މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ އެކައުންޓް ތަކެއް ހެކް ކޮށްފިއެވެ.

ހެކް ކުރި އެކައުންޓްތަކުގެ ތެރޭގައި މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި، ފުޓްބޯޅަ ކްލަބްތަކުގެ ވެރިފައި ކޮށްފައިވާ އެކައުންޓްތައް ހިމެނެ އެވެ.

ހެކް ކުރި ބައެއް އެކައުންޓްތައް ހެކް ކުރުމަށް ފަހު، ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޓެސްލާ މަސްކުގެ ނަމަށް އެކައުންޓްތައް ބަދަލުކޮށް އޭނާގެ ފޮޓޯ ވެސް އެ އެކައުންޓްތަކަށްލާފައެވެ.

މި އެކައުންޓްތަށް ހެކް ކުރި ހެކަރުން ވަނީ އާންމުނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މުއާމަލާތް ހިންގާފައެވެ. މި އެކައުންޓްތައް މެދުވެރިކޮށް ވަކި އަދަދަކަށް ބިޓްކޮއިން ފޮނުވައިފިނަމަ، އޭގެ ބަދަލެއްގެ ގޮތުގައި ގިނަ އަދަދެއްގެ ބިޓްކޮއިން އަނބުރާ އެ މީހަކަށް ފޮނުވާނެ ކަމަށް ބުނާ ޓްވީޓެއް އެ އެކައުންޓްތަކުން ކޮށްފައި ވެއެވެ.

އެ ޓްވީޓުތައް ގަބޫލުކޮށް، ބިޓް ކޮއިން ފޮނުވި މީހުންނަށް އަނބުރާ އެއްވެސް ބިޓްކޮއިނެއް ލިބިފައެއް ނުވެ އެވެ. އަދި ހެކް ކޮށްފައިވާ އެހެން އެކައުންޓްތަކުން އެ ޓްވީޓުތަކަށް ރިޕްލައިކޮށް، އާންމުންނަށް އޮޅުވާލައިގެން އިތުބާރު ލިބޭ ގޮތަށް ހެކަރުން ދަނީ އަމަލު ކުރަމުންނެވެ.

ހެކް ކުރި ޓްވީޓާ އެކައުންޓްތަކުގެ ތެރެއިން ގިނަ އެކައުންޓްތައް މިހާރު ވަނީ ރިކަވާ ކޮށްފައެވެ. މަޝްހޫރް ސެލެބްރިޓީންގެ މީސްމީޑިއާ އެކައުންޓްތައް ހެކް ވުމަކީ އާންމު ކަމެކެވެ.

ދާދިފަހުން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންގެ އެކައުންޓްތައް ވެސް ވަނީ ހެކްވެފައެވެ. 2006 ގައި ވުޖޫދަށް އައި ޓްވިޓާއަކީ މިހާރު 335 މިލިއަނަށް ވުރެ މީހުން ބޭނުން ކުރާ މަޝްހޫރު އެއް މީސް މީޑިއާ ޕްލެޓް ފޯމްއެވެ.