ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް އެދޭނެކަމެކެވެ. އަދި އެއީ މަތިވެރި ނިއުމަތެއްވެސް މެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކި މީހުން އެކި ކަންކަން ކޮށް އުޅެއެވެ. ބައެއް މީހުން ގަވައިދުން ކަސްތަރުކުރާއިރު އަނެއްބައި މީހުންނަކީ އެމީހުންގެ ކެއުމަށް ވަރަށް ބޮޑަށް ބަލައިގެން އުޅޭ މީހުންނެވެ.

ދުނިޔޭގެ ނަން މަޝްހޫރު ޑޮކްޓަރުންނާއި ސައިންސްވެރިންގެ ނަޒަރުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ހަވާދުގެ ކޮންމެވެސް މިންވަރެއް ތިމާގެ ކެއުމުގައި ހިމެނުމަކީ މުހިންމުކަމެކެވެ.

ހަވާދުގެ ސަބަބުން ތިމާގެ ވިސްނުމުގެ ބާރު ގަދަކޮށްދީ ދިފާއީ ނިޒާމަށް އިތުރު އާރޯކަމެއް ގެނެސްދޭ ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. ކޮންމެ ދުވަހަކު ހަވާދުގެ މިންވަރެއް ކެއުމުގައި ބޭނުންކުރާނަމަ ދިފާއީ ނިޒާމަށް ޖެހޭ ބަލިތަކާއި، އިންފެކްޝަން ތަކުން ތިމާ ސަލާމަތްކޮށްދޭނެއެވެ.

ޔުނިވާސިޓީ އޮފް ކެލެފޯނިއާ ލޮންއޭންޖަލްސްގެ ސައިންސްވެރިންގެ ޓީމަކުން އާންމުކޮށްފައިވާ ޖާނަލްއެއްގައިވާގޮތުން ހަވާދަކީ ހަންގަނޑުގެ ދުޅަހެޔޮކަމަށްވެސް އޮތް ފަރުވާއެކެވެ. އެހެނީ ހަވާދައި ހިމެނޭ ވިޓަމިންސްގެ މާއްދާތަކުގެ ސަބަބުން ހަންގަނޑު ރޫޖެހުމާއި ހަންގަނޑު ބޯވުން ފަދަ ކަންކަމުން ދުރުކޮށްދޭތީއެވެ. އަދި ޖާނަލްގައިވާގޮތުން ހަވާދަކީ މީހާގެ ރުޅި ކޮންޓްރޯލްކޮށްދޭ ވަސީލަތެއްވެސް މެއެވެ. އެހެނީ ހަވާދުގެ ސަބަބުން ރުޅިއައުމަށް މެދުވެރިވާ ސަބަބުތަށް ހަވާދުގެ ސަބަބުން ނައްތާލާތީއެވެ. އަދި ހިތަށާއި ސިނކުޑިއަށް ހަމަޖެހުން ގެނެސްދީ މީހާގެ ހަށިގަނޑަށް އަރާމުގެނެސްދޭތީވެސްމެއެވެ.

އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ހަވާދުގެ ކޮންމެވެސް މިންވަރެއް ހިމެނުން މުހިންމެވެ. ނަމަވެސް މާގިނައިން ހަވާދު ބޭނުންކުރުމަކީ ސިއްހީ ގޮތުން ރައްކާތެރިކަމެއް ނޫނެވެ. ހާއްސަކޮށް މޭއެންދުން ފަދަ ކަންކަން ކުރިމަތިވާ މީހުން މާގިނައިން ހަވާދު ބޭނުންކުރުން ރައްކާތެރިއެއް ނޫނެވެ.