މިއީ ސްޓާ ވާޒް ފަދަ ސައިންސް ފިކްޝަން ފިލްމެއްގެ މަންޒަރެއް ނޫނެވެ. ނުވަތަ ފިލްމެއް ކުޅުމަށް ވާ ތައްޔާރީތަކެއްވެސް ނޫނެވެ. މިއީ ދުނިޔެއާއި މިހާތަނަށް ކައިރި ނުވާހައި ވަރަށް ކައިރިން ދަތުރު ކުރާނެ ކަމަށް ލަފާކުރެވޭ ގިނިހިލައެއްގެ ނުރައްކަލުން ނުވަތަ ގިނިހިލައެއްގެ ސަބަބުން ދުނިޔެއަށް ވެދާނެ ގެއްލުމަކުން ރައްކާތެރި ވުމަށްޓަކައި އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ރާވަމުންދާ އާދަޔާއި ޚިލާފު ރޭވުންގަނޑެކެވެ.

ދާދިފަހުން ފެނުނު "101955 ބެނޫ" ގެ ނަމުން ނަން ދެވިފައިވާ ގިނިހިލައިގެ ދުވެލި، މިސްރާބު އަދި ބަރުދަނާއި ބޮޑުމިން ނާސާއިން ވަނީ ޓެލެސްކޯޕުތަކުގެ އެހީގައި ހޯދާފައެވެ. އަދި މިސްރާބު ހޯދުމަށްފަހު އޭގެ ހިސާބުތައް ހެދިއިރު ހޯދުނު ގޮތުގައި މި ގިނިހިލައަކީ ދުވަހަކުވެސް ދުނިޔެއާއި ގިނިހިލައެއް ކައިރި ނުވާހައި ކައިރިން ދަތުރު ކުރާނެ އެއްޗެއް ކަމެވެ. އަދި ދުނިޔެއަށް މި ގިނިހިލަ ވެއްޓުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ނާސާއިން ހޯދި ހޯދުންތަކުން ވަނީ ހާމަވެފައެވެ.

1999 ވަނަ އަހަރު ފުރަތަމަ ފެނުނު މި ގިނިހިލައިގެ ބޮޑުމިނުގައި 1600 ފޫޓު ނުވަތަ 490 ވަރަކަށް މީޓަރު ހުރެއެވެ. އަދި ގާތްގަނޑަކަށް 87 މިލިއަން ޓަނުގެ ބަރުދަން ހުރި މި ގިނިހިލައިގެ ދުވެލި، ގަޑިއަކު 101،388 ކިލޯމީޓަރު ބާރުމިނަށް އަރައެވެ. މި ގިނިހިލައިން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ނާސާއިން ދަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށް، މި ގިނިހިލަ ގޮއްވާލުމަށް ނުވަތަ މިސްރާބު ބަދަލު ކުރުމަށް ރާވަމުންނެވެ.

މި ގިނިހިލަ ދުނިޔެއާއި އެންމެ ކައިރިން ދަތުރު ކުރާނެ ކަމަށް ބެލެވެނީ 2135 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ. އެހެންކަމުން ނާސާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން މި ގިނިހިލަ ގޮއްވާލުމަށް ރާވަމުންދާ ރޭވުމަށާއި ތައްޔާރީތަކަށް ގަރުނެއް އެބަ އޮތެވެ.

މި މިޝަނުގެ އަގު އަދި އަންދާޒާ ކުރުމަށް ދަތިކަމަށް ނާސާގެ އިސް އޮފިޝަލުން ބުނަމުންދާއިރު ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނިއުކްލިއަރ ހަތިޔާރެއް ބޭނުންކޮށްގެން ގިނިހިލައެއް ގޮއްވާލުމަށް މަދުވެގެން 800 މިލިއަން ޑޮލަރު ހޭދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޒާން

    ޓިޔައީ ހަނދަށް ދިޔަ ކަހަހަލަ ވާހަކައެއް

    • ެއެކްސް5

      ތީ ހުސް ފޭކް. ކޮންމެސް އެއްޗެކޭ ކިޔައިގެން ތިއުޅެނީ ނިއުކްލިއަރ ހަތިޔާރުގެ ކޮންމެސް ގަނޑެއް ގަންނަން. ތިކަމަށް ހިޔާލި ފިލްމެއް ކުޅެފަ ވާތީވެ ފޭކު ނާސާއިން 800 މިލިޔަން ޑޮލަރ ހޯދަން ވެގެން އެ އުޅެނީ. މި ބިމަކަށް ތިކަހަލަ އެއްވެސް އެއްޗެއް ނުވެއްޓޭނެ އަދި ވެއްޓިފައެއްވެސް ނުވޭ.

  2. ނަސީދު

    ތިޔައުޅެނީ ލާރިގަޑެއެއް އަތުލަން ރާވާރޭވުން އެކަކުވެސް ބޮނޑު ލާރިޔެއް ހަރަދުނުކުރާތި

  3. ހުސޭނުބޭ

    ތި ގިނިހިލަޔާ ގިނިހިލަ ގޮއްވާލަން ފޮނުވާލާ މިސައިލް ބޮލަށް ވައްޓާލަން ތި އުޅެނީ.

  4. Anonymous

    ޢޯ