އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ކުރިން ލަފާކޮށްފައި އޮތްވަރަށް ވުރެ މާބާރަށް ކުއްލިއަކަށް ފެތުރިގަނެ، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރިވުމުން މަޝްހޫރު ކާޑޭޝިއަން އާއިލާ ވެސް އެމީހުން ދިރިއުޅޭ ސަރަހައްދު ދޫކޮށް ރައްކާތެރި ސަރަހައްދަކަށް ދަތުރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާނުގެ ހާދިސާ އިން ކިމް ކާޑޭޝިއަން އާއި ކާޑޭޝިއަން އާއިލާގެ އެހެން މެންބަރުން ވެސް ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ކެލިފޯނިއާގައި ރޯވެފައިވާ އަލިފާންގަނޑު އިއްޔެ ކުއްލިއަކަށް ފެތުރިގަތުމުން މިހާތަނަށް ނުވަ މީހަކު ވަނީ މަރުވެފައެވެ. އަދި އެތައް ގެއެއް ވަނީ އަނދާ އަޅިއަށް ވެފައެވެ. އަނދައިގެން ދިޔަ ގެތަކުގެ ތެރޭގައި ކާޑޭޝިއަން އާއިލާ އަށް ނިސްބަތްވާ މީހެއްގެ ގެ ހިމެނޭ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކިމް ކާޑޭޝިއަން ވަނީ އޭނާ ރައްކާތެރި ސަރަހައްދަކަށް ބަދަލުވެފައިވާކަން މީސް މީޑިއާގައި ކަށަވަރު ކޮށްދީފައެވެ.

އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ކެލިފޯނިއާގެ މެލިބޫ އަވަށެވެ. އެއަވަށުގެ މުޅި އާބާދީ މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

މެލިބޫ އަކީ ވަރަށް ގިނަ ސެލެބްރިޓީން ދިރިއުޅޭ އަވަށެކެވެ. އަލިފާނުން ރައްކާތެރިކަން ހޯދަން، ރައްކާތެރި ސަރަހައްދުތަކަށް ދަތުރު ކުރި މީހުންގެ ތެރޭގައި އެލީސާ މިލާނޯ، މެސީލާ އެތްރިޖް އޮސްކާގައި އެވޯޑް ހޯދާފައިވާ ޑައިރެކްޓަރ ގްލެމޯ ޓޯރޯ ވެސް ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެލިފޯނިއާގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރަން ދަތިވެފައި ވަނީ ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ފެތުރެމުންދާ ބާރުމިން އަވަސްވެފައި ވާތީއެވެ. މިހާރު ވެސް އެތައް ސަތޭކަ ފަޔާފައިޓަރުން ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެމީހުންގެ މަސައްކަތުގައި އަދި މާބޮޑު ކުރިއެރުމެއް ލިބެމުންނެއް ނުދެއެވެ.

ކޮންމެ އަހަރަކު ވެސް ކެލިފޯނިއާގެ ޖަންގަލިތަކުގައި އަލިފާން ރޯވެ، އެތައް ލައްކަ އޭކަރެއްގެ ސަރަހައްދެއް އަނދައިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލިއާ

    ﷲ އަށް ބުރުވެތިވެ، ތިމާ މީހުންގެ އުޅުން އިސްލާހު ކުރަންޖެހޭ ވަގުތު އަދިވެސް ނުޖެހޭތަ!

    4
    1
  2. މަ

    ނަރަކަޔާ ކިތަންމެ ވަރަކަށް ދުރަށް ދުވިޔަސް ވަރަށް އަވަހަށް ނަރަކަ އަރާހަމަކުރާނެ ދުވަސް ކައިރިވެއްޖެ، ތަޢުބާވެ އިސްލާޙް ވުން ނޫން އެހެން މަގެއް ނެތް.....

    3
    1