30 އަހަރަށް ފަހު މަދޫރީ ޑިކްސިޓްގެ "ޓެޒާބް" ފިލްމްގެ މަސްހޫރު ލަވަ "އޭކް ދޯ ތީން"ގެ ރިމިކްސް އެއް ސްކްރީންއަށް އަންނަނީއެވެ. ޓައިގާ ޝެރޮފް އާއި ޑިޝާ ޕަޓަނީ ހަރަކާތްތެރިވާ، އަހްމަދު ޚާން ޑައިރެކްޓްކުރާ "ބާގީ 2" އަށް ހަދާ މި ރިމިކްސްގައި ހަރަކާތްތެރިވާނީ ޖެކްލިން ފަރްނޭންޑެޒް އެވެ.

މަދޫރީގެ ބުލޮކްބަސްޓާ މި ލަވައިގެ ރިމިކްސް ޖެކުއަލައިން ކުޅޭ އިރު ކުރިއޯގުރަފީ ހަދައިދެނީ ގަނޭސް އަޗަރުޔާއެވެ. މި ލަވައިގެ އޮރިޖިނަލް ލަވައިގެ ކުރިއޯގުރަފީ ހަދާދީފައި ވަނީ ދެވަނައެއްނުވާ ސާރޮޖް ޚާންއެވެ. މަދޫރީގެ މި ލަވައިގެ ރިމިކްސް އެއްގައި ހަރަކާތްތެރިވުމަކީ ވަރަށް ޗެލެންޖިން ކަމެއްކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ. ހުދު ޖެކްލިން ވެސް އެކަމަށް ދެބަހެއް ނުވެއެވެ.

"މި ފަދަ ރިމިކްސްއެއް ކުޅުމަކީ އަހަރެއްނަށް އެހާ ޔަގީންކަމެއް އޮތް ކަމެއް ނޫން. އަހަރެން އެހާ ގަބޫލެއް ނުވި ފުރަތަމަ މި ރިމިކްސް ކުޅެންވެސް. އަހުމަދު ފުރަތަމަ މި ލަވަ ކުޅެން ބުނީމަވެސް އަހަރެން ދެކޮޅު ހެދިން. ނަމަވެސް ފަހުން އެއްބަސް ވެވުނީ އަހުމަދު އަހަރެއް ކައިރީ އެތަށް ވާހަކައެއް ދައްކައިގެން." މި ލަވައާއި ބެހޭގޮތުން ޖެކްލިން ބުންޏެވެ.

ޖެކްލިން ގަބޫލުކުރާ ގޮތުގައި މި ރިމިކްސް ހެދުމަށް ފަހު ވަރަށް ގިނަ މީހުން ކުރީގެ ލަވަ އާއި އަޅާ ކިޔާނެއެވެ. "ތިއީ އަހަރެންވެސް ވަރަށް ވިސްނާ ކަމެއް. އަހަރުމެން މިއުޅެނީ ކުރީގެ ލަވައަށް ވުރެ މޮޅަށް ނުވަތަ އެލަވަ އާއި ވާދައަށް މިލަވައިގެ ރިމިކްސް އެއް ހަދާކަށް ނޫން." ޖެކްލިން ބުންޏެވެ. އޭނާ އިތުރަށް ބުނީ މިލަވައިގެ ރިމިކްސް އެއް ހަދަނީ މަދޫރީ ގެ ފޭނުންނަށް ވެސް އޭނާގެ ކުރީގެ ހިޓް ލަވައިގެ ހަނދާންތަށް ގެނައުމަށްވެސް ކަމަށެވެ.

ޖެކްލިން ބުނީ "މި ލަވައިގެ ރިމިކްސް ކުޅުމަށް އަހަރެންނަށް ލިބުނީތީ ފަހުރުވެރިވަން. އަހަރެންގެ ގާތް މީހުންވެސް ހުރީ އަހަރެންނަށް މި ލަވައިގެ ރިމިކްސް ކުޅެން ލިބުނީތީ ޖެލަސްވެފަ. އަހަރެންނަކަށް މަދޫރީ އާއި އެއްފެންވަރަށް މިލަވަ ނުކުޅެވޭނެކަން އެގޭ. މިފަދަ ލަވައެއް ކުޅުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް." އެވެ.

ޖެކްލިން އިތުރަށް ބުނީ އޭނާއާއި ޓީމް މިހާރުވާނީ މަދޫރީ އާއި ބައްދަލުކޮށް މިވާހަކަތަށް ހިއްސާކޮށްފައި ކަމަށާއި މަދޫރީގެ އެއްބާރުލުން މި ރިމިކްސް ހެދުމުގައި ލިބޭ ކަމަށެވެ. އަދި އޭނާގެ މިދިޔަ ހަފްތާގައި ހުރިހާ އިރެއްގައިވެސް ވިސްނީ މި ލައިވައިގެ ކަންތަކުގައި ކަމަށާއި މި ލަވައަކީ އެންމެނަށް ކަމުދާ ލަވައަކަށް ހެދުމަށް އޭނާ ބޭނުންވާކަމަށް ބުންޔެވެ.