ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނެރޭ ޤައުމީ ލަވަ ސީޑީ ނެރެފިއެވެ.

"ބަޠަލުން" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި އަލްބަމް ނެރެދެއްވާފައިވަނީ މިއަދު ހއ. އުތީމުގައި ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާގައެވެ. މި އަލްބަމް ނެރެދެއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

އެމްއެންޑީއެފް އިން ވަނީ 16 އަހަރު ތެރޭ 17 ޤައުމީ ލަވަ ސީޑީ ނެރެފައެވެ. ރާއްޖޭގެ މަޝްހޫރު އެތަށް ލަވަކިޔުންތެރިންނެއް ލަވަކިޔާފައިވާ މި އަލްބަމްގައި މުޅިއެކު އަށް ލަވަ ހިމެނެއެވެ. މި ލަވަތަކަކީ ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި، ޢަލީ ރަސްގެފާނުގެ ޒިކުރާ، ބޮޑުރަސްގެފާނު، ބޮޑުތަކުރުފާނު، ދަރުމަވަންތަ ރަސްގެފާނު، ދޮންބަންޑާރައިން، އިސްކަންދަރު ރަސްގެފާނު، ނަޞްރުގެ ދުވަހުގެ ބަޠަލުން ނެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ކޮންސެޕްޓަކަށް ތައްޔާރުކުރެވިފައިވާ މި އަލްބަމްގެ މިޔުޒިކް ޑައިރެކްޝަން ހައްދަވާފައިވަނީ ބޭންޑް މާސްޓަރ ފަސްޓް ލެފްޓިނެންޓް އިސްމާއީލް އަކްރަމެވެ. މި އަލްބަމްގެ ވީޑިއޯ ކޮންސެޕްޓް ހައްދަވާފައިވަނީ އެމްއެންޑީއެފް ރިސާރޗް އެންޑް ޑިވެލޮޕްމެންޓް ގެ ކޮމާންޑިން އޮފިސަރ މޭޖަރ ޑރ. މިރާޒް މުޙައްމަދު ފުޅު އަދި މީޑިއަރ އެންޑް ޕަބްލިޝިންގ ސަރވިސްގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އިބްރާހީމް ޢާޒިމްއެވެ.

މި އަލްބަމްގެ ޅެންތައް ހައްދަވާފައިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު، ޙަސަން ޝާކިރު މުޙައްމަދު، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، އާދަމް ޢަބްދުއްރަހްމާން (އުތީމު)، ރަމްލާ ޢަބްދުލްޣަނީ ޢަބްދުﷲ އަފީފު (ތިނަދޫ)، ޢަބްދުﷲ ޝާކިރު (ހަތިފުށި) އަދި މުޙައްމަދު ރަޝީދު (ކޮޕީ) އެވެ.

މި އަލްބަމްގެ ރާގާއި މިޔުޒިކް ހައްދަވާފައިވަނީ ބޭންޑް އެންޑް މިއުޒިކް ވިންގުގެ އޯޑިއޯ އިންޖިނިއަރުން ކަމުގައިވާ ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ޔޫސުފް ޝިމާޒް، ކޯޕްރަލް އަޙްމަދު ޔާސިރު އަދި ލ.ކޯޕްރަލް ފަތުހުﷲ ޝަކީލް ޙުސައިނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއީ އަނެއްކާ ގައުމު ފަސާދަ ކުރާ އަނެއް ބައިގަނޑު. ކަލޭމެންނައް ހެޔޮ ވިސްނުން ވިސްނޭނީ ކޮންއިރަކުބާ އަހަރެން ހިތައް އަރާ