ވައްކަން ކުރުން ހާސްވާ މިންވަރަށް އިތުރުވެއްޖެއެވެ. ސީސީޓީވީ ހަރުކޮށްފައި ހުންނަ ބޮޑެތި ފިހާރަކުންވެސް ވައްކަން ކުރަމުން ދަނީއެވެ. ވައްކަން ކުރުމުގައި އާއްމުކޮށް އުޅެމުންދަނީވެސް އެއްބައެކެވެ. އެ މީހުންނަށް ހަރުކަށި ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އަނެއްކާވެސް އެފަދަ ކުށްތަކަށް އަރަމުން ދަނީއެވެ.

މިފަހަރު ވައްކަންކޮށްފައި މި ވަނީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކްސް އާއި ފަރުނީޗަރާއި އެނޫންވެސް ގޭގައި ބޭނުންކުރާ ގިނަ ތަކެތި ވިއްކަމުން އަންނަ އެސްޓާސްގެ މައި ފިހާރައިންނެވެ.

އެ ފިހާރައިން ވައްކަންކޮށްގެން ނަގާފައި ވަނީ ހަތް ލެޕްޓޮޕެވެ. މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް އެކި ދުވަސް މަތިން އެސްޓާސްގެ ބޮޑު ފިހާރައިން ހަތް ލެޕްޓޮޕް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް "ވަގުތު"އަށް ވަނީ ލިބިފައެވެ. އެ ވީޑިއޯއިން ފެންނަނީ، ތިން ފިރިހެނަކު އެކި ދުވަސްމަތިން ސްޓާފެއް، ކައިރީގައި ނެތް ވަގުތެއް ބަލާފައި ލެޕްޓޮޕްތައް ވަގަށް ނަގައިގެންދާ މަންޒަރެވެ. އަދި އެ ލެޕްޓޮޕްތައް ނެގުމަށްފަހު އެ މީހުން އެ އެއްޗެހި ގެންދަނީ ހެދުން ދަށަށް ލައިގެންނާއި، ފަޓުލޫނު ތެރެއަށް ލައިގެންކަން ވީޑިއޯ އިން އެނގެއެވެ.

މިގޮތަށް ލެޕްޓޮޕްތައް ވަގަށް ނަގާ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ދައުރުވާން ފަށާފައިވާއިރު، އެ ހަތް ލެޕްޓޮޕްގެ އަގު 70000 އަށްވުރެ މައްޗަށް އަރައެވެ.

އެސްޓާސްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ހަތް ލެޕްޓޮޕް ހަތް ދުވަސް މަތިން މި ވަނީ ނަގާފައެެވެ. އަދި އެންމެ ފުރަތަމަ ލެޕްޓޮޕް ނަގާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން 15، 18، 20، 24، 25، އަދި 27 ވަނަ ދުވަހުވެސް ވަނީ ލެޕްޓޮޕެއް ވަގަަށް ނަގާފައެވެ.

"ހެނދުނު 9:30 ހާއިރު ދެ ފަހަރު އައިސް ނަގާފައި. ދެން މި އިންނަނީ މެންދުރު ފަހު 3:30 ހާއިރު އައިސް ނަގާފައި. ދެން ބާކީ ހުރި ހުރިހާ ދުވަހު މި އިންނަނީ އެންމެ ކަސްޓަމަރުން ގިނަވާ ގަޑި ރޭގަނޑު 9:30 ހާއިރު ނަގާފައި. އެތަނުން ނަގާ ފޯލްޑް ކޮށްލާފައި ގަމީސް ދަށަށް ޖަހައިގެން ގެންދަނީ" އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެކަން ފަަޅާ އަރާފައި ވަނީ ލެޕްޓޮޕް ހަދާއިރު، ބިލް ހަދާ މުވައްޒަފަށް ލެޕްޓޮޕެއް މަދުވެފައި އިންހެން ހީވެން ބެލި ބެލުމުންނެވެ. އަދި އަބަދުވެސް ރެންޑޮމްކޮށް އެއްޗެހިތައް ގުނާ ހަދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އިއްޔެގެ ވަގުތެއްގައި އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ފުލުހުން އަދި އިތުރު އެއްޗެއް ބުނެފައިނުވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސިޔާސީ

  ޢިސްލާ ދީނުގެ ހުކުމް ތަންފީޒުކުރޭ

 2. ބާނިޔޫސޭ

  ރެންޑޮމްކޮށް އެބަގުނޭތާ. ހަތްދުވަސްމަތިން ލެޕްޓޮޕްކޮޅު ދޮވެލި އިރު ޚަބަރެއްވެސް ނުވިވިއްޔަ.

 3. މޫސާ މަންސޫރު

  ވީޑިއޯ ހިމަނާލިނަމަ ލިޔުންކޮޅު ވަރައް ފުރިހަމަވީސް

  • ޢަލީ

   އަސްލުވެސް

 4. ނަންނަ

  ޖެހިލުންވެ ބިރު ގަންނަން ޖެހޭ އެއްވެސް ފަރާތެއް ނެތް ގައުމުގެ ވެރިމީހާގެ ބާރު ކަނޑުވާލައިފި. ދެން ގައުމު ކޮންޓްރޯލް ކުރާނީ ކިހިނެއް

  • ާއޭއާރް

   ގައުމްގެ ވެރިމީހާ އުޅެނީ ތިހެން .ދެން ރައްޔިތުން އުޅޭނީ ކިހިނެއް ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

 5. ނުރަބޯ

  ތިޔައީ ތިޔަތަނުގެ ސްޓާފަކާ ގުޅިގެން ކުރިކަމެއް ކަމަށް ބެލެވެނީ. އެހެނީ އެހެންޏާ ޑިސްޕްލޭ މޭޒުމަތީ އަތުރާފަ ހުންނަ ލެޕްޓޮޕްތައް ހުންނަނީ ނުގެންދެވޭ ގޮތަށް ވަޔަރު އަޅުވާފަ ތަޅުލާފަ.

 6. ރައިސްމޭން

  ރައިސްމޭން ބުނާގޮތުން، އަނހަ! އެއްކޮޅުން މިއޮށް ގާލުފުރޭންޑު ކަޓަނީ.. އެހެންވީމަ ދެން އޮންނާނެ ގޮތަކީ އިނގިރޭސި ހަރުބަސް ބޭނުންކުރުން، ބެގު ބޮރޯ އޯ ސުޓީލު.. ހޯދުނުގޮތަކަށް ހޯދާފަ ގާލުފުރޭންޑަށް ދިނުން.. ހީވާގޮތުން މިކޭސްގަ ގާލުފުރޭންޑު އުޅެނީ މައްސަރުކަންތައް ލައިގެންކަމަށް ބެލެވޭ.. އެހެންވީމަ ހަތްދުވަހުން ހަތް ލެޕުޓޮޕު އެގެއްލުނީ..

 7. ބޮޑު ހުސެއިން

  ތިވީޑިއޯއިން ތިފެންނަނީ ބ،އޭދަފުށި ، އަސަރީގޭ ނާޝިގެ. މީނަޔަކީ ޖަލުފަ ހުކުމެއް ތަންފީޒު ކުރަމުންދަނިކޮއް ރައީސް ޔާމީން ދޫކޮއްލި ކުއްވެރިޔެއް.