ބޮލީވުޑްގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ، އަދި ހޯދަމުން އަންނަ ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި، އާލިޔާ ބަޓްއަށް މަޝްހޫރު ނޫސް މަޖައްލާއެއްކަމަށްވާ ވޯގް އިންދޭ އަހަރުގެ އެންމެ ޝަރަފުވެރި އެވޯޑް ލިބިއްްޖެއެވެ.

ހޮނިހިރު ނިމިގެން ދިޔަ 'ވޯގް ވިމެން އޮފް ދަ އިޔާ 2018' އެވޯޑު ހަފްލާގައި ދިން ޔޫތު އައިކޮން އޮފަ ދަ އިޔާގެ އެވޯޑު ޒުވާން ބަތަލާ އާލިއާ ބަޓް ހޯދި އިރު 'މޭން އޮފް ދަ އިޔާ' އެވޯޑު ލިބުނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރަށެވެ.

ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި ހަފްލާގައި އާލިއާއަށް އެވޯޑު ހަވާލުކޮށްދިނީ އޭނާގެ ބައްޕަ އަދި ކާމިޔާބު ޑައިރެކްޓަރު އައި ޕްރޮޑިޔުސަރު މަހޭޝް ބަޓް އެވެ. އެއީ އާލިއާއަށް އޭނާގެ ބައްޕަގެ އަތުން ލިބުނު ފުރަތަމަ އެވޯޑުވެސް މެއެވެ. އެވޯޑާއި ހަވާލުވުމަށްފަހު އާލިއާ ބުނީ ހަޤީގީ "އައިކޮން" އަކީ އޭނާގެ ބައްޕަ މަހޭޝް ކަމަށެވެ.

އިތުރު އެވޯޑުތަކަށް ބަލައިލާއިރު ވޯގް އިން ދިން އަހަރުގެ ސްޓައިލް އައިކޮންގެ އެވޯޑު ގެންދިޔައީ ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު އެވެ. އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު އުފުލައިލީ ފިލްމު "ރާޒީ" ގެ ޑައިރެކްޓަރު މޭގްނާ ގުލްޒާރެވެ.

ސްޓޭޖު މަތިން އިތުރު އެވޯޑުތައް އުފުލައިލި ތަރިންގެ ތެރޭގައި ދެން ހިމެނެނީ ވިކީ ކޯޝަލް އާއި ރާދިކާގެ އިތުރުން އާޔޫޝްމަން ޚުރާނާ އެވެ.

ވޯގް އެވޯޑު ހަފްލާގައި ބޮލީވުޑްގެ ކުޅަދާނަ އެތަށް ތަރިންނެއް ބައިވެރިވެފައިވާއިރު ކަރީނާ، ޖާންވީ ކަޕޫރު، އާލިއާ އިޝާން ކައްތަރު، ކިއާރާ އަދްވާނީ، ކަރިޝްމާ ފާތިމާ ސަނާ، ޕްރިތީ ޒިންތާ، ޖެކްލީން ފާނަންޑޭޒް ފަދަ ތަރިން ވަނީ ބައިވެރިވެފައެވެ.