މައްޝޫރު ސޯޝަލް ނެޓް ވޯރކިން އެޕެއް ކަމުގައިވާ ވައިބާއިން، ދަރިވަރުންނަށް އަމާޒު ކޮށްގެން 1000 ޑޮލަރުގެ ސްކޮލާރޝިޕެއް ދޭން ނިންމައިފިއެވެ.

"ވައިބާ މޯބައިލް ޓެކްނޮލޮޖީ ސްކޮލާރޝިޕް ޕްރޮގްރާމް" ގެ ދަށުން، މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިވަގުތު ޔުނިވާރސިޓީ އެއް ނުވަތަ ކޮލެއްޖެއްގައި ނަމަވެސް ކިޔަވަމުންދާ ކޮންމެވެސް ތިން ދަރިވަރަކަށެވެ.

މި ސްކޮލާރޝިޕްގެ ފުރުސަތު ހޯދުމަށްޓަކައި ކުރަން ޖެހޭހައި ވެސް ކަމަކީ، 400-500 ބަސް ހިމެނޭ ގޮތަށް، ކުރިއަށް އޮތް 10 އަހަރު ތެރޭ ޓެކްނޮލޮޖީ ބަދަލުވެގެން ދާނެ ގޮތުގެ މައްޗަށް މަޒުމޫނެއް ލިޔެ ހުށަހެޅުމެވެ.

ވައިބާ ގެ ހަތްވަނަ އަހަރީ ދުވަސް ދާދިފަހުން ފާހަގަކޮށްފައި ވާއިރު، މިވީ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މި އެޕް ބޭނުން ކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިއަދުގެ މުޖްތަމައު މިދަނީ ދުވަހަކަށް ވުރެ ދުވަހެއް ޓެކްނޮލޮޖީއަށް އަހުލުވެރި ވަމުން ކަމަށާއި 2016 އާއި އަޅާ ބަލާއިރު ދުވާލެއްގެ މައްޗަށް މީހަކު ފޯނުގައި ހޭދަކުރާ ނިސްބަތް 188 ކުން 223 މިނެޓަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ޚަބަރުތައް ބުނާގޮތުން، ދަރިވަރުން ލިޔާ މަޒުމޫނު ތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ މި އަންނަ ޖޫން އެއްވަނަ ދުވަހެވެ. އަދި ސްކޮލާރޝިޕް ހާސިލްކުރާ ފަރާތްތައް އިއުލާން ކުރުން އޮންނަނީ އެ މަހުގެ 15 ވަނަ ދުވަހުގައެވެ.