ބޮލީވުޑުގައި ކުރިއަށް ދެން އޮތް އެންމެ ވަރުގަދަ ކައިވެންޏަކީ އެފަދަ ދެވަނައެއް ނެތް ދީޕިކާ ޕަދުކޯން އާއި ހަމަ އެފަދަ ދެވަނައެއް ނެތް ރަންވީރު ސިންގުގެ ކައިވެންޏެވެ. ކުއްލިއަކަށް ކައިވެނީގެ ދައުވަތު ކާޑާއެކު މިކަންތައްތައް އާއްމުކޮށްފައިވާއިރު، އެދެމީހުންގެ ލޯބީގެ ގުޅުން އޮތީ، އެދެމީހުންގެ ޕްރޮފެޝަނަލް ދިރިއުޅުމާ ވަރަށް ދުރުގައެވެ. ދެ ކަންތައް ވަކިން ގެންގުޅެ، އެމީހުންވަނީ އެތައް ތަރިންނަކަށް އެތައް ފިލާވަޅުތަކެއް ނަގައިދީފައިކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކައިވެންޏާ ގުޅޭގޮތުން ދީޕިކާ ވަނީ ވަރަށް ފަހުން މީޑިޔާގައި ވާހަކަ ދައްކާފައެވެ. އެގޮތުން، އޭނާ ބުނެފައިވަނީ ކޮންމެ އަންހެނެއް ފަދައިން އޭނާވެސް ކައިވެންޏަށް ވަރަށް ފޮނި އުންމީދުތަކެއް ކުރަމުން އަންނަކަމުގައެވެ. އެހެންނަމަވެސް، ކައިވެނީގެ ސަބަބުން ފިލްމީ މަސައްކަތަށް ނުވަތަ ދިރިއުޅުމަށް މާ ބޮޑެތި ބަދަލުތަކެއް ނާންނާނޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އަހަރެންވެސް މިހުރީ ވަރަށް ކެތް މަދުވެފައި، ހަމައެގޮތަށް ކުރިއަށް އޮތް ފިލްމަށް ސޮއިކުރަންވެސް އަހަރެން މިހުރީ ކެތްމަދުވެފައި. ކައިވެންޏަކީ އެހެން އަންހެން ކުދިންފަދައިން އަހަރެންވެސް ވަރަށް ބެލި ކަމެއް. އެކަން ވުމުން އެކަން ވަރަށް އުފާވެރިވާނެ. އެކަން އުފާވެރިވާންވެސް ޖެހޭނެ. އަހަރެންނަކަށް ނުފެނޭ އަހަރެންގެ ދިރިއުޅުން ބަދަލުވާނެ ތަނެއް (ކައިވެންޏަށް ފަހު) – "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ތަޢާރަފުވި ފަންނާނު ބުނެފައިވެއެވެ.

މި ކައިވެނީގައި ދީޕިކާއާއެކު އޭނާގެ ބައްޕަ، ޕްރަކާޝް ޕަދުކޯނުވެސް ބައިވެރިވެފައިވެއެވެ. އޭނާ ބުނެފައިވާ ގޮތުން ކައިވެނީގެ ކަންކަން އިންތިޒާމު ކުރުމުގެ އިސް ދައުރެއް އަދާކުރަނީވެސް ދީޕިކާ އާއި ރަންވީރެވެ.

ދީޕިކާ އާއި ރަންވީރު ލޯބީގެ ގޮތުން ގުޅިފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައި "ގޯލިޔޯން ކީ ރަސްލީލާ ރާމް ލީލާ" ގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެފަހުން، އެމީހުންގެ ގުޅުމުގެ ވާހަކަ ދެކެވެމުންދިޔަކަމުގައިވިޔަސް، އެކަމާ ގުޅޭގޮތުން އެމީހުން މާ ބޮޑު ވާހަކައެއް ދައްކާފައި ނުވެއެވެ.