ދުނިޔޭގެ އެކި ޤައުމުތަކުގައި އަދިވެސް ބޮޑެތި ނިއުކްލިޔަރ އާއިލާތައް އުޅެމުންދެއެވެ. އެތައް ދަރިންގެ މައްޗަށް އެކުލެވޭ އާއިލާތައް އުޅެމުންދިޔަކަމުގައިވިޔަސް، ޒަމާނަށް އައި ބަދަލުތަކާއެކު މިހާރު ދަރިން ހޯދާ މިންވަރަށް ބަދަލުތަކެއް އައިސް، އެއަދަދުވަނީ މަދުވެފައެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އާއިލާއިންވަނީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު، އެއާއިލާގެ 21 ވަނަ މެންބަރަށް މަރުޙަބާ ކިޔާފައެވެ. ސުއީ އަދި ނޮއެލް ރަޑްފޯޑުގެ 21 ވަނަ ދަރިފުޅު، ބޯނީ އަކީ އެދެމަފިރިންގެ އެންމެ ފަހު ކުއްޖާކަމަށްވެސް، އެފަރާތުންވަނީ ބުނެފައެވެ.

އުމުރުން 43 އަހަރުގެ ސުއީ އާއި އުމުރުން 47 އަހަރުގެ ނޮއެލްގެ އެހެން ދަރިންނަށްވެސް، އެކުދިންނަށް އިތުރު ކޮއްކޮއެއް ލިބޭތީ ތިބީ ވަރަށް އުފަލުންކަމަށް އިނގިރޭސި ނޫސްތަކުން ބުނެފައިވެއެވެ. އާއިލާގައި ތިބި 20 ކުދިންގެ ތެރެއިން އެންމެ ބޮޑު ކުއްޖާއާއި އެންމެ ފަހުން ލިބުނު ކުއްޖާގެ އުމުރުގައި 30 އަހަރުގެ ފަރަގެއް ހުރެއެވެ.

މިކަމާ ގުޅިގެން 21 ކުދިންގެ މަންމަ، ސުއީ ބުނެފައިވަނީ މާބަނޑު ދުވަސްތަކުގެ މަތިން އޭނާ މާ ބޮޑަށް ހަނދުމަ ނުވާނެކަމަށެއެވެ. އަދި، މާބަނޑު ދުވަސްވަރުގައި ލާން ގެންގުޅޭ ހެދުންތައް ދެން އަޅާލާނީ ކުނި ވަށިގަނޑަށްކަމަށްވެސް ބުނެފައިވެއެވެ.

ސުއީ އިތުރަށް ބުނެފައިވާ ގޮތުން، އެމީހުންނަށް އެންމެ ފަހުން ލިބުނު ކުއްޖާއަކީ އެމީހުން އެންމެ ފަހުން ހޯދާނެ ކުއްޖާކަން ހާމަކުރުމުން، ހޮސްޕިޓަލުގައި މަސައްކަތްކުރާ ފޫޅުމައިންވެސް ވަރަށް ސުވާލު ކުރިކަމަށް ބުނެފައިވެއެވެ. އެގޮތުން، ދެން އެމީހުން ހޮސްޕިޓަލުން ނުފެންނާނެތޯ ސުވާލުކުރިކަމަށްވެސް ބުނެފައިވެއެވެ.

މި ބޮޑު އާއިލާއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ބައެއް ޓީވީ ޕްރޮގުރާމުތަކުންވެސް އެމީހުން ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާންމު އާދުމީ

    އެހެން އެންމެންނަށް 'ފެމިލީ ޕްލޭނިންގ'.. އަމިއްލަ ގައުމުތަކުގެ މީހުން 'ތަރައްޤީ' ކުރަންވީނުން ހެޔޮ އެދޭނަމަ.