އިންޑިއާގައި އަމިއްލަ ދަރިފުޅު ރޭޕް ކުރަމުންދިޔަ މީހަކު ފަޅާ އަރުވާލައިފިއެވެ.

މިކަން ފަޅާއަރުވާލާފައި ވަނީ ބައްޕަގެ ޖިންސީ އަނިޔާތައް ލިބެމުން އައި 16 އަހަރުގެ އެ އަންހެން ކުއްޖާއެވެ. ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ އެ ކުއްޖާ އެކަން ފަޅާއަރުވާލުމަށް ފުލުހަށް އެ މައްސަލަ ހުށަހެޅީއެވެ.

ތޭން ޑިސްޓްރިކްޓްގައި ދިރިއުޅެމުން އަންނަ އެ އާއިލާގެ އެހެން މެންބަރުން ނިދާފައި އޮންނަ ގަޑީގައި އެ ކުއްޖާ ރޭޕް ކުރަމުން ދަނީ ފާޑެއްގެ ބޭހެއް ދީގެންނެވެ. އެ ބޭސް އޭނާއަށް ދެނީ ގަދަކަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރަމުން އަންނައިރު، އެކަން ފަޅާއަރުވާލައިފިނަމަ، މަންމަ އާއި ކޮއްކޮމެން މަރާލާނެ ކަމުގެ އިންޒާރު ބައްޕަ، އޭނާއަށް ދީފައިވާކަމަށް އެ ކުއްޖާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެ ކުއްޖާއަށް ލިބެމުންދިޔަ އަނިޔާތަކަށް ކެތްނުވެގެން އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި ހަމަ އެ ދުވަހު އުމުރުން 50 އަހަރުވެފައިވާ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.