އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ލޯބިވެރިޔާ، އަދި މަޝްހޫރު "ސޫޓްސް" ސީރީޒްގެ އެކްޓްރެސް މޭގަން މާކަލް ރަހީނުކޮށްފިއެވެ.

މޭގަން ރަހީނުކޮށްފައި ވަނީ، އިނގިރޭސި ޝާހީ އާއިލާގެ މެމްބަރަކަށް ވުމުން ޙަމަލާއެއް އައިސްފި ހާލަތެއްގައި ސަލާމަތްވާނެ ގޮތް ކިޔައިދީ ތަމްރީނުކުރުމުގެ ގޮތުން، އިނގިރޭސި ސްޕެޝަލް ފޯސްގެ ސިފައިން ހިންގި ތަމްރީނު ޕްރޮގްރާމެއްގެ ދަށުންނެވެ.

އުމުރުން 36 އަހަރުގެ މޭގަން ރަހީނުކޮށްގެން ދެ ދުވަސް ވަންދެން ހިފަހައްޓާފައިވާއިރު، އަސްލު ހަތިޔާރާއި ވަޒަން ބޭނުންކޮށްގެން ޚާއްސަ ތަމްރީނުތައްވެސް އޭނާއަށް ސިފައިން ވަނީ ދީފައެވެ.

މިކަމާއި ގުޅިގެން އިނގިރޭސި ސްޕެޝަލް ފޯސްގެ އޮފިސަރަކު ބުނެފައިވަނީ، މޭގަން ރަހީނުކޮށްގެން ދިޔައީ ތަމްރީނު ޕްރޮގްރާމަކަށްކަން އޭނާއަށް އެނގުނުކަމުގައި ވީނަމަވެސް އޭނާ ހުންނާނީ ބިރުން "ހަލާކުވެފައި" ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގެ ބޭނުމަކީ، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް އޭނާ ތައްޔާރު ކުރުވުން ކަމަށް އޮފިސަރު ބުނެފައި ވެއެވެ.

"މި ތަމްރީނުގެ ތެރެއިން އަސްލު ހަތިޔާރުވެސް ވާނީ ބޭނުންކޮށްފައި. އެއީ އެފަދަ ހަތިޔާރުތައް ދެނެގަތުމާއި އޭގެ ޤާބިލުކަމާއި އެއިން އިވޭ އަޑުތައް ކިޔައިދިނުމަށް،" ސްޕެޝަލް ފޯސްގެ އޮފިސަރު ބުންޏެވެ.

މޭގަން ރަހީނުކޮށްގެން ގޮސް ސިފައިންގެ ޚާއްސަ ތަމްރީނު ކޭމްޕެއްގައި އޭނާ ދެ ދުވަސްވަންދެން ރަހީނެއްގެ ގޮތުގައި ހިފަހައްޓާފައިވާއިރު، އޭނާ އާއި އެކު ލޯބިވެރިޔާ ޕްރިންސް ހެރީވެސް ފަހުން ހުންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޭގަންއާއި ޕްރިންސް ހެރީގެ ކައިވެނި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ވިންޑްސަ ކާސަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު ޙަފްލާގައި އޭނާ ތަޤުރީރުވެސް ކުރާނެއެވެ. އުމުރުން 33 އަހަރުގެ ހެރީ އާއި މޭގަން އެންގޭޖްވީ އެކުގައި 16 މަސް ހޭދަކުރެއްވުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.