ގިނި ހިލައެއް ވެއްޓި އުފެދުނު ބޮޑު ވަޅުގަނޑެއް ދުނިޔޭގެ ފިނި ބައްރުގައި އޮންނަ ގްރީންލޭންޑް އިން ހޯދައިފިއެވެ.

މީގެ 10000 އަހަރު ކުރިން ގިނި ހިލައެއް ވެއްޓި އުފެދުނު ކަމަށް ބެލެވޭ މި ވަޅުގަނޑު ސައިންސްވެރިން ހޯދާފައިވަނީ ގްރީންލޭންޑްގައި އުފެދިފައިވާ ހިއެވާތާ ގްލޭޝިއާގެ ދަށުންނެވެ.

ބޮޑު މިނުގައި 31 ކިލޯމީޑަރު ހުރި މި ވަޅުގަނޑު ހުފެދުނީ ބޮޑު މިނުގައި އެއް މޭލު ހުރި ގިނި ހިލައެއް ވެއްޓިގެން ކަމަށް ސައިންސްވެރިން ބުނެއެވެ. މިއީ ގްރީންލޭންޑުން މިފަދަ ވަޅުގަނޑެއް ފެނުނު ފުރަތަމަ ފަހަރެވެ.

މި ގިނި ހިލަ ދުނިޔޭގައި ޖެހުމުގެ ސަބަބުން 700 މެގަ ޓަން ނިއުކިލިޔާ ބޮމުގެ ހަކަތަ ރިލީޒް ވެގެން ދިޔަ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

ޖައްވުން އަންނަ މިފަދަ ބޮޑެތި ގިނިލިހަތަށް ދުނިޔެއަށް ވެއްޓެނީ އާންމު ގޮތެއްގައި 50 އާއި 60 މިލިއަން އަހަރާއި ދެމެދުގައި ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް މި ގިނި ހިލަ ދުނިޔެ އަށް ވެއްޓިފައި ވަނީ މީގެ 10000 އަހަރު ކުރިން ކަމުން ފަހުގެ ތާރީހެއްގައި އިތުރު މިފަދަ ގިނި ހިލައެއް ދުނިޔެއަށް ވެއްޓިދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

އެންމެ ފަހުން މިފަދަ ބޮޑު ގިނި ހިލައެއް ވެއްޓިފައި ވަނީ މީގެ 66 މިލިއަން އަހަރު ކުރިންނެވެ. އެފަހަރު ދުނިޔެއިން ޑައިނަސޯގެ އަސަރު ފޮހެލިއެވެ. އެފަހަރު ގިނި ހިލަ ވެއްޓުނީ މިހާރުގެ ގޮތުން ބުނާ ނަމަ ގަލްފް އޮފް މެކްސިކޯ އަށެވެ.

ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައި ވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ. ދުނިޔެއަށް ވެއްޓޭހާ ކައިރީގައިވާ 5000 މީޓިއޯސްއެއް މިހާރުވެސް ނާސާއިން ދަނީ މޮނިޓަރ ކުރަމުންނެވެ.

1996 ވަނަ އަހަރު ދުނިޔެ އާއި ވަރަށް ކައިރިން ބޮޑު ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ވެސް ދުނިޔެގާއި މާސް ޕްލެނެޓާއި ދެމެދުން މީގެ ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ.