މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑޮނޭޝިއާގެ ޖަކާޓާއިން ފުރައިގެން ސުމަޓްރާއަށް ދަތުރުކުރި ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވި ޚަބަރު ގިނަ ބަޔަކު އެހީ ކަންބޮޑުވުމާއި ހިތްދަތިކަމާއި އެކުއެވެ. އެ ހާދިސާގައި ދުނިޔެ ދޫކޮށް ދިޔަ ގިނަ މީހުންގެ ހަށިގަނޑުތައް އަދިވެސް ފެނިފައި ނުވާއިރު، އެފަރާތްތަކުގެ އާއިލާއަށް ގިނަ ބަޔަކު ދަނީ ހިތްވަރު ދެމުންނެވެ.

ލަޔަން އެއާގެ ފްލައިޓެއް ވެއްޓި ހިނގި މި ހިތާމަވެރި ހާދިސާއަށް ދެ ދުވަސްވެގެން ދާއިރު، މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ ފްލައިޓުގައި އެ ދުވަހު ޑިއުޓީ އަދާކުރަމުން ދިޔަ އަލްފިއާނީ ހިދާޔަތުލް ސޯލިޚާގެ އެންމެ ފަހުގެ ދުވަސްތަކަށެވެ. މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް އޭނާ ދައްކާފައި ހުރި ވާހަކަތަކާއި އާންމުކޮށްފައި ހުރި ފޮޓޯތަކުން އޭނާއަކީ ހިއްވަރު ގަދަ ޒުވާނެއްކަން އެނގިގެންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އަލްފިއާނީ ހިދާޔަތުލް ސޯލިޚާ (ކ)

އުމުރުން 20 އަހަރުގެ ސޯލިޚާގެ އިންސްޓަގްރާމަށް މިހާރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، ދެހާސް ފޮލޯވަރުން ކުރިން އިން އޭނާގެ އިންސްޓަގްރާމުގެ ފޮލޯވަރުންގެ އަދަދު ވަނީ 21000 އަށް އިތުރުވެފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު ދަނީ، ސޯލިހާގެ އެންމެ ފަހުގެ ދުވަސްތައް ފެންނަ ފޮޓޯތައް އާންމުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ސޯލިހާ އެންމެ ފަހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާއަކީ އެންމެ ފުރިހަމަ މީހާ ނޫން ކަމަށެވެ. އަދި ހަޔާތުގައި ގޯސް ހެދިފައި ހުންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އެހެން ނަމަވެސް އުމުރުން ފާއިތުވާ ކޮންމެ ހިނދުކޮޅަކީވެސް އޭނާއަށް ލިބޭ އުފަލެއް ކަމަށާއި، ކޮންމެ ފަދަ ހާލަތެއްގައި ވެސް ހީލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސޮލިހާ އިންސްޓަގްރާމުން ދާދި ފަހުން އާންމުކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި، އޭނާ މަރުވި ދުވަހު އެކުގައި މަސައްކަތް ކުރި ދެވަނަ ކެބިން ކްރޫއާއި އެކު ނަގާފައިވާ ފޮޓޯތައްވެސް ހިމެނެއެވެ. މި ދެމީހުންނަކީ އަބަދުވެސް ވަރަށް ގާތް ދެ ރަހުމަތްތެރީން ކަމަށާއި، އެއީ ހިތްވަރު ގަދަ ބައެއް ކަމަށް އެދެމީހުންގެ އާއިލާގެ މީހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

އިންޑޮނޭޝިޔާގެ ޖާވާ ކަނޑަށް ހޯމަ ދުވަހު ވެއްޓުނު ލަޔަން އެއާ ފްލައިޓް ޖޭޓީ 610 އިން 189 މީހުން ދަތުރުކުރިއިރު މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އިންޑޮނޭޝިޔާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ފްލައިޓުގައި ތިބި ފަސެންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ.

މި ފްލައިޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެގައުމުގެ ކަމަބެހޭ ފަރާތްތަކަށް މި ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް އަމުރު ކުރައްވާފައެވެ. ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ބައިތަކާއި ފަސެންޖަރުންގެ ބައެއް ތަކެތީގެ އިތުރުން މީހުންގެ ހަށިގަނޑުގެ ބައިތައް ދަނީ ފެންނަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފްލައިޓާއި ކޮންޓްރޯލް ޓަވަރުގެ ގުޅުން ކެނޑުނީ ހޯމަ ދުވަހުގެ ހެނދުނު 06:30 ހާއިރު އެވެ. އެއީ ފްލައިޓް ޖަކާޓާ އިން އުދުއްސާލިތާ 13 މިނެޓް ފަހުންނެވެ. ވެއްޓިފައި ވަނީ ބޮއިން-737 މެކްސް-8 މަރުކާގެ ފްލައިޓެކެވެ. މިއީ 2017 ވަނަ އަހަރު ބޭނުން ކުރަން ފެށި މިމޮޑެލްގެ ފްލައިޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ލަޔަން އެއާ އަކީ އިންޑޮނޭޝިއާގައި އެންމެ ފަހުން އުފެއްދި އެއާލައިނެވެ. ލަޔަން އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިންޑޮނޭޝިއާގެ ޑޮމެސްޓިކް މާކެޓްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިން

    މާތްﷲ ނިޔާވި އެންމެނަށް ފާފަ ފުއްސަވާ ސުވަރުގެ ލައްވަވާށި އަދި އާއިލާތަކަށް ކެއްތެރިކަން ދެއްވަވާށި އާމީން

  2. ބޭގަނޑު

    އެންމެ ފަހުވަގުތުވެސް ހެޔޮޢަމަލެއް ކޮއް ހެޔޮދުޢާއެއް ކުރެވިފައިވާނަމަ އާޚިރަތުގައި ކާމިޔާބުވާނީ

  3. ހައިކަލް

    މަރުހޫމާއަށް ސުވަރުގޭގެ ނިއުމަތް ލެއްވުން އެދި ދުއާކުރަން. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮއެއްހެން ހީވަނީ .