ފުރިހަމަ ސިއްޙަތެއް ލިބިފައިވުމީ ކިހާ ބޮޑު ނިޢުމަތެއްކަން ހަޤީޤަތުގައި އެންމެ ރަނގަޅަށް ދަންނާނެ ބަޔަކީ އެފަދަ ފުރިހަމަކަމެއްގެ ނަސީބު ލިބިފައި ނުވާ މީހުންނާއި އެފަދަ ހިތާމަތަކާއި ކުރިމަތިވެފައި ތިބޭ އާއިލާތައް ކަން ޔަޤީނެވެ. އެފަދަ މީހުން ދުނިޔޭގައި އުޅެމުންދާއިރު އުފުލަން ޖެހޭ ތަކުލީފަކީ އާދައިގެ މީހެއްގެ ޚިޔާލަށްވެސް ގެނެވޭނެ ކަމަކަށް ނުވާއިރު، އެކަން ދަންނަނީ މަދު ބައެކެވެ. އެކި މީހުނަށް އެކިކަހަލަ އިމްތިހާނުތަކާއި ކުރިމަތިލާން ޖެހުމީ ވަގުތީ މި ޢާލަމުގެ ބަދަލެއް ނުވާ އިންސާފެވެ. މިއީވެސް އެފަދަ އިމްތިޙާނަކާއި ކުރިމަތިވެފައިވާ އާއިލާއެއްގެ ވާހަކައެވެ.

އުމުރުން އެންމެ 13 އަހަރުގެ އަހުމަދު (އަސްލު ނަމެއް ނޫން) އަކީ އުފަންވިއިރު ދިމާވި ހާލަތެއްގެ ސަބަބުން އުމުރަށް ނުކުޅެދުންތެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ހިއްވަރުގަދަ ކުއްޖެކެވެ. އެގޮތުން ދިމާވި ނުރައްކާތެރި ސިއްޙީ ހާލަތެއްގެ ސަބަބުން އޭނާގެ ދެފަޔާއި އެއް އަތާއި އަނެއް އަތުގެ ތިން އިނގިލިތައް ވަނީ ސާޖަރީކޮށް ބުރިކޮށްލާފައެވެ. އުމުރުން ފަސް އަހަރުގައި ކުރެވުނު އެ ސާޖަރީއަށްފަހު ރާބިޔާ އަލް ރުމައިލީ އޭނާގެ ދަރިފުޅު ގެންގުޅެމުން ދަނީ ކޮނޑަށް ލައިގެންނެވެ. ނުކުޅެދުންތެރިކަމެއް ލޯބިވާ ދަރިފުޅަށް އެއްވެސް ވަރަކަށް އިހުސާސްވިޔަ ނުދިނުމަށް ކުރެވުނުގައި މަސައްކަތެއް އޭނާ ދަނީ އޭރުއްސުރެވެސް ކުރަމުންނެވެ.

މޮރޮކޯއަށް ނިސްބަތްވާ ރާބިޔާ އޭނާ އުޅެމުންދާ ހާލު މީޑިއާތަކުގައި ހާމަކުރުމާއި އެކު އެތައް ބައެއްގެ ސަމާލުކަމަށް އެ ވާހަކަތައް މިހާރު ވަނީ އައިސްފައެވެ. ރާބިޔާ ކިޔައިދިން ގޮތުގައި ޅައުމުރުގައި އޭނާގެ ދަރިފުޅުގެ ދެ ފަޔާއި އެއް އަތް ބުރިކޮށްލަން ޖެހުނީ ނުރައްކާތެރި ބައްޔެއް ޖެހިގެން، އެ ބަލި ހަށިގަނޑަސް އިތުރަށް ފެތުރި ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އެ ސާޖަރީއަށްފަހު ދަރިފުޅަށް އަމިއްލައަށް، ކުރަން ބޭނުންވާ އެއްވެސް ކަމެއް ނުކުރެވޭއިރު، ދަރިފުޅު ބޭނުންވާ ހުރިހައި ކަމެއް ކޮށްދިނުމުގައި ގާތުގައި އަބަދުވެސް ހުންނަ ކަމަށް ރާބިޔާ ބުންޏެވެ.

އެގޮތުން އޭރުއްސުރެ ރާބިޔާ ދަނީ އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން ސްކޫލަށް ގެންދަމުންނެވެ. ތަޢުލީމަށް ލޯބިކުރާ އަހުމަދުއަށް އޭނާގެ ނުކުޅެދުންތެރިކަމާއި ހުރެ ތަޢުލީމު އުނގެނުމަށް އެއްވެސް ހުރަހެއް ނެތްކަން އޭނާގެ މަންމަ ބޭނުންވަނީ ވިސްނައިދޭށެވެ. ހަމަ އެހެންމެ އެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ބޭރަށް ނިކުމެލައި އުފާވެރި ވަގުތުކޮޅެއް ދަރިފުޅަށް ހޯދައިދިނުމަކީ ރާބިޔާ އެންމެ އިސްކަންދޭ ކަން ކަމަށް އޭނާ ވަނީ ބުނެފައެވެ،

ރާބިޔާ ބުނީ، ލޯބިވާ ދަރިފުޅަށްޓަކައި ކުރާން ޖެހުނު ކޮންމެ ކަމެއް އަދި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން އޭނާ ތައްޔާރަށް ހުރި ކަމަށެވެ. އަދި ދަރިފުޅު ކޮނޑަށް ލައިގެން އުޅެން ޖެހުމަކީ ދުވަހަކުވެސް އޭނާ ވަރުބަލިވާނެ ކަމެއް ނޫން ކަމަށާއި، ފަހު ނޭވަޔާއި ޖެހެންދެން އެގޮތުގައި ހިއްވަރު ކުރާނެ ކަމަށް އޭނާ ބުނެއެވެ.

"އަހަރެން ދުވަހަކުވެސް އެ ދަރިފުޅު ކޮނޑަށް ލައިގެން އުޅެން ޖެހުމުން ވަރުބައްޔެއް ނުވޭ. ކޮންމެ ދުވަހަކު އޭނާ ކޮނޑަށް ލައިގެން އަހަރެން ވަރަށް ގިނައިރު ވަންދެން ހުންނަން. ދަރިފުޅު އަހަންނާއި އެކު ހުންނަ ވަގުތުގައި ލިބެނީ ބޮޑު ހިއްވަރެއް. މިއީ އެކުއްޖާގެ ހަޔާތުގެ ފެށުން. މި ދުވަސްތައް ކާމިޔާބު ދުވަސްތަކަކަށް ހަދައި ދިނުމުގައި، ހިތުގެ ވިންދު ހުއްޓެންދެން އަދި އަހަރެންގެ ފަހު ނޭވަޔާއި ޖެހެންދެން ހުންނާނަން،" ރާބިޔާ ބުންޏެވެ.

ރާބިޔާ ބުނީ، އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ އޭނާގެ ދަރިފުޅުގެ ކިޔެވުމުގެ ކަންކަމަށް ކަމަށެވެ. އަދި ބޭނުންވަނީ މި ހާލުގައި އުޅެމުންދާ އެހެން އާއިލާތަކަށް ހިއްވަރުދީ އުންމީދު އާކޮށްދޭން ކަމަށް އޭނާ ބުންޏެވެ. މިފަދަ ހާލަތެއް މެދުވެރިވެފައި ވުމީ އުންމީދު ކުޑަވެ ހިއްވަރު އެލުވާލަން ޖެހޭ ކަމެއް ނޫން ކަމަށް ރާބިޔާ ދެކެއެވެ.

ރާބިޔާ ބުނީ، އޭނާ އެންމެ ކަންބޮޑުވަނީ އޭނާގެ އަމިއްލަ ސިއްޙީ ހާލަތު ރަނގަޅުނުވުމުން ކަމަށެވެ. ނަމަވެސް އޭނާއަށް ދިމާވެފައި ވަނީ ކޮން ކަހަލަ މައްސަލަތަކެއްކަން ހާމައެއް ނުކުރެއެވެ. ހަމަ އެހެންމެ ދިރިއުޅުމުގައި ބޮޑެތި ދަތިތަކާއި ތަކުލީފުތަކާއި ކުރިމަތިވަމުންދިޔަ ނަމަވެސް، ދަރިފުޅަށްޓަކައި އުންމީދެއް ވާކަމަށާއި، ދިރިއުޅުން މިއަދަށްވުރެ މާދަން ފުރިހަމަވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ރާބިޔާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުން

    ﷲ ތިޔަ ދެމައިންނަ އުފާވެރިކަމާ ތަނަވަސްކަން މިންވަރު ކުރައްވާށި...

    • ކިޔާ

      އާމީން.

  2. ﷲ އަކޮބަރު

    ???????

  3. ކިޔާ

    ވ.ދެރަވެއްޖެ..ދުނިޔޭގެ އެކިހިސާބުތަކުގަ އުޅޭ މީސްމީހުންގެ ހަޔާތާ ގުޅުންހުރި މިފަދަ ވާހަކަތައް އެނގުނީމަ ހިތަށް އަރަނީ އަހަރެންނަށްވެސް މިދިމާވެފަވާ ހާލަތަކީ މިކަންކަމާ އަޅާބަލާއިރު ކުޑަމިންވަރެއްކަން.

  4. ހެޔޮއެދޭ

    ލިޔުންކިޔުމުން ވަރަށްއަސަރުކުރި ދަރިފުޅަށްޓަކާ މަންމަވާގުރުބާނީ މިއި އެހެންމަންމައިންނަމޫނާއަކަށް ބަލަންވީ މަންމައެއް ނަމަވެސް ލިޔުންކިޔާ ނިމުނުއިރުވެސް މި ކުއްޖާގެ ބައްޕަ ހުންނަކަމެއްނޭގޭ އަދި ބައްޕަގެދައުރަކީ ކޮބާކަމެއްވެސްނޭގޭ މިއީ ބައްޕަނެތްއްޖެއްތޯ؟ސުވާލުއުފެދުނީ ލިޔުމުގައި މިކުއްޖާގެ ބައްޕަގެވާހަކަނެތުމުން މި ކުއްޖާގެބައްޕަނެތީމާތޯ؟ ބައްޕަގެވާހަކަނެތީ ބައްޕަހުރެފައި ލިޔުމުގައި ބައްޕަގެވާހަކަ ނެތުން އެއީ ލިޔުއްވުމުގެ ކުށެއްކަމުގައި ދެކެނީ ބައްޕަގެ ވާހަކަފާހަގަކުރަންޖެހުނީ ދަރިފުޅަށްޓަކައިމަންމައެހާބޮޑު ގުރުބާނީއެއްވާއިރު މިކުއްޖާގެބައްޕަގެދައުރެއްގެވާހަކަނެތުމުން އަހަރެބައްޕައަކަށްވެހުރެ
    އަހަރެންގެދަރިއަކަށް މިހެންވާތަންބަލަންހުންނަން އަހަރެންގެހިތަށް ކެތްނުކުރެވޭނެތީ
    ަ