ކޮންމެ މީހަކުވެސް އެތައް ޚަރަދެއް ކޮށްގެން ބޭނުންވާނީ ރަނގަޅު އެއްޗެއް ގަތުމަށެވެ. ވަކީން ޚާއްޞަކޮށް ލައްކައިން މިލިއަނުން ބިލިއަނުން، ފެންވަރު ދަށް އެއްޗެއް ގަތުމަށް މީހަކު ޚަރަދެއް ނުކުރާނެއެވެ. މިއީ ޤަބޫލު ކުރަން ދަތި ކަމެއްކަމުގައިވިޔަސް، މިކަންވަނީ ހިނގާފައެވެ. އެތައް މިލިއަނެއް ޚަރަދުކޮށްގެން ގަނެވުނު އެއްޗެއް، އެންމެ ފަހުން ވީ ފޭކު އެއްޗަކަށެވެ.

އޮސްޓްރޭލިޔާގެ މަޝްހޫރު ސިޓީއެއްކަމުގައިވާ މެލަބަންގެ މަގެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް، މި ފަހުންވަނީ މީސް މީޑިޔާގައި އާއްމުވެފައެވެ. މި ފޮޓޯ އާއްމުވެފައިވަނީ މަޝްހޫރު ބްރޭންޑެއްގެ އަގުބޮޑު ކާރެއްގެ ފަހަތުގައި، ބްރޭންޑުގެ ނަން ޖަހާފައި އިންއިރު ސްޕެލިންގ މިސްޓޭކް އެއް އިނުމުންނެވެ. މިފަދަ މަންޒަރެއް ފެނުމުން ހަމަ ކޮންމެ މީހެއްގެ ލޮލުގައިވެސް އަޅައިގަންނާނެއެވެ.

"ޕޯޝް" ބްރޭންޑުގެ މި ކާރުގެ ފަހަތުގައި ޕޯޝް ނުބައިކޮށް ޖަހާފައި އިނުމުން، އެކަން އެކުންފުންޏާ ހަމައަށް ގެންގޮސްފައިވެއެވެ. ކުންފުންޏާ ހަމައަށް މިކަން ގެންގޮސްފައިވަނީ މިއީ މި ކާރު އުފެއްދުމުގެ ތެރޭގައި ކުރިމަތިވި "ޑިފެކްޓް" އަކަށްވެ، އެކަމުގެ ބަދަލު ކުންފުނިން ލިބިދާނެތީކަމަށްވެސް ވެދާނެއެވެ.

ދުރުގައި އޮންނަ ޖަރުމަނުގެ ކާރުޚާނާއަކަށް މިކަން އަންގައިން ކުރިއަށް ގެންދިޔައިރު، މިފަދަ ކަމެއް ކުރިމަތި ނުވާނެކަމަށް ކުންފުނިން ބުނެފައިވެއެވެ. އޮޅުމަކުންވެސް އަދި އެހެންކަމެއްގެ ސަބަބުންވެސް ބްރޭންޑް ނަން އެހެން ގޮތަކަށް ޖެހިފައި ނުވާނޭކަމަށް އެފަރާތުން ބުނެފައިވެއެވެ. ޕޯޝް އިން ބުނި ގޮތުގައި ޖަރުމަނުގައި ހުންނަ ކާރުޚާނާ އިން ނެރުމުގެ ކުރިންނާއި، އޮސްޓްރޭލިޔާ އަށް ގެންގޮސް އެތަކެތި ބާޒާރަށް ނެރުމުގެ ކުރިން އެކަންކަން ބަލާނެއެވެ. އެހެންކަމުން، އަތުން ކައްސާލައިގެން ދިއުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެކަމަށް ބުނެފައިވެއެވެ.

އެންމެފަހުން ކަންކަން ބެލުމުން އެނގުނު ގޮތުގައި މިއީ ޙަޤީޤަތުގައިވެސް ޕޯޝްގެ ކާރެއް ނޫނެވެ. މިއީ، އެކުންފުނީގެ މަޝްހޫރުކަމުގެ ހިޔަނީގައި ފައިސާގެ ބޮޑެތި އަދަދުތައް ހޯދަން އުޅޭ ބައެއްގެ މަޅީގައި ޖެހި، މީހަކަށް ގަނެވިފައިވާ ފޭކު ކާރެކެވެ. ކާރުގެ އަގަކީ، ދިވެހި ރުފިޔާއިން ބަލާކަމުގައިވާނަމަ އެއް މިލިޔަން އަށްސަތޭކަ ފަންސާސް ހާސް ދުއިސައްތަ ތިރީސް އަށް ރުފިޔާ (1855238) އެވެ.

ކިޔުންތެރިންގެ ހިޔާލު