ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝާހްރުކް ޚާންއަށް 53 އަހަރުވީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. ރޭގެ ވަގުތެއްގައި މުމްބާއީގެ ސުބުރުބާންގައި ހުންނަ ރެސްޓޯރެންޓެއްގައި ޝާހްރުކްގެ އުފަންދުވަސް ފާހަގަކުރަން ހަރަކާތްތަކެއް ހިންގިއެވެ.

ޝާހްރުކްގެ އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީ ރޭ ކުރިއަށްދިޔައިރު، އެ ޕާޓީ ހުއްޓުވަން ޖެހުނީ ފުލުހުންނެވެ. ފުލުހުން އެ ޕާޓީން ހުއްޓުވަން ޖެހުނީ ދަންވަރު 1ގެ ފަހުންވެސް އެ ރެސްޓޯރެންޓް ހުޅުވައިގެން ހިދުމަތް ދެމުން ގެންދިޔުމާ ގުޅިގެންނެވެ.

އެ ޕާޓީގައި ޝާހްރުކް އާއި އޭނާގެ ރަހުމަތްތެރިން ތިބީ ބާރަށް ލަވަޖައިގެން ސަކަރާތުގައެވެ. ސިޓީގައި 1:00 ގެ ފަހުން ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ. އެހެން ނަމަވެސް ޝާހްރުކް އޭނާގެ ރަހުމަތްތެރިންނާއެކު އެވަގުތުގަވެސް ދިޔައީ މަޖާ ކުރުމުގައެވެ. އެހެންވެ ފުލުހުން އެކަން ހުއްޓުވީއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މިހާރު ޝާހްރުކްގެ އެންމެ އަވަހަށް ދެން ނެރޭނެ ފިލްމަކީ "ޒީރޯ" އެވެ. ޒީރޯގެ ޓްރެއިލާ ނެރެފައި ވަނީވެސް ޝާހްރުކްގެ އުފަން ދުވަހުއެވެ.