ދުނިޔޭގެ ބާޒާރުގައި މިހާރު އެންމެ ޑިމާންޑް ބޮޑު އެކައްޗަކީ ފޯނެވެ. މިއާއެކު ފޯނު އުފައްދާ ކުންފުނިތަކުން އެހެން ފޯނުތަކާ ޚިލާފް އަދި ތަފާތު ގޮތަކަށް ފޯނު ޑިޒައިން ކުރެވޭތޯ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑު ދެ ފޯނު މާކެޓް ކަމަށްވާ އެޕަލްއާއި ސެމްސަންގުންނެވެ.

ތަފާތު ގިނަ މޮޑެލްތަކުގެ ފޯނުތައް ބާޒާރުގައި ވިއްކަން ފެށުމާއިއެކު އެޕަލްއާއި ސެމްސަންގްއަށް ލިބެމުންއައި ތަރުޙީބު ވަނީ ކުޑަވެފައެވެ. ސަބަބަކީ ހެޔޮ އަގެއްގައި އެހެން ބްރޭންޑްތަކުގެ އެއް ކަމެއް ކުރެވޭ ފޯނުތައް ލިބޭތީއެވެ. މިއާއެކު ސެމްސަންގް އާއި އެޕަލްއިން ވަނީ އެމީހުންގެ ފޯނު އެހެން ކުންފުނިތަކުގެ ފޯނުތަކާ ތަފާތުކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ސެމްސަންގްއިން ކުރަން ފަށާފައިވާ މަސައްކަތަކީ މަޅާލެވޭ، ފަތްޖަހާލެވޭ ފޯނެއް ނުފެއްދުމެވެ.

ސެމްސަންގްއިން މަޅާލެވޭ ފޯނެއް އުފެއްދުމުގެ ވާހަކަ އަހަރެއް ދުވަސް ކުރިން ދެކެވެން ފަށާފައިވާ އިރު، ސެމްސަންގެ މޯބައިލް ޗީފް، ޑީޖޭ ކޮހް ވަނީ މިފަދަ ފޯނެއް ނެރެން އުޅޭ ކަމަށް މީޑީއާތަކަށް މަޢުލޫމާތު ދީފައެވެ.

ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ފަތްޖެހޭ އެ ފޯނަށް ސެމްސަންގްއިން ދީފައިވާ މޮޑެލްއަކީ "ސެމްސަންގް އެފް" ސީރީސް އެވެ. އަދި މިމަހުގެ ތެރޭގައި އެފް ސީރީސް މާކެޓްއަށް ނެރޭނެއެވެ.

ސެމްސަންގްގެ ފޯން ބާޒާރަށް ނެރެފިނަމަ ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.