ރަޝިއާގެ ދެކުނުގައި ދިރިއުޅޭ ނަޓާލިއާ ވޮރޮބީވާ އަކީ ވަރަށް އުފާވެރި މަންމަ އެކެވެ. ކޮންމެ ދުވަހަކު ތިން ދަރިންނާއި އެކު އޭނާ ހޭދަކުރަމުން އައީ އުފާވެރި ވަގުތުތަކެކެވެ. ހައަހަރާއި ތިން އަހަރާއި ދެމެދުގެ ތިން ފިރިހެން ކުދިންގެ މަންމަ އަށް ދަރިންނާއި އެކު ކިތަންމެ އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ނަމަވެސް މިއަދު އެއުފާވެރި ކަމަށް ވަނީ ނިމުން އައިސްފައެވެ.

ނަޓާލިއާ އޭނާގެ ރަހުމަތްތެރިއަކާއި ބައްދަލު ކޮށްލަން ތިން ދަރިން ގޭގައި ބޭތިއްބުމަށް ފަހު ދިޔައީ އެއީ އޭނާގެ ދިރިއުޅުން އެފުއް މިފުށަށް ޖަހާލާނެ ނިންމުމެއް ކަމަށް ހީކޮށްގެންނެއް ނޫނެވެ. ތިން ދަރިން ގޭގައި ބޭތިއްބުމަށް ފަހު ގޭގެ ދޮރުތަކުގައި ތަޅުލާފައި ނަޓާލިއާ ދިޔައީ ވަރަށް އަވަހަށް އެނބުރި އަންނަން ނިންމައިގެންނެވެ. އެއީ ފިރިމީހާ ވެސް ގޭގައި ނެތުމުންނެވެ.

ނަޓާލިއާ ވަރަށް އަވަހަށް އެނބުރި ގެއަށް އައެވެ. ނަމަވެސް އޭރު މާލަސް ވެއްޖެއެވެ. އޭރު ގޭގައި އަލިފާން ރޯވެ އޭނާގެ ތިން ދަރިން ވަނީ މަރުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި ހައަހަރުގެ އެއް މާބަނޑު ދެކުދިންނާއި ތިން އަހަރުގެ ކުއްޖާ މަރުވެފައި ވަނީ އަލިފާން ރޯވުމުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ފޮރެންސިކް ތަހްލީލްތަކުން ދައްކާ ގޮތުގައި އެއްމާބަނޑު ދެކުދިން ވަނީ ކޮއްކޮ ވެސް ގޮވައިގެން ގެއިން ނިކުތުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ގޭގެ ދޮރު އެކުދިންނަށް ނުހުޅިވެގެން އުޅެނިކޮށް ތިން ކުދިން ވަނީ މަރުވެފައެވެ.

ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގެ ހޫނު ކުރަން ބޭނުން ކުރާ ނިޒާމްގައި އަލިފާން ރޯވެގެންނެވެ. އެނިޒާމްގައި ގޭސް ލީކް ވުމުގެ މައްސަލައެއް އުޅޭކަން ކުރިން ވެސް ނަޓާލީގެ ދެމަފިރިންނަށް އޮތީ އެނގިފައެވެ. ނަމަވެސް އެ މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ނެތިގެން އޮތީ މަރާމާތުގެ މަސައްކަތް ނުކުރެވިއެވެ.

ތިން ކުދިންގެ މަރުގައި މަންމަ އާއި ބައްޕަަގެ އިހުމާލެއް އޮވެއްޖެކަން ފާހަގަ ކުރެވިއްޖެނަމަ ދައުވާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު