އެންޓި ސޯޝަލް ވުމަކީ އެތައް ބަޔަކަށް އެކަމެއްގެ ހައްލު ހޯދައިގަނެވިފައިނުވާ ކަމެކެވެ. އަދި އާންމުކޮށް މިފަދަ މީހުންނަކީ އެހެން މީހުންގެ މެދުގައި މަގުބޫލު ނޫން ބައެއްކަންވެސް ވަނީ ފާހަގަކޮށްލެވިފައެވެ. ގިނަ ފަހަރަށް މިއީ އެމީހެއްގެ އަމިއްލަ ކުށްކަމުގައި ނުވިނަމަވެސް އެއީވެސް އިސްލާހުކޮށްލެވޭ ވަރުގެ ކަންކަމެވެ. އެގޮތުން އާންމުކޮށް ސްކޫލު އަދި އޮފީސް ފަދަ ތަންތަނުގައިވެސް އެންމެ މަގުބޫލު މީހުންނަށް ބަލާލުމަކީ އެންޓި ސޯޝަލް ވުން ހުއްޓުވަން ކުރެވިދާނެ ކަމެކެވެ. އެފަދަ މީހުންގެ ކިބައިން ކޮންމެވެސް ކަހަލަ ފިލާވަޅެއް ދަސްކުރެވިދާނެއެވެ. ސަބަބަކީ އެފަދަ މީހުންނާއި މީހުން ގަޔާވާނީ އެބައެއްގެ ކިބައިގައި ރަނގަޅު އަދި ކަމުދާ ބައެއް ސިފަތަކެއް ހުރުމުންކަމުގައި ވާތީއެވެ.

އާންމުގޮތެއްގައި މީހުން އެންމެ ގަޔާވާ އެއް ކަމަކީ ސުވާލު ގިނަ ކުރުމެވެ. މިސާލަކަށް އަލަށް ފެންނަ މީހަކާއި ކުއްލިއަކަށް ވާހަކަދައްކަން ފަށާގޮތަށް 100 ސުވާލު ނުކުރިނަމަވެސް ކޮންމެވެސް ވަރެއްގެ ޝައުގެއް އަނެއް މީހާއަށް ދިނުމަކީ އެމީހެއްގެ ފަރާތުންވެސް ތިބާއަށް ކޮންމެވެސް ވަރެއްގެ ސަމާލުކަމެއް ލިބިގެންދާނޭ ކަމެކެވެ. މިގޮތުން އެމީހެއްގެ ހަޔާތް ނުވަތަ މަސައްކަތް ނުވަތަ އާންމު ކޮންމެ ކަމަކާއިވެސް ސުވާލުކުރުމުން އެމީހަކަށް އިހުސާސް ވެގެން ދާނީ ތިބާއަކީ އޭނާއަށް އަޅާލާނޭ ފަރާތެއްގެ އިތުރުން އޭނާގެ ވާހަކަތައް ހިއްސާކުރެވިދާނެވަރުގެ ރަނގަޅު އެކުވެރިއެއްކަމެވެ.

ކޮންމެ ކަމެއް ނުވަތަ މައްސަލައެއްގެ ހައްލު ނޭނގުނު ނަމަވެސް ތިބާއަށް ފެންނަ އެންމެ ރަނގަޅު ހައްލު ކިޔައިދީ އަނެއް މީހާ އުފާވާނޭ ފަދަ ގޮތަކަށް ވާހަކަދައްކައި ހީ ހެދުމަކީ ވެސް ދެން ހުންނަ މީހާ ވަރަށް ގަޔާވާނޭ ކަމެކެވެ. މިގޮތުން އެމީހާއަށް ގިނަ ފަހަރުގެ މަތިން އިހުސާސްވެގެންދާނީ ތިބާގެ ސަބަބުން އޭނާގެ ހަޔާތަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބިގެންދާކަމަށެވެ. ރަނގަޅަށް ކަނުލައި އަޑުއަހައި ހަގީގަތުގައިވެސް އަޅާލައި ވެވެން އޮތް ގޮތަކުން އެހީތެރިވުމަކީވެސް އެހެން މީހުން ގަޔާވާ ރަނގަޅު ސިފަތަކެވެ. އެހެން އިންސާނަކަށް  އެހީތެރިވުމަކީ އަބަދުވެސް ވަރަށް ރަނގަޅު ކަމެކެވެ.

މިއީ އެންޓި ސޯޝަލް ވުން ނުވަތަ އެހެން މީހުންނާއި ވާހަކަދައްކަން ދަތިވެ އެކުގައި އުޅެން އުނދަގޫ ވާ މީހުންނަށް އެހެން މީހުންގެ މެދުގައި މަގުބޫލުވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ. މިފަދަ އަދި އެތައް ކަމެއް ހުންނަ އިރު އަބަދުވެސް ތިބާގެ ފަރާތުން އިސްލާހުކޮށް ރަނގަޅުކުރެވެން އޮތީ ކޮންކަމެއްތޯ ވިސްނާށެވެ. އެހެން މީހުންގެ ކިތަންމެ މައްސަލައެއް ހުރި ނަމަވެސް ތިބާގެ ފަރާތުން އެހެން މީހުންގެ އެ މައްސަލަތަކަށް އިތުރު ބުރައެއް ނުދީ އެހީވެވޭތޯ ބަލާށެވެ.

ކިޔުންތެރިންގެ ހިޔާލު