އިންޑިއާގެ ގުގުރަމްގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލާގައި ގިނަބަޔަކު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރޭޕްކޮށްފައިވާ އުމުރުން ތިން އަހަރުގެ އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެގެ ވަގުތެއްގައި ބަރަނަހާކޮށް ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ތަނަކަށް އެއްލާލާފައި އޮއްވާއެވެ. އެ ކުއްޖާ ފެނުނުއިރު ހަށިގަނޑުން ވަރަށް ބޮޑެތި ޒަހަމްތަކެއް ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެެހެންވެ ހެދި މެޑިކަލް ޓެސްޓުތަކުން އެނގުނު ގޮތުގައި، އެ ކުއްޖާގެ ޖިންސީ ގުނަވަނުގެ ތެރެއަށް 10 ސެންޓިމީޓަރު ހުރި ދަނޑިއެއް ވަނީ ކޮށްޕާފައެވެ.

ޑޮކްޓަރުން ބުނީ، އެ ކުއްޖާ މަރުވެފައި ވަނީ ހަށިގަނޑުން މާ ގިނައިން ލޭ ފޭބުމުން ކަމަށެވެ. އަދި އެ ކުއްޖާގެ ބޮލުގައި ބަރު އެއްޗަކުން ޖަހާފައިވާކަމަށާއި، އެކަމުގެ ސަބަބުން ބޮލުގެ ނާށިގަނޑަށްވެސް ގެއްލުންތަކެއްވެފައިވާކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި މީގެ އިތުރުންވެސް އެ ކުއްޖާގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ގެއްލުންވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން އެ ކުއްޖާ ގެއްލިގެން އުޅޭކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އެކަން އެ އާއިލާއިން ފުލުހުންނަށް ހުށަހެޅީ އެ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެކަމުގެ ތުހުމަތު ކުރެވެނީ އާއިލާއާ ގުޅުން އޮަންނަ މީހަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.