ދުވާލު ހަތަރުދަމު ބުރަ މަސައްކަތް ކޮށްފައި ގެޔަށް އައިސް ކޮންމެ މީހަކުވެސް ބޭނުންވާނީ ހަމަ ނިދި ހޯދުމަށެވެ. ނަމަވެސް ބައެއް ފަހަރު ކިތަންމެ ވަރުބަލިވި ނަމަވެސް ނިދޭގޮތް ނުވެއެވެ. ފަހަރުގައި އެއީ މާ ގިނައިން ކޮފީ ބުއިމުން ނުވަތަ އެނާޖީ ޑްރިންކު ބުއިމުން ދިމާވާ ކަމެއް ކަމަށްވެސް ވެދާނެއެވެ. އަނެއްބައި ފަހަރު އެއީ މާ ބޮޑަށް ކަމަކާ ފިކުރު ބޮޑުވުމުން ދިމާވާ ކަމަކަށްވުމުގެ ފުރުސަތުވެސް އޮވެއެވެ.

އެފަދަ ހާލެއްގައި އަވަހަށް އަމިއްލަ ނަފްސު ނިދީގެ ތެރެއަށް ޣަރަގު ކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެން ކަމުން އަވަހަށް ނިދޭނެ ގޮތްތައް ހޯދުމަށް ސައިންސުވެރިން ވަނީ ދިރާސާތައް ކޮށްފައެވެ. ތިރީގައި މިވަނީ ސައިންސުވެގެ ހޯދުންތަކުން މިކަމަށް އޮތް ހައްލެވެ.

ފައިތިލަ މަތީގައި ރަޖާ އެޅުން

ފައިތިލަ ފިނިން ރައްކާތެރިކުރުމަށް ބޭނުންވުމަކީ ނިދަން ވެއްޖެ ކަމުގެ ސިގްނަލް ސިކުނޑިއަށް ދައުރުވާ ކަމެކެވެ. އެއާއެކު ސިކުނޑިން ނިދުމަށް ބޭނުންވާ ކަންތައް ކުރިއަށް ދާނެއެވެ. ރަޖާއެއް ނެތް ނަމަ ފައިތިލައިގައި އިސްޓާކީނެއް ލެއްވިޔަސް އެންމެ ރަނގަޅެވެ.

ކިރުތައްޓެއް ބުއިން

ނިދުމުގެ ކުރިން ކިރުތައްޓެއް ބުއިމަކީވެސް ނިދުމަށް ފަސޭހަވެގެންދާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ކިރު ނުބޮވޭ މީހެއް ނަމަ ސޯއި މިލްކް ނުވަތަ އަލްމޮންޑް މިލްކް ބޮވިދާނެއެވެ.

ނުނިދަން ނިންމައި ހޭލައި އޮތުން

ސައިކޮލޮޖިސްޓުން ބުނާގޮތުގައި ނުނިދޭ ނަމަ ނުނިދަން ނިންމައި ލޯ ހުޅުވައިގެން އޮތުމުން މީހާގެ ހާސްކަން ގެއްލި އޭނާއަށް ނިދުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ލޯ މަރައިގެން އޮތުމަށްވުރެ ލޯ ހުޅުވައިގެން އޮތުމުންވެސް ނިދުމަށް ފަސޭހަވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

އުފާވެރި ކަމެއް ހިތަށް ގެނައުން

ސައިންސުވެރިން ބުނާ ގޮތުގައި ނިދަން އޮންނަ އިރު ތިމާ އެންމެ ހިތްހަމަ ޖެހޭ ކަންކަން ހިތައް ގެނައުމުން މީހާގެ ހާސްކަން ގެއްލި ނިދުމަށް އިތުރަށް ފަސޭހަވެގެން ދެއެވެ.