އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގައި ވިއްކާ ކޮންޕިއުޓަރ އަދި ލެޕްޓޮޕްތަކުގައި ބޭނުން ކޮށްފައި ހުންނަނީ ވިންޑޯސްގެ ވަގު ކޮޕީތަކެއް ކަމަށް ވިއްޑޯސް އުފައްދާ ކުންފުނި މައިކްރޯސޮފްޓްއިން ހާމަކޮށްފިއެވެ.

މައިކްރޯސޮފްޓް އިން ނެރުނު ރިޕޯޓްއެއްގައި ބުނެފައިވަނީ އޭޝިޔާގެ ގިނަ ޤައުމުތަކުގެ ފިހާރަތަކުން ވިއްކާ ލެޕްޓޮޕްތަކުގައި ހުނަންނީ ވިންޑޯސްގެ ވަގު ކޮޕީތަކެއް ކަމަށާއި މިއީ އިންތިހާ ދަރަޖައަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ އެކި ފެންވަރުގެ ފިހާރަތަކުން ގިނަ ލެޕްޓޮޕް އަދި ކޮންޕިއުޓަރ ގަތުމަށްފަހު ކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ އެންމެ ގިނައިން މިފަދަ ވަގުކޮޕީ ބޭނުންކޮށްފައިހުރީ އޭޝިޔާގެ ޤައުމުތަކުގައި ވިއްކަން ހުރި ލެޕްޓޮޕްތަކުން ކަމަށެވެ.

މިގޮތުން މެލޭޝިޔާ، ތައިލޭންޑް، ވިއެޓްނާމް ފަދަ ބޮޑެތި މޭކެޓްތަކުގައި ވެސް ވަގު ވިންޑޯސްގައި ލެޕްޓޮޕް އަދި ކޮންޕިއުޓަރ ވިއްކާ ކަމަށާއި އެންމެ ގިނައިން މިފަދަ ކޮންޕިއުޓަރ ވިއްކާ ޤައުމަކީ އިންޑިޔާ ކަމަށްވެސް މައިކްރޯސޮފްޓްއިން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ. މިގޮތުން އިންޑިޔާގައި ވިއްކާ 91 އިންސައްތަ ކޮންޕިއުޓަރ އަދި ލެޕްޓޮޕްގައި ބޭނުންކޮށްފައި ހުންނަނީ ވަގު ވިންޑޯސްއެވެ.

މައިކްރޯސޮފްޓްއިން ބުނެފައިވަނީ ލެޕްޓޮޕް އަދި ކޮންޕިއުޓަރ ވިއްކާ ފިހާރަތަކުން މިގޮތަށް ކަންތައް ކުރުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށާއި މައިކްރޯސޮޕްޓްގެ މުވައްޒިފުން ކުރާ ބުރަ މަސައްކަތް އަގަކާއި ނުލާ ފޭރި ގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ވަގު ވިންޑޯސްތައް އަޅާފައި ހުންނަ ކޮންޕިއުޓަރ އަދި ލެޕްޓޮޕް ހެކްކޮށް ޒާތީ މަޢުލޫމާތު ވަގަށް ނެގުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މައިކްރޯސޮފްޓްއިން ހާމަކޮށްފައިވެއެވެ