މޫސުން ގޯސްވުމާއި، ހަޅުލާލު ކުރުމާއި ކޮމްޕިއުޓަރ އަދި އެނޫންވެސް ނެޓްވަރކްތަކުގެ މައްސަލަ ޖެހުމަކީ ފްލައިޓުތައް ފުރުން ލަސްވެދާނޭ ކަންކަމެވެ. އެހެންނަމަވެސް، މި ލިސްޓަށް އިތުރު ކަންތައްތަކެއް އިތުރު ކުރެވިދާނެއެވެ. އެއީ، ސަރުކާރުން އަންގައިން ބޯޓު ފުރުން ހުއްޓުވުމެވެ.

އެގޮތުން، ދާދިފަހުން ފަރަންސޭސި ސަރުކާރުންވަނީ އެޤައުމުގެ އެއަރޕޯޓެއްގައި އޮތް ބޯޓެއް ފުރުން ހުއްޓުވާފައެވެ. 149 ފަސިންޖަރުންނާއެކު އިނގިރޭސިވިލާތުގެ ލަންޑަން އަށް ނައްޓާލަން އޮއްވާ ހުއްޓުވާފައިވަނީ "ރަޔަން އެއަރ" ގެ ބޯޓެއްކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ރަޔަން އެއަރގެ ބޮއިންގ 737 އިން، ފްރާންސްގެ ސަރުކާރަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާވަނީ ނުދައްކައެވެ. އެތައް ދުވަސްތަކެއް ވަންދެން ނުދައްކާ ބިލުތަކެއް ހުރުމުގެ ސަބަބުން، ސަރުކާރަށް އެންމެ ފަހުން މަޖުބޫރުވީ ބޯޓު ފުރުން ހުއްޓުވުމަށެވެ.

ފްރާންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ހާމަކޮށްފައިވާ ގޮތުގައި ބިލުތައް ނުދައްކައިގެން ބޯޓު ފުރުން ހުއްޓުވުމަކީ އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެން އަޅާފައިވާ ފިޔަވަޅެކެވެ. އަދި، މި ފިޔަވަޅު އަޅަން ޖެހުނީތީވެސް ހިތާމަކުރާކަމަށް އެފަރާތުން ބުނެފައިވެއެވެ.

މި ބޯޓު ދަތުރުކުރަން ހަމަޖެހިފައި އޮތް ފަސިންޖަރެއްކަމުގައިވާ ބޮރިސް ހެޖްބްލަމް ބުނެފައިވާ ގޮތުގައި ބޯޓު ފުރުން ހުއްޓުވާލީ، ފަސިންޖަރުންގެ ޕާސްޕޯޓު ޗެކުކޮށް، ސެކިއުރިޓީވެސް ޗެކުކުރި ފަހުންކަމަށެވެ. އަދި، ބައެއް ފަސިންޖަރުން، ބޯޓަށް އެރުމަށްޓަކައި ގޭޓުން ބޭރަށް ނިކުނަން ދިޔަކަމަށްވެސް ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެއަރޕޯޓު މުވައްޒަފުން ފަސިންޖަރުގެ ގާތުގައި ބުނެފައިވަނީ ބޯޓުގައި މައްސަލައެއް އުޅެނީކަމަށެވެ. އެކަމާ ގުޅިގެން ރަޔަންއެއަރ ގެ އެއްވެސް ބަހެއް ނުލިބޭކަމަށާއި ރަޔަން އެއަރގެ އެއްޗެސް މުވައްޒަފަކު އެއަރޕޯޓު ތެރެއިން ނުފެންނަކަމަށްވެސް ބުނެފައިވެއެވެ.

ރަޔަން އެއަރ އަކީ ޔޫރަޕުގެ އެންމެ ބޮޑު އެއް ބަޖެޓު އެއަރލައިނެވެ.