ދިރިހުއްޓާ ހަށިގަނޑުގެ ހަންގަނޑާއި ގައިގެ މަސްތައް ކުނިކޮށްލުމަށް މެދުވެރިކުރުވާ ނުރައްކާތެރި ޑްރަގެއް އާންމުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިނގިރޭސި ތަޖުރިބާކާރުންތަކެއް އެދިއްޖެއެވެ.

މަސްތުވުމުގެ ބޭނުމުގައި ގިނަ ބަޔަކު ބޭނުންކުރަމުންދާ މި ޑްރަގަކީ، އިނޖެކްޝަން ކައްޓެއް ބޭނުންކޮށް ހަށިގަނޑުގެ ތެރެއަށް އިންޖެކްޓު ކުރާ ޑްރަގަކަށް ވާއިރު، މިއީ ބޭނުންކުރަން ފެށުމުން ދެވިހިފައި އެ ވަބާއިން ސަލާމަތްވާން އުނދަގޫ ޑްރަގެއް ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

"ކްރޮކޮޑީލް"ގެ ނަމުން ނަންދީފައިވާ މި ޑްރަގުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ފަހުގެ ތާރީޚުތަކުގައި މަރުވެފައި ވެއެވެ. މިގޮތުން މަރުވާ މީހުންގެ ތެރެއިން ގިނަ މީހުން މަރުވުމުގެ ކުރިން ހަށިގަނޑު، ކުނިވެ އިންފެކްޓުވެފައި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށްވެސް މި އިންފެކްޝަންތަކުގެ އަސަރުކޮށް ފުރާނައަށް ނުރައްކާ ކުރިމަތިކުރުވައެވެ.

އޮފިޝަލުން ބުނާގޮތުގައި، "ކްރޮކޮޑީލް" މިހާރު އެންމެ ހަލުވިކަމާއި އެކު ދައުރުވަމުން ދަނީ، އެމެރިކާ އާއި އިނގިރޭސިވިލާތުގައެވެ. މީގެ އިތުރުން ރަޝިޔާއިންވެސް މި ޑްރަގު އާންމުކޮށް ފެންނަމުން ދާއިރު، އެޤައުމުގައި ޑްރަގަށް ދެވިހިފާފައިވާ އެތައް ހާސް ބަޔަކު އުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިއްޙީ އޮފިޝަލުން ބުނާގޮތުގައި، "ކްރޮކޮޑީލް"ގެ ސަބަބުން ހަންގަނޑާއި ހަށިގަނޑު ކުނިވެ އަނދަނީ، މަސްތުވުމުގެ ބޭނުމުގައި ކައްކައިގެން އުފައްދާ އެ ޑްރަގަށް އެއްކޮށްފައި ހުންނަ ބައެއް ކަހަލަ ނުރައްކާތެރި ކެމިކަލާއި އެނޫންވެސް އެފަދަ މާއްދާތަކުގެ ސަބަބުންނެވެ. އަދި އޭގެ އަސަރު ޑްރަގް ބޭނުންކުރާން ފެށުމުން މާގިނަ ދުވަސްތަކެއް ނުވެ ފެންނައިރު، އެ އަލާމާތްތައް ފެންނަނީވެސް ހަށިގަނޑު ކުނިވާން ފެށުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

"ކްރޮކޮޑީލް" ބޭނުންކުރާ ފެށުމުން ހަންގަނޑާއި ގައިގެ މަސްތައް ކުނިވާން ދިމާވާއިރު، އެގޮތަށް ކުނިވެފައި ހުންނަ ތަންތަން އަލުން ރަނގަޅެއް ނުކުރެވެއެވެ. އެހެންކަމުން ހަށިގަނޑަށް އިންފެކްޝަންގެ އަސަރު ވިޔަނުދިނުމަށް އެބައިތައް ހަށިގަނޑުން ވަކިކުރާން ޖެހެއެވެ. ދިރިހުއްޓައި ހަށިގަނޑުން މިގޮތަށް ކުނިވާ ތަންތަނުން ނުބައި ވަސް ވެސް ދުވާ ކަމަށް ވެއެވެ.

އިނގިރޭސިވިލާތުގައި މި ޑްރަގު ހަލުވިކަމާއެކު ދައުރުވާން ފެށު ކަމާއި ގުޅިގެން، އެޤައުމުގެ ބެހޭ އިދާރާތަކުން ވަނީ އެފަދަތަކެތި ބޭނުން ނުކުރުމަށާއި ގޮތްނޭނގޭ ބޭސްތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނީނާ

    ނުބައި ކަންތައް ކުރާމީހުން ނިމިގެން ދާނީވެސް ވޭންދެނިވި ގޮތަކަށް

  2. ދޮން

    ތިކަހަލަ ގޮތަކުން ނަމަވެސް ތި މީހުން ނެތިގެން ދިއުމަކީ މުޖުތަމަޢަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ގަބޫލު ކުރެވެނީ.

  3. ނައުށާ

    މި ގެނަސް ޖަހަންވީ ސިހުރުވެރި ށައިތޯނުންގަޔަށް.

  4. ބިރުވެތިވާ މީހާ

    އަހަރެން ދެންމެ ގޫގުލް އިން ކްރޮކޮޑީލް ޑްރަގް ބޭނުން ކުރާ މީހުން ތިބޭ ގޮތުގެ އިމޭޖަސް ތަށް ބާލަލިން. ސުބުޙާނަﷲ. ހަމަ ހީވަނީ ޒޮމްބީސްް ތަކެއްހެން. ހެޔޮނުވާނެ ކުދީންނޭ މިކަހަލަ ނުރައްކާތެރި ޙާލަތަކަށް އަމިއްލަ ނަފްސް ގެންދަން. އަވަހަށް މިހާރު މަސްތުވަ ތަކެތި ބޭނުންކުރުން ހުއްޓާލާ

  5. އައްޓަމަސް

    ރާއްޖެއްށް ތިޔަ ޑޮރަގުގެންނަންޖެހޭ އެބަ1 އޭރުން ބޮއިގެން ހުސްވެ ދްރަގުގެ ވަބާއިން ރައްޖެސަލާމަތްވެދާނެ!

  6. ދެރަކަމެއް

    އިންސާނާގެ އަމިއްލަ ނަފްސު ހަލާކު ކޮއްލުމުގެ ޒިންމާ ނަގަން ޖެހޭނީ އިންސާނާ އަމިއްލަ އަށް.

  7. ފަތަފޮޅި..

    ރާއްޖޭ ގަވެސް ދުވަސް ކޮޅަކުން ތިބައި އޮއްނާ ނީ...??

  8. ާއައިސާ

    ތިއެއްޗެހި އެތެރެ ނުކުރެވޭނެގޮތް ހެދުމަށް މި ދިވެހިރާއްޖެ މިވަނީ ނުކުޅެދިފައި. އެހެންވީމަ މިހާ މައްޗަށް ގޮސްފައި މިއޮތީ...!

  9. ދޮންއާދަނު

    ދިވެހި ސަރުކާރުން ދޮޔަ ޑުރަގު ގެނެސް ޑުރަބު ބޭނުން ކުރާ މީހުނއނަށް ބަހަންވީ ވަކި ދަފަތަރެއް ހަދައިގެން.. އޭރުން އިސާހިތަކު އެމީހުންގެ ވެބާއިން ސަލާމަތްވެދާނެ.