ކަމުދާ ވަޒީފާއެއް ނުލިބިގެން އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ރަނގަޅު މުސާރައެއް ލިބޭ އަދި އެހެންވެސް ރަނގަޅު އިނާޔަތްތައް ލިބޭ ވަޒީފާތައް ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާއިރު، މި ވަޒީފާތައް ހޯދުމަށް ކިއުތައް ވަނީ ހަދާލާފައެވެ. ހަމައެހެންމެ، އާއްމުކޮށް ހުންނަ ވަޒީފާތަކާ ތަފާތު ވަޒީފާތައް ހޯދުމަށްވެސް އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، މިއީ އެފަދަ ތަފާތު ވަޒީފާއެކެވެ. އެއީ ދަރިން ބެލުމުގެ ވަޒީފާއެކެވެ. އެހެންނަމަވެސް، އެއީ ކޮންމެ ދުވަހަކު ގެއަކަށް ގޮސްގެންނެއް ނޫނެވެ. ދަރިން ބަލަން ދާން ޖެހެނީ، ފަތުރުވެރިންގެ މެދުގައި އެންމެ އަގުބޮޑު އެއް މަންޒިލްކަމުގައިވާ ބަހާމާސް އަށެވެ. ބަހާމާސްގައި ދަރިން ބަލަން ޖެހެނީވެސް އެންމެ ފެންވަރު ރަނގަޅު ތަނެއްގައެވެ. ހަމައެހެންމެ، މުޅި އުމުރު ދުވަހަކަށް އެކަން ކުރާކަށްވެސް ނުޖެހެއެވެ. ދަރިން ބަލަން ޖެހެނީ، ކުޑަކުޑަ، މުއްސަނދި އާއިލާއަކުން އެޤައުމަށް ކުރާ ޗުއްޓީ ދަތުރުގެ ތެރެއިންނެވެ.

ބައިނަލްއަޤުވާމީ މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ވަޒީފާއަށް މީހަކު ހޯދުމުގެ މަސައްކަތް ކުރަނީ ދުނިޔޭގެ ވަރުގަދަ ބޭންކެއްގެ އެގްޒެކެޓިވެއްކަމުގައިވާ ޖެންނާ އެސް ނަމަކަށް ކިޔާ ލަންޑަނުގެ އަންހެނެކެވެ.

އިޝްތިހާރު ޖަހާ އެޕްލިކޭޝަނެއްގައި މި މަޤާމަށް މީހަކު ހޯދުމަށް އެންމެ ފުރަތަމަ އިއުލާން ކޮށްފައިވާއިރު، އިޝްތިހާރު ފެނި އެތައް ބަޔަކު މި ވަޒީފާއަށް ޝައުގުވެރިވިކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ. އެހެންނަމަވެސް، ވަޒީފާއަށް އެންމެ އެކަށީގެންވާ މީހަކު ނަގަން ހަމަޖެހިފައިވަނީ ރަނގަޅަށް ބެލުމަށްފަހުގައެވެ.

އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ދެ ހަފްތާގެ މުއްދަތަށް ބަހާމާސް އަށް ޗުއްޓީ ހޭދަކޮށްލަން ދާއިރ، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޖެންނާގެ ދެ އަންހެން ދަރިންގެ ކަންކަން ބެލެހެއްޓުމެވެ. ހެނދުނުން ފެށިގެން އެކުދިން ނިދަން ވަންދެން އެކުދިންގެ ކަންކަން ރަނގަޅަށް ބަލަހައްޓަން ޖެހޭނެއެވެ. އެހެންނަމަވެސް، އަރާމުކޮށްލުމުގެ އެތައް ފުރުޞަތެއްވެސް ލިބޭނެކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ޖެންނާގެ އާއިލާއިން ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވަނީ ޕްރައިވެޓް ވިލާ އެއްގައެވެ. އެތަނަށް ޕްރައިވެޓް ބީޗް އެއް ލިބޭއިރު ސްޕާ އާއި އެހެން ބައެއް ޚިދުމަތްތައްވެސް ލިބޭނެއެވެ. ދަރިން ބަލަން ގެންދާ މީހުންނަށްވެސް މި ޚިދުމަތްތައްވެސް ލިބޭނެއެވެ.

ބަހާމާސް އަށް ދިއުމަށް، ވަޒީފާއަށް ކުރިމަތިލާ މީހާ އެއްވެސް ޚަރަދެއް އަމިއްލަ ޖީބުން ކުރަން ނުޖެހޭއިރު ރަނގަޅު މުސާރައެއްވެސް ލިބޭނެއެވެ. ވަޒީފާއަށް ކުރިމަތިލާން ބޭނުން ފަރާތްތަކުން ޖެހެނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ޖެންނާ އަށް އަންގަންކަމަށްވެސް ނޫސްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު