ނިކަމެތި ހާލުގައި އުޅެމުންދާ އެތައް ބަޔަކު އެބަތިއްބެވެ. ރާއްޖޭގައިވެސް އެ ހާލުގައި އުޅެމުންދާ މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެހީތެރިކަން ފޯރުކޮށްމިދެވެނީ މަދު ފަހަރެއްގައެވެ. ބައެއް މީހުން އެމީހުން އުޅެމުންދާ ނިކަމަތި ހާލު ބަޔާންކޮށް ނުދެވޭއިރު، އެ ވާހަކަތައް ހިއްސާކޮށްލާނެ ގާތް އެކުވެރިއެއް ނެތުމީވެސް، އެހީތެރިކަން ނުލިބުމުގެ އަސްލެވެ.

ނަމަވެސް މިއަދު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް އެ ނިކަމެތިކަމުގައި ދިރިއުޅެމުންދާ މީހުންނަށް އެހީތެރިވުމުގައި ކުރިއަށް ފިޔަވަޅުތައް އަޅަމުން އަންނަކަން ފާހަކޮށްލަން ޖެހެއެވެ. އޭގެ ވާހަކައެއް ދައްކާލަމާ ހިނގާށެވެ.

ލިޓަސްއަށް ޝުކުރިއްޔާ

މީސް މީޑިއާގައި މީހަކު ޖެހި ޕޯސްޓެއްގައި ވަނީ މާލޭގައި ދަތިހާލުގައި އުލެމުންދާ ނޭޕާލް އަންހެނަކާއި އޭނާގެ ދަރިއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައިކަލެއް ގަތުމަށް އެހީވުމަށެވެ. ޒާރާ ނަމަކަށް ކިޔާ އެ އަންހެން މީހާގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަމްބަރާއެކު ޖަހާފައިވާ އެ ޕޯސްޓް ފެނިގެން އޭނާއަށް އެހީތެރިވުމަށް ނިންމީ ލިޓަސް އިންނެވެ. ލިޓަސް އިން މިހާރު ވަނީ ޒާރާއާ ބައްދަލުކުރުމަށް ނިންމާފައެވެ. އަދި ޒާރާއަށް އެހީތެރިވުމަށް ނިންމައި، ޒާރާ އެ ބޭނުންވާ ކަންތައް ފުއްދައި ދޭނެކަމަށް ވައުދުވެފައެވެ.

ލިޓަސް އިން ޒާރާއަށް އެހީތެރިވުމަށް ނިންމުމުން މުޅި މީސް މީޑިއާ މިހާރު ދަނީ ލިޓަސްއަށް ޝުކުރު އަދާ ކުރަމުންނެވެ.

https://twitter.com/LITUSmv/status/1057500714115760128

ޒާރާގެ ހިތާމާވެރި ވާހަކަ

ޒާރާއަކީ ނޭޕާލްއަށް ނިސްބަތްވާ މީހެކެވެ. 2011 ވަނަ އަހަރު އޭނާ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅުނު ފަހުން ލިބުނީ އަންހެން ކުއްޖެކެވެ. އެއީ މުސްކާންއެވެ. އެއިރު އޭނާގެ ފިރިމީހާ އެއްވެސް ވަރަކަށް މަސައްކަތް ނުކުރާއިރު، އެ އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ޒާރާގެ މަސައްކަތްކޮށްގެން ހޯދާފައިވާ ފައިސާއިންނެވެ. ޒާރާ އެއިރު އުޅެމުންދިޔައީ ފިރިމީހާގެ ރަށުގައެވެ. އެހެން އުޅުމުގެ ތެރޭގައި އެ ފިރިހެން މީހާ ޒާރާ ވަރިކުރިއެވެ. އަދި ޒާރާއަށް އެހީވުމުގެ ބަދަލުގައި އެ ފިރިހެން މީހާ ދަރިފުޅު ބެހެއްޓުމަށްފަހު ދިއުމަށެވެ. ނަމަވެސް ޒާރާ އެ ދަރިފުޅު ދޫކޮށްލާފައި ދާން ބޭނުން ނުވިއެވެ. އަދި ދަރިފުޅާއެކު މާލެ އައެވެ.

ޒާރާ މާލެ އައުމަށްފަހު އުޅެމުން ދިޔައީ ހާލުގައެވެ. ހުންނާނެ ތަނެއް ނެތިފައެވެ. ނަމަވެސް އެކުގައި ކުރީގައި މަސައްކަތް ކުރަމުންދިޔަ މީހެއްގެ އެހީތެރިކަމާއެކު ނިދާނެ ތަނެއް ހަމަޖެހުނެވެ. އެތަނުގައިވެސް އޭނާ އުޅުނީ ހާލުގައެވެ. އަދި އަނެއް ދުވަހު ދެމައިން ނިދާލާނެ ތަންކޮޅެއް ހޯދަން އޭނާ މަސައްކަތް ފެށިއެވެ. އަދި ލޯޔަރެއްގެ އެހީތެރިކަން ހޯދިއެވެ. އަދި 2015 ވަނަ އަހަރު ގިނަ ބައެއްގެ އެހީތެރިކަމާއެކު ޒާރާ ވަނީ މުސްކާން ކަސްޓަޑީ ލިބުނެވެ.

އަދި ދަރިފުޅު ބެލުމަށް މާލޭގައި އުޅުމަށްޓަކައި ވަޒީފާއެއް އޭނާ ހޯދިއެވެ. އަދި އެ ވަޒީފާއަށް ދަމުން މުސްކާންގެ ހުރިހާ ކަމެއް ޒާރާ ބަލަމުން ދަނީ އަމިއްލައަށެވެ. މުސްކާންގެ ބައްޕަގެ އެހީތެރިކަމެއް ނުލިބެއެވެ.

މުސްކާން ސްކޫލަށް ގެންދަން ފެށިފަހުން ދިމާވި ކަންކަން

މުސްކާން ސްކޫލަށް ގެންދިއުމަށް ޒާރާ ގަތީ ބައިސްކަލެކެވެ. އެ ބައިސްކަލުގައި ކޮންމެ ދުވަހަކު ޒާރާ މުސްކާން ސްކޫލަށް ގެންދެއެވެ. ނަމަވެސް މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ މުސްކާން އެ ބައިސްކަލުގެ ފަހަތުގައި އިންނަ ވަރަށް ވުރެ ބޮޑުވީއެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް ފުލުހުންވެސް ވަނީ ޒާރާއަށް އެކަން އަންގާފައެވެ. އެެހެންވެ މުސްކާން ސްކޫލަށް ގެންދަން ޒާރާއަށް ވަނީ އުނދަގޫތަކެއް ވެފައެވެ. އެ ދަތިތަކުން ބަރީއަވުމަށް ޒާރާގެ ވާހަކަ މީސް މީޑިއާގައި ހިއްސާކުރި ހަސަން ޒަކީ އެދުނީ އާއްމުންގެ އެހީތެރިކަމަށެވެ. ޒާރާއަށް މުސްކާން ގޮވައިގެން ދަތުރުކޮށްލެވޭނެ ސައިކަލެއް ގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ޒާރާގެ ވާހަކަ މީސް މީޑިއާގެ ސަމާލުކަމަށް

އެ ވާހަަކަ ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ޒާރާއާ މެދު ކަންތައް ކުރި ގޮތުގެ ވާހަކަ ކުރުކޮށް ބަޔާންކޮށްދިނުން މީސް މީޑިއާގައި ލިޓަސް ޓެގުކޮށް މީހުން ވަނީ އެ ޒާރާގެ ވާހަކައަކީ ތެދު ވާހަކައެއްކަމުގައި ވާނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

އަދި ލިޓަސް އިން ވަނީ އެ މީހުންނަށް ޒާރާ ހޯދައި ދިނުމަށް އެދިފައެވެ. އަދި ފަހުން ވަނީ ޒާރާއާ ބައްދަލުކުރެވޭ ގޮތް ވެއްޖެ ކަމަށްވެސް ބުނެފައެވެ. މިކަން މީސް މިީޑިއާގައި ސަމާލުކަމަށް ގެނެސް ޒާރާއަށް އެވަރުގެ ބޮޑުކަމެއް ކޮށްދޭން ލިޓަސް އިން ނިންމި ނިންމުމަކީ ގިނަ ބަޔަކަށް ލިޓަސްއާ މެދު ލޯބި ޖެހުނު އެއް ސަބަބަށެވެ.

ޒަރާއަށް އެހީވުމަށް ލޮޓަސް ބައިކްއިންވެސް ނިންމި

ގިނަބައެއްގެ އެދުމުގެ މަތިން ލޮޓަސް ބައިކްއިންވެސް ޒަރާއަށް އެހީތެރިވުމަށް ނިންމިއެވެ. ލޮޓަސް އިން ނިންމީ އެ މީހުން ވިއްކާ ސްކޫޓަރުތަކުން 50 އިންސައްތަ ޑިސްކައުންޓަކާއެކު ޒަރާއަށް ސްކޫޓަރެއް ދިނުމަށެވެ. އަދި ޒަރާއަށް ސައިކަލެއް ގަތުމަށް އެހީވަމުންދާ މީހުންގެ ފައިސާތަކާއެކު ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ޒަރާއަށް ސައިކަލު ދެވޭނެކަމަށް އުއްމީދު ކުރާ ކަމަށް ލޮޓަސް ބައިކްއިން ބުންޏެވެ.

މިއީ އެތައް ބަޔަކު މިއަދު އަޑުއަހަން ބޭނުންވާ ވާހަކަތަކެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ ދީންވެސް އެކަމަކަށް ބާރު އަޅާ ހެޔޮ ކަމަކަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޓަމަސް

    ލިޓަސްއިންއެހީވަނީ ނަންމަތިކުރަން! ނޫނީސަޕޯރޓްކުރާޕާރޓީގެ އެކްޓިވިސްޓުންނަށް!
    ކީއްވެދަތިހާލުަގައި ކުދިންސްކޫލަށްގެންދާ ދިވެހިމައިންނުފެންނަނީ؟! ހަސަންޒަކީއަށްވެސް ފެނުނީ ހަމައެކަނި އެއަންހެންމީހާތަ؟!

    • ޖޭކޭ ބްރޯ

      ކަލޭގެ ތިހުރި ޔަހޫދީ ވިސްނުން ދޫކޮށްލާނީ ކޮންއިރަކުން؟ ކަލޭއަށް ސައިކަލެއް ނުލިބުނީމަ ނޫނީ މީހަކު ގަނެ ނުދިނީމަ އެކަމާ ހަސަދަ ވެރި ވަނީ ތަ؟ ކަލޭއަށް ﷲ ލަޢުނަތް ލައްވާށި! ލިޓަސް އަށް ރަޙުމަތް ލައްވާށި! އާމީން

  2. ޖައުފަރު

    އަހުރެނެވެސް ޚާއްޞަ އެހީއަށް ބޭނުންވާ ރައްޓެއްސެއްގެ ވަނަވަރުތައް ލިޓަސް އާއި ޙަވާލު ކޮށްފިން . އަދި ޚަބަރެއް ނުވޭ !

  3. ސަންޖި

    ހާދަ ރަނގަޅޭ!!! ތީ އަސްލު ދިވެހިން ނަކީ.... ކޮންމެ ފަދަ ނަސްލެއްގެ މީހަކަސް، އެހީއެށް ބޭނުން ވަނީ ކަމަށް ވާނަމަ އެހީ ފޯރުކޮށް ދޭންވާނެ. ފާފައެށް ކުރުމައްޓަކައި އެހީއަކަށް އެދޭނަމަ ދީގެން ނުވާނެ!! ވަރަށް ރަނގަޅު ކަމެއް ތި!!!!