ޗިލީ އަށް އުފަން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އެލެކްސިސް ސަންޗޭޒް މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އެހެން ޓީމަކަށް ދާން އުޅޭކަމުގެ އަޑުތައްވަނީ ގަދަވެފައެވެ. ވަކީން ޚާއްޞަކޮށް ފަރަންސޭސިވިލާތުގެ ޕީއެސްޖީ އަށް އޭނާ ބަދަލުވާން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.

މި އަޑުތައް ގަދަވެފައިވާއިރު، ސަންޗޭޒް އާ ގުޅިގެން ވަރަށް ތަފާތު ވާހަކައެއްވަނީ އިވިފައެވެ. ބައެއް ފަރާތްތަކަށް މިކަންވީ ޤަބޫލު ކުރަން ދަތި ކަމަކަށެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ފޭނުންނަށް އަމާޒުކޮށް ނެރެމުން އަންނަ މަޖައްލާއެއްކަމުގައިވާ "ޔުނައިޓެޑް ވީ" ގައި ބުނެފައިވާ ގޮތުން، ސަންޗޭޒް ދަނީ ވަރަށް ތަފާތު ޝަކުވާއެއް ކުރަމުންނެވެ. މި ޝަކުވާއަކީ ކުލަބުގެ ދަނޑުގައި ހުންނަ ކުޅުންތެރިންގެ ޑްރެސިންގ ރޫމުގައި، ސަންޗޭޒް އަށް ކަނޑައެޅިފައިވާ ގޮޅީގެ ކައިރީގައި ފްރިޖެއް ހުރުމުން، އޭގެ ސަބަބުން އޭނާއަށް އަސަރުތަކެއް ކުރަމުންދާކަމެވެ. މެނޭޖްމަންޓުގައި ސަންޗޭޒް ޝަކުވާ ކޮށްފައިވާ ގޮތުން އޭނާގެ ގޮޅީގެ ކައިރީގައި ފްރިޖު ހުންނާތީ އޭނާގެ ފައި ދަނީ ފިނިވަމުންނެވެ. އަދި، އެކަމުގެ ސަބަބުން ކުޅުމަށް އަސަރުކުރާކަމަށް ވަނީ ބުނެފައެވެ.

އިނގިރޭސި ޕްރިމިޔާ ލީގުގެ އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާ މިފަދަ ޝަކުވާތަކެއް ކުރަމުން އަންނަކަން ހާމަވެފައިވާއިރު، އޭނާ އުޅެނީ ޓީމުގެ އެހެން ބައެއް ކުޅުންތެރިންނާ ވަރަށް ބޮޑަށް ވަކިވެގަނެގެންކަމަށްވެސް ބައެއް ނޫސްތަކުން ހާމަކޮށްފައިވެއެވެ. އަދި، ޓީމުގެ ކޯޗު، މޮރީނިޔޯގެ ބައެއް ކަންކަމާމެދު ސަންޗޭޒް ހިތްހަމަ ނުޖެހޭކަމަށްވެސް ބުނެފައިވެއެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ މީޑިޔާތަކުން ބުނާ ގޮތުގައި ޖަނަވަރީ މަހުގެ ޓްރާންސްފާ ވިންޑޯގައި އޭނާ ޔުނައިޓެޑް ދޫކޮށް އެހެން ޓީމަކަށް ދާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު