އާންމުންގެ މެދުގައި މަޤުބޫލުކަމެއް ހޯދައިފައިވާ "އެމެރިކަން އައިޑޮލް" ގެ ފުރަތަމަ ހަފްތާގެ އޮޑިޝަންތައް މިހާރު މިވަނީ ނިމިފައެވެ. މި ފަހަރު ފެނިގެންދާ، އައު ތިން ޖަޖުން ކަމުގައިވާ ކެޓީ ޕެރީއާއި ލޫކް ބްރިއާން އަދި ލައޮނަލް ރިޗީ ގެ ޖަޖުކުރުމުގެ ދަށުން ބައެއް ބައިވެރިން އޮޑިޝަނާއި ވަކިވެ ގޮސްފައިވާއިރު، ގިނަ ބައިވެރިންތަކެއް ޝޯއައިގެން ކުރިއަށް ގޮސްފައި ވެސް ވެއެވެ. މިގޮތުން، މިދިޔަ އޮޑިޝަންގައި ހިނގައިދިޔަ މުހިންމު ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަށް އަލިއަޅުވާލާނަމެވެ.

ވިގެއް – ކީއްކުރަންބާ؟

ނޯޙް ޑާވިސް އޮޑިޝަނަށް ގެނައީ 'އަލްޕަކާ' އަކާއި ވިގެކެވެ. މި ވަނީ ކީއްކަން ނޭނގިފައި ޖަޖު ލައޮނަލް އާއި ލޫކް ތިބި ނަމަވެސް، ކޭޓީއަށް ނޯޙް ކުރަން މިއުޅޭ ކަންތައް ފަހުމްވިއެވެ. އަދި ނޯޙް ވަނީ އެ ވިގް ބޭނުންކޮށްގެން ރިހާނާގެ 'ސްޓޭ' ލަވަ ހުށަހަޅައިދީ މި އޮޑިޝަނުން ޖާގަ ހޯދާފައެވެ.

މާމައަށް "ކޯލެއް"

އުމުރުން 17 އަހަރުގެ ގަރެޓް ޖެކޮބްސްގެ އާދަޔާޚިލާފު ހުނަރުވެރި ހުށަހެޅުމުގެ ސަބަބުން އޭނާގެ މާމަ ވަނީ ހެއްވާލާފައެވެ. އޮޑިޝަނަށް ނާދެވުނު ކަމުގައިވިޔަސް، ޖަޖުންގެ އެހީތެރިކަމާއިއެކު ގަރެޓް ވަނީ އޭނާގެ މާމައަށް ގުޅާ ހޮލީވުޑަށް ދެވުނު އުފާވެރި ޚަބަރު ދީފައެވެ.

ފިރިހެންވަންތަ އަޑެއް!

ވާހަކަ ދައްކާއިރު، ޒުވާން ޒެކްގެ އަޑުގެ ފިރިހެންވަންތަ ކަން ނޭނގިދާނެއެވެ. ނަމަވެސް 'ސިނަޓްރާ' ސްޓައިލަށް އޭނާ އެ ކިޔާލަދިން ލަވައިގެ ސަބަބުން ޖަޖުންނަށްވެސް ވަނީ ފޯރި އަރާފައެވެ. ކެޓީ ޒެކްއާއި އެކު ނަށަމުން ދިޔައިރު، ބާކީ ތިބި އަނެއް ދެ ޖަޖުންވެސް ވަނީ ދެމީހުން ދެމީހުނަށް ނަށާފައެވެ. އެހާވެސް އެ ޖާދޫވީ އަޑުން ކިޔާލަދިން ލަވައިގެ ފޯރިގަދައެވެ.

ބެންޖަމިންއަށް ލިބުނު "ކިސް"

އޮޑިޝަނެއްގެ އެންމެ މުހިންމު ކަމަކަށްވާނީ އެ އޮޑިޝަނެއް ކާމިޔާބު ކުރުމެވެ. ނަމަވެސް ކެޓީގެ ފަރާތުން މި އޮޑިޝަންގެ ބައިވެރިއެއް ކަމުގައިވާ ބެންޖަމިން ގްލޭޒަށް ލިބުނު ކިސް ވެފައިވަނީ މުޅި މީޑިއާގެ ސަމާލުކަން ހޯދި ކަމަކަށެވެ.

ކަރުނަ ތިއްކެއް؟

ޑޭވިޑް ފްރެންސިކޯ ހުށަހަޅައިދިން ލަވައަކީ އޭނާއާއި އޭނާގެ 'ފިއަންސީ'ގެ ލޯބީގެ ހަޔާތުގެ މައްޗަށް ކިއިފައިވާ ލޯބީގެ އަސަރުގަދަ ލަވައެކެވެ. މި ލަވަ އަޑުއަހަން އިން ޖަޖު ކެޓީގެ ލޮލުން ކަރުނަ ފޭބީ އެ ލަވައިގެ އަސަރުގަދަ ކަމުންނެވެ.

މިފަދަ އެތައް މަޖާ އޮޑިޝަންތައް އަދިވެސް ކުރިއަށް އޮތީއެވެ. ދެން އޮތް އޮޑިޝަނުގައި ވާނެ ގޮތަކަށް އިންތިޒާރު ކޮށްލަމާތޯއެވެ.