މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކަކީ، މަގުމަތިން އާއްމުކޮށް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކަންތައްތަކެވެ. އެކްސިޑެންޓެއް ހިނގުމާއެކު އެކަމާއި ގުޅޭ މަންޒަރު ވަރަށް އަވަހަށް މީސް މީޑިޔާގައި ދައުރުވާ ސަބަބަކީ މިއީއެވެ.

ނަމަވެސް މިފަހަރު ދައުރުވެފައި މިވަނީ އެފަދަ މަންޒަރެއް ނޫނެވެ. ޢާންމުންގެ ބޮޑު ސަމާލުކަމެއް ލިބެމުންދާ މި ވީޑިއޯއިން ފެންނަނީ ސްކޫލް ދަރިވަރަކު ސައިކަލުގެ ފަހަތުގައި އިނދެގެން ފިލާވަޅު ހަދާ މަންޒަރެވެ.

މި ވީޑިއޯއަކީ ޗައިނާގެ މަގެއްގެ މަތީގައި ނަގާފައިވާ ވީޑިޔޯއެކެވެ. ވީޑިޔޯއިން ފެންނަނީ ޗައިނާ ސްކޫލެއްގެ ދަރިވަރެކެވެ. އެ ކުއްޖާ އިނީ ދުއްވަމުން ދިޔަ ސައިކަލުގެ ފަހަތުގައި އިށީންދެ އިނދެ، ދަބަސް އުނގުމަތީ ބާއްވައިގެން ނޯޓް ފޮތެއްގައި ލިޔާށެވެ.

ބެލެވޭ ގޮތުގައި، އެ ކުއްޖާ އިނީ ސްކޫލް ފިލާވަޅު ނިންމާށެވެ. މިއީ އެތައް ބައެއްގެ ސަމާލުކަން ލިބުނު ވީޑިއޯއަކަށް ވާއިރު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިހާރު ދަނީ މި ވީޑިއޯ ޢާންމުކުރަމުންނެވެ.

އެއްބަޔަކު ތިބީ އެ ކުއްޖާގެ މަސައްކަތް ފެނިފައި ހައިރާންވެފައެވެ. އެ މީހުން ބުނާގޮތުގައި، ދުއްވަމުން ދިޔަ ސައިކަލްގެ ފަހަތުގައި އިށީންދެ އިނދެ އެ ކުއްޖާ ފިލާވަޅަށް ސަމާލުކަން ނުދެވޭނެއެވެ. އަނެއް ބަޔަކު ވަނީ މިއީ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު