ތިމާ ބޭނުންވާ ލަނޑުދަނޑިއެއް ނުވަތަ ދެކެމުން އަންނަ ހުވަފެނެއްގައި ހަޤީޤީ ކުލަ ޖެއްސުމަކީ، ހަޤީޤަތުގައިވެސް ކުރެވިދާނެ ކަމަށް ޤަބޫލުކުރަނީ މަދު ބައެކެވެ. އެހެން ނަމަވެސް ކޮންމެ އުންމީދެއްގައިވެސް ދިރުމެއްވާކަމީ ފެންނާން އޮތް ހަޤީޤަތެވެ. އެގޮތުން ހިއްވަރާއިއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބާއި ހަމައަށް ވާސިލުވުމަކީ ވަކިބަޔަކަށް އޮތް ކަމެއް ނޫންކަން އިޓަލީގެ ޒުވާން މޮޑެލްއަކު ވަނީ ސާބިތުކޮށްދީފައެވެ.
މިހާރު އުމުރުން 18 އަހަރު ފުރިފައިވާ ކިއާރާ ބޯޑީ އަކީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި ހިނގި އެކްސިޑެންޓަކަށްފަހު ފަޔަށް ލިބުނު ގެއްލުމަކާއި ގުޅިގެން އެއްފައި ބުރިކޮށްފައިވާ މީހެކެވެ. އެ ނުރައްކާތެރި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ނަަމަވެސް ސަލާމަތްވުމަކީ އުންމީދާއި ހަމައަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމަށް ދެކިގެން އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
އެ ހުވަފެންތަކާއި ހަމައަށް ވާސިލުވުމަށް ސްކޫލް ދައުރުން ފެށިގެން އޭނާ މަސައްކަތްކުރަމުން ދިޔައިރު، ގިނަ ބައެއްގެ ފަރާތުން މަލާމާތާއި ފުރައްސާރައިގެ ބަދު ބަސްތައް ރައްދުވިކަމަށް ކިއާރާ ބުނެއެވެ. އެގޮތުން އެއްފައި ނެތް މީހަކަށް މޮޑެލްގެ ދާއިރާއިން ކުރިއަރައިގޮސް، ރީތީގެ ރާނީއަކަށް ވުމަކީ ތާރީޚުންވެސް އެނގެން އޮތްކަމެއް ނޫންކަމަށް ބުނެ އެ އުންމީދުތައް ފުނޑުކޮށްލަން ގިނަ ބަޔަކު މަސައްކަތް ކުރިކަމަށް އޭނާ ބުނެފައި ވެއެވެ.
ނަމަވެސް އެ ވާހަކަތަކަށް ކިއާރާ އަބަދުވެސް ދެމުން އައީ އެއް ޖަވާބެކެވެ. އެއީ، އޭނާއަކީ އެއްފައި މަދުމީހެއްކަން ޤަބޫލުކުރާ ހިނދު، އެފަދަ ވާހަކަތައް ދައްކަނީ ހިތާއި ސިކުނޑި މަދު ބައެއްކަމަށް ބުނެ އޭނާ ދެމުންދިރަ ތައްދެވެ.
މިގޮތުގައި ކިއާރާ ހިއްވަރާއިއެކު މަސައްކަތްކޮށް، ފޮރުވައިގެން އުޅުނު ޕްލާސްޓިކް ފައި ފަހުން ވަނީ ރީތީގެ ރާނީ ހޮވުމަށް ބޭއްވި މުބާރާތެއްގައި ދައްކާލާފައެވެ. ގިނަ ބަޔަކަށް އެމަންޒަރު ފެނުމުން ބޮޑު ހައިރާންކަން ލިބިގެން ދިޔަނަމަވެސް، އޭނާގެ ހިއްވަރުގަދަކަމާއި އަޒުމު ވަރުގަދަކަން އެންމެންވެސް ދިޔައީ ފާހަގަކުރަމުންނެވެ.
ކިއާރާ ބުނީ، އޭނާ އެ މުބާރާތުގައި ބައިވެރިވީ މުބާރާތް ކާމިޔާބު ކުރުމުގަ ނިޔަތުގައި ނޫޏް ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ބޭނުންވީ، އެފަދަ ސްޓޭޖެއްގައި އެއްފައި ނެތިވެސް ފައިހަމަކޮށްލުމަކީ ކުރެވިދާނެ ކަމެއްކަން، ކުރީގައި މަލާމާތްކުރަމުންދިޔަ މީހުނަށް ހާމަކޮށްދިނުމަށް ކަމަށް ކިއާރާ ބުންޏެވެ.
"އަހަރެން ބޭނުންވީ އެއްވަނަ ހޯދާކަށް ނޫން. އެކަމަކު ދުނިޔެއަށް ދައްކައިދޭން ބޭނުންވީ ކިތަންމެ ބޮޑުކަމެއް ދިމާވިނަމަވެސް، ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެއްސުމަކީ ކުރެވިދާނެ ކަމެއްކަން. އަހަރެން ހޯދަން ބޭނުންވި ކާމިޔާބީއަކީ އެއީ،" ކިއާރާ ބުންޏެވެ.
ކިއާރާ ވަނީ، މި މުބާރާތުން ކުރި ހޯދައިގޮސް އިޓަލީގެ ރީތީގެ ރާނީ ހޮވުމަށް ބޭއްވި ފައިނަލުން ޖާގަ ހޯދާފައެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ ތައުރީފު ކިއާރާއަށް ދަނީ ލިބެމުންނެވެ.
ﷲ ގެ ރުހިވޮޑިގަތުން ނުލިބޭނަމަ ކޮބާބާ ވާ މޮޅަކީ؟ ސޯ ސޭޑް. ޕުފްޓް
އެއް ފަައި ނެތަސް ދެފައި ނެތަސް މީހުންގެ ހިތް އަތުނުލާވަރު ވާ މޭ ގަނޑެއްނު ތިއޮތީ