ޑްރައިވަރަކާއި ނުލާ ވައިގެމަގުން ދަތުރުކުރެވޭ ޓެކްސީއެއްގެ ޚިދުމަތް ސިންގަޕޫރުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ޖާމަނީގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ، ޑްރޯން އަކާއި އެއްގޮތް ސިފަތަކެއް ލިބިފައިވާ "ވޮލޮކަޕްޓަރ"ގެ ޚިދުމަތް ސިންގަޕޫރުގައި އަންނަ އަހަރު ފެށުމަށް މިހާރު ތައްޔާރުވަމުންދާއިރު، މި ޚިދުމަތް ފެށުމަށް ބޭނުންވާ އާލާތްތައް މިހާރު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ސިންގަޕޫރުގެ އެތެރޭގެ ދަތުރުތަކަށް ޚާއްސަ ކުރެވިގެން ތައާރަފްކުރެވޭ މި ޚިދުމަތް އެޤައުމުގެ ހުރިހާ ސިޓީއެއްގައިވެސް ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ އެއްތަނުން އަނެއް ތަނަށްދާން ކުރާ ދަތުރުތައް ކުރުވެ އަވަސް ވެގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މި ދަތުރުތައް ކުރުމަށް ތައްޔާރުކޮށްފައިވާ އުޅަނދަކީ ހުއްޓާނުލާ 30 ކިލޯމީޓަރު (19 މައިލް) ގެ ރާސްތާއަކަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ދެ ފަސެންޖަރުންގެ ޖާގަ ހުންނަ މި އުޅަނދު ދަތުރުކުރާނީ ބިމުން ފަށައިގެން 330 ފޫޓު މަތިން ކަމަށްވާއިރު، އޭގެ އަޑު މަޑުވުމުން މި އުސްމިނުން ދަތުރުކުރާއިން ބިމާއި ހަމައަށް އުޅަނދުގެ އަޑެއް ނީވޭނެއެވެ.

ކަރަންޓު ބޭނުންކޮށްގެން ހަކަތަ ހޯދާ "ވޮލޮކަޕްޓަރ" އަކީ ޚާއްސަ ރިމޯޓެއް ބޭނުންކޮށްގެން ކޮންޓްރޯލްވެސް ކުރެވޭގޮތަށް އުފައްދާފައިވާ އުޅަނދެކެވެ. އެހެންކަމުން މި އުޅަނދު ބޭނުންކޮށްގެން ޓެކްސީ ދަތުރުތައް އިންތިޒާމްކުރާ ފަރާތްތަކަށް އޭގެ އެންމެހާ ކަންކަން ކޮންޓްރޯލްކޮށް ބެލެހެއްޓޭނެއެވެ.

މި ޚިދުމަތް އިތުރަށް ފުޅާކޮށް ޤައުމުތަކަށް ތައާރަފް ކުރުމަށް އެ އުޅަނދު އުފައްދާ ޖާމަނީގެ ކުންފުނިން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.