މަންމަ އިން ދަރިން ދެކެ ވަނީ އާދަޔާއި ޚިލާފު ލޯތްބެކެވެ. މިއީ ވެސް އެކަމުގެ މިސާލެކެވެ.

ޗައިނާގައި މީގެ 12 އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާވި 36 އަހަރުގެ ފިރިހެނަކު އެކްސިޑެންޓަށް ފަހު ހޭނެތި ކޯމާ އަކަށް ދިޔައެވެ. އޭނާ އަށް އެހީތެރިވާން ހުރީ މުސްކުޅިވެފައި ހުރި މަންމަ އެވެ.

އުމުރުން 75 އަހަރުގެ މަންމަ ވެއި މިނިންގް ވަނީ ފާއިތުވި 12 އަހަރު ހަފްތާއަކު ހަތް ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދަރިފުޅުގެ ޚިދުމަތުގައި ހުރެފައެވެ. މުޅި މިލްކިއްޔާތު ވިއްކާލާ، ދަރަންޏަށް އެތައް ލައްކަ ފައިސާއެއް ހޯދައިގެން ވެސް މަންމަ އެފައިސާ ޚަރަދު ކުރީ ދަރިފުޅުގެ ބޭސްފަރުވާ އަށެވެ.

މަންމަގެ ދުވަސް ކޮންމެ ދުވަހަކު ވެސް ފަށަނީ ފަތިހު 5:00 ގައެވެ. ކޮންމެ ދުވަހު ދަރިފުޅު މަސާޖް ކޮށްދީ ދަރިފުޅު ސާފުކޮށްދިނުމަށް ފަހު ނޫނީ މަންމަ އެއްވެސް ކަމެއް ނުކުރެއެވެ.

"އަހަރެން ހޭދަކުރަމުން މިދިޔައީ ވަރަށް ދަތި ދުވަސްތަކެއް. ބައެއް ދުވަސް ދުވަހު ކާނެ އެއްޗެއް ނެތިގެން ހަމައެކަނި ފެން ފޮދެއް ބޯލައިގެން ވެސް ހުންނަން ޖެހޭ." މަންމަ ވެއި ބުންޏެވެ.

މަންމަ މެދުނުކެނޑި ކުރި މަސައްކަތުގެ ނަތީޖާ އެންމެ ފަހުން ފެނި މިހާރު އޭނާގެ ދަރިފުޅުގެ ހާލަތު ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅު ވެފައެވެ. ނަމަވެސް އަދިވެސް ދަރިފުޅަށް ހަރަކާތެއް ނުކުރެއެވެ.

ވެއި ބުނީ އޭނާ ހުރީ އުއްމީދު ދޫކޮށްލާ ގޮތައް ނޫން ކަމަށާއި ދަރިފުޅުގެ ހާލަތު އަދިވެސް ރަނގަޅު ކުރެވޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ވެއި އޭނާގެ ދަރިފުޅަށްޓަކައި ވަމުންދާ ޤުރުބާނީގެ ވާހަކަ މީޑިއާއަށް ތިލަވުމުން ވަރަށް ގިނަ ބަޔަކު ގެންދަނީ އޭނާގެ މަސައްކަތް ފާހަގަ ކުރަމުންނެވެ.