ދިވެހިރާއްޖޭގައި ސްނެޕްޗެޓަކީ ހަމައެކަނި ޅަ ކުދީންގެ މެދުގައި މަޤުބޫލު އެއްޗެއްކަމުގައިވިޔަސް، އެހެން ޤައުމުތަކުގައި މިއީ އެހެން އުމުރުތަކުގެ މީހުންގެ މެދުގައިވެސް މަޤުބޫލު ވަސީލަތެކެވެ. މައިންބަފައިންނަށް، އެމީހުންގެ ދަރިން ކުރާ ކަންކަން ނުވަތަ ދަރިން ކުރާ ސްނެޕުތައް ފެނޭމެއެވެ. ކުރިއަރާފައިވާ އިނގިރޭސިވިލާތުގައި ކަންތައް އޮތީ މިހެންނެވެ،

މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކެއް، އެމީހުންގެ ކުލާސް ރޫމުގެ ތެރެއިން ކޮށްފައިވާ ސްނެޕަކުން ފެންނަ މަންޒަރުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ބެލެނިވެރިންތަކެއްވަނީ "ރަތަށް" އަރާފައެވެ. އެކަމާ ގުޅިގެން އެތައް ބެލެނިވެރިންތަކެއް ސްކޫލަށް މައްސަލަ ހުށަހަޅާފައިވެއެވެ.

މި ބެލެނިވެރިން ރަތަށް އަރަން މެދުވެރިވެފައިވަނީ، އެސްކޫލުގައި އެހެން ޤައުމަކުން ރެފިއުޖީއެއްގެ ގޮތުގައި އިނގިރޭސިވިލާތަށް ހިޖުރަކޮށްފައިވާ މީހެއް އިނުމުންނެވެ. މައްސަލައަކީ އަދި އެއީއެއް ނޫނެވެ. މައްސަލައަކީ އެއީ އުމުރުން 30 އަހަރުގެ މީހެއްކަމަށް ވުމުންނެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އެމީހާ ސްކޫލަށް ވަދެފައިވަނީ އެއީ 15 އަހަރުގެ ކުއްޖެއްކަމަށް ބުނެއެވެ. އަދި، އޭނާގެ ތައުލީމީ މަރުޙަލާ ފަށާފައިވަނީ ލަހުންކަމަށްވެސް، އެހެން ކުދިންގެ ގާތުގައި ބުނެފައިވާކަމަށް ބުނެއެވެ.

ދަރިވަރުން ސްނެޕް ކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހަކު، އެކުދިންގެ ކުލާހުގައި ކިޔަވަން އައިސް އިނީ ކީއްވެގެންތޯ އަހާ، މަޖާ ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، މައިންބަފައިންނަށް މިކަން އެނގުމުން، އެމީހުން މަޖާވާ ގޮތެއް ނުވިއެވެ. އެތައް ބެލެނިވެރިއަކު، ސްކޫލުގެ ހެޑް ޓީޗަރަށް މައްސަލަ ހުށަހެޅުމުން، ރެފިއުޖީއެއްގެ ގޮތުގައި އުޅެމުންދިޔަ މީހާވަނީ އެޤައުމުގެ ހޯމް އޮފީހާ ހަވާލުކޮށްފައެވެ.

އެކި މައްސަލަތަކުގެ ސަބަބުން ޔޫރަޕުގެ ޤައުމުތަކަށް، ރެފިއުޖީންގެ ގޮތުގައި މީހުން އެތެރެވުމަކީ އާއްމު ކަމެކެވެ.