަށާއި، އެ ހާދިސާ އާއި ގުޅިގެން އިތުރަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ބުނެފައި ވެއެވެ. މި ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިއުން މިހާރު ދަނީ އަމާޒުވަމުންނެވެ.

މައިކްރޯވޭވްކުރަން ތައްޔާރުކޮށް ކައްކާފައިވާ ތައްޔާރީ ބަތް ޕާރުސަލެއްގެ ތެރޭގައި މީދަލެއް އޮންނާން ޖެހުނު ސަބަބުން އެ ފިހާރައިން އަދި ހާމައެއް ނުކުރެއެވެ. އަދި އެކަމާއި ގުޅިގެން ވަކި އެއްޗެއްވެސް ބުނެފައެއް ނުވެއެވެ. ބެލެވިފައިވާގޮތުގައި މިގޮތަށް ދިމާވީ، ޕެކެޓް ކުރުމަށް ބަތް ކެއްކި ވަގުތު އޭގެތެރެއަށް މީދަލެއް ވެއްޓުމުންނެވެ. މި މައްސަލަ މިހާރު ވަނީ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެންގޮސްފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އެފަރާތްތަކުން އަދި ފިޔަވަޅެއް އަޅާފައިވާ ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު