ދިއްލީގެ މިސްކިތެއްގެ އިމާމުކަން ކުރާ އެ ފިރހެން މީހާ އާއި އަހަރެން ކައިވެނި ކުރީ ނުހަނު ފޮނި އުންމީދުތަކާއި ހުވަފެންތައް ދެކެމުންނެވެ. އުފަލުގައި ހަޔާތެއް ފުރާ ފުރިހަމަކޮށްލުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް، އަހަރެންގެ އުންމީދުތައް ވެއްޔާއި މޮޑެވިގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އަހަންނަށް އަނިޔާ ލިބެމުން ދިޔައީ ފިރިމީހާގެ ބޭބެގެ ފަރާތުންނެވެ.

އަހަންނަށް ލިބެމުންދިޔައީ ޖިންސީ އަނިޔާތަކެވެ. އެ ބޭބެގެ ރޭޕްގެ ޝިކާރައަކަށް އަހަރެން އެތައް ދުވަހެއް ވަންދެން ވެގެން ހިނގައްޖެއެވެ. އުއްތަރް ޕްރަދޭޝްގައި ފިރިމީހާގެ ގޭގައި އަހަރެން ދިރިއުޅެމުން ދިޔައިރު، ބޭބެ އަހަރެން ރޭޕް ކުރި މައްސަލަ އަހަރެން ފުލުހަށް ހުށަހެޅީ އެކަމުން ސަލާމަތްވާނޭ އިތުރު ގޮތެއް ނެތިގެންނެެވެ.

ނަމަވެސް މިއަދު އަހަރެން މި ވަނީ ކުށްވެރިވެފައެވެ. އަހަންނަކީ ބޮޑު ކުށްވެރިއެކެވެ. އެހެން ނޫން ނަމަ ފިރިމީހާގެ އަޅާލުން އެންމެ ބޭނުންވި މި ދުވަހު އަހަރެން ވަރިނުކުރާނެ ތާއެވެ. ހުރިހައި ހަޤީޤަތެއް އެނގުމުން ފިރިމީހާއަށް ގޯސްވީ އަހަންނެވެ. ހުރިހާ ވޭނެއް އެތައް ދުވަހެއް ވަންދެން ތަޙައްމަލް ކުރަމުން ދިޔަކަން އެނގި ހުރެވެން އަހަންނާއި އޭނާ ވަކިވީ ކީއްވެ ކަމެއް ނޭނގެއެވެ.

އަހަރެން އެ މައްސަލަ ފުލުހަށް ހުށަހެޅީ އިއްޔެއެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅަން އުޅުމުންވެސް އޭނާ އަހަންނަށް ކުރީ އަނިޔާއެވެ. އަހަރެން ހުއްޓުވުމުގެ ގޮތުން އެތައް ފަހަރެއްގެ މަތިން އަހަރެންގެ ގައިގައި ތަޅައި އަނިޔާ ކުރިއެވެ. ނަމަވެސް ވެވުނު ގޮތަކަށް އަހަރެން ފުލުހުންގެ ސަމާލުކަމަށް ގެންދިޔައީއެވެ.

ފުލުހުން އެ މައްސަލަ މިހާރު ބަލަމުން އަންނައިރު، ފުލުހުން ބުނެފައި ވަނީ އަހަރެން ވަރިކުރަން ސިޓީ ފޮނުވީ ފަހުން ކަމަށެވެ. އެފަރާތްތަކުން ވަނީ އަހަރެންގެ ޓެސްޓުތައް ހަދައި، ފިރިމީހާގެ ބޭބެގެ ފަރާތުން ރޭޕްގެ ޝިކާއަކަށް ވެފައިވާކަމުގެ ހެކި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަހަންނާއި އޭނާ ކައިވެނި ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭނާ އަހަރެން ވަރިކުރީ އެހީތެރިކަން އެންމެ ބޭނުންވި ދުވަހުއެވެ.

އިންޑިއާގައި ރޭޕްގެ ޝިކާރައަށްވާ އެތައް މީހުންގެ މިފަދަ ހިތާމަވެރި ވާހަކަތައް ހުންނާނެއެވެ. އިންޑިއާގައި ރޭޕްގެ މައްސަލަތައް އިތުރުވެފައި އެ ވަނީ އިންތިހާއަށެވެ. އެކަން ދުވަހެއް ދުވަހަކަށް ހައްދުފަހަނައަޅައި ގޮސް އަހަރު ނުފުރޭ ކުޑަކުދިންނާއި، 100 އަހަރުން މަތީގެ މުސްކުޅިން ރޭޕް ކުރާ މައްސަލަތައް ވެސް އިންޑިއާގައި ދަނީ އިތުރުވަމުންނެވެ. މިފަދަ މައްސަލަތައް އިތުރުވަމުން ދާއިރު، އެޤައުމުގައި ދާދިފަހުން ވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޤާނޫނުން ހުއްދަ ކޮށްފައެވެ.

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުންވެސް ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް އެންމެ ގިނަ އެއް ޤައުމެވެ. މިފަދަ މައްސަލަތައް އެޤައުމުގައި ހައްދުން ނެއްޓިފައިވާއިރު، އެކަންކަން ކޮންޓްރޯލްކޮށް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގައި ކަމާއި ބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ.