އެކި އުމުރުގެ އެތައް ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދި "ޓޯއީ ސްޓޯރީ" އެނބުރި ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވެއްޖެއެވެ. އަށް އަހަރު ދުވަސްފަހުން، ޓޯއީ ސްޓޯރީ ކާޓޫން ފިލްމުގެ ސީކުއެލްގެ ހަތަރުވަނަ ބައެއް އަންނަ 2019 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓްރެއިލަރ މިހާރުވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ކައުބޯއީ ޝެރިފް ވުޑީ، އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ބަޒް ލައިޓްއިޔަރ އާއެކު މި ކާޓޫން ފިލްމުން ފެނިގެން ދާއިރު އިތުރު އެހެން ޓޯއީސްވެސް މި ފިލްމުން ފެނިގެންދާނެކަމަށް ބެލެވެއެވެ. ހަމައެހެންމެ، ފިލްމުގެ "ފެންނަން ނުޖެހޭ" ބައެއް ޓޯއީތައްވެސް ފެންނަކަމަށްވެއެވެ.

ކާޓޫން ފިލްމުތައް އުފެއްދުމުގައި އެފަދަ ދެވަނައެއް ނެތް "ޑިޒްނީ-ޕިކްސާ" އިން މި ފިލްމު އުފައްދާއިރު، އެކުންފުނިން މި ފިލްމުގެ ޓްރެއިލަރ އާއްމުކޮށްފައިވަނީ މިއަދުއެވެ. އެގޮތުން އާއްމުކޮށްފައިވަނީ 87 ސިކުންތުގެ ދިގު ޓްރައިލަރ އެކެވެ.

ޓޯއީ ސްޓޯރީ ހަތަރެއްގެ ޑައިރެކްޓަރ، ޖޯޝް ކޫލޭ ބުނެފައިވާ ގޮތުން ސީކުއެލްގެ ތިންވަނަ ބަޔަށްފަހު ގިނަ ބަޔަކު ހީކޮށްގެން ތިބީ އެއީ ސިލްސިލާގެ އެންމެ ފަހު ފިލްމުކަމުގައެވެ. އެހެންނަމަވެސް، ކޮންމެ ނިމުމަކީވެސް އައު ފެށުމެއް ފަދައިން މިއީ އެފަދަ އައު ފެށުމެއްކަމަށް އޭނާ ބުނެފައިވެއެވެ.

މި ފިލްމުގެ ކެރެކްޓާތަކަށް އަޑު އަޅައިދީފައިވާ ފަންނާންނަށް ބަލާއިރު ޓޮމް ހޭންކްސް، ޓިމް އެލެން، ޖޯން ކުސެކް އަދި ޓޯނީ ހޭލް ހިމެނެއެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލަރ މިއަދު އާއްމުކޮށްފައިވީނަމަވެސް، ފިލްމު ބަލާލަން ބޭނުންކަމުގައިވާނަމަ އަންނަ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހާ ހަމައަށް މަޑުކުރަން ޖެހޭނެއެވެ. މިއީ، ދިވެހީންގެ ތެރޭގައިވެސް ބޮޑު މަޤުބޫލުކަމެއް ލިބިގެން ދިޔަ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު