ތަންމަކުނު (ބެޑް ބަގް) ގެ މައްސަލައެއްގައި މަޝްހޫރު ޑިޒްނީ ލޭންޑްއާ ދެކޮޅަށް ދައުވާ ކުރުމަށް އަންހެނަކު ނިންމައިފިއެވެ. އައިވީ އެލްޑްރިޖް ނަމަކަށް ކިޔާ އަންހެނަކު، ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އޭނާ، ލޮސް އެންޖަލިސްގެ ޑިޒްނީ ލޭންޑުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރިއިރު، ތަންމަކުނުގެ އުނދަގުލާ ކުރިމަތިލާން ޖެހުނުކަމަށް ބުނެއެވެ.

އައިވީ، މި މައްސަލަ ހުށަހަޅާފައިވަނީ ލޮސް އެންޖަލިސްގެ ސުޕީރިޔާ ކޯޓަށެވެ. އޭނާގެ ފަރާތުން ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ތަންމަކުނުގެ މައްސަލަތަކުގައި މީގެކުރިންވެސް ކޯޓުތަކުގައި ވަކާލާތުކޮށްފައިވާ ޤާނޫނީ ވަކީލެއްކަމުގައިވާ ބްރިއަން ވިރާގް އެވެ.

ވިރާގް، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން، ޑިޒްނީ ލޭންޑުގައި އައިވީ ޗުއްޓީ ހޭދަކުރަން ހުރި ކޮޓަރި ތެރޭގައި އެނދުގައިވަނީ ތަންމަކުނު އަޅާފައެވެ. މިކަމުގެ ސަބަބުން އޭނާއަށްވަނީ އެތައް ރެއެއްގެ ނިދިން މަހުރޫމުވެ، އެކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ވަކީލު އިތުރަށް ބުނެފައިވާ ގޮތުގައި މި މައްސަލައަކީ ތަންމަކުނުގެ ސަބަބުން މީހެއްގެ ގައިގައި ދެތިން ބިއްސެއް ނެގުމުގެ މައްސަލައެއް ނޫންކަމުގައެވެ. އަދި، މިއީ އިންސާނަކަށް މިކަމުގެ ސަބަބުން އެތައް ގެއްލުމެއް ލިބުނު ކަމެއްކަމަށްވެސް ބުނެފައިވެއެވެ. މިކަން ސާބިތުކުރުމަށް އެތައް ފޮޓޯއެއްވެސް ކޯޓަށް ހުށަހަޅާފައިވެއެވެ.

މިކަމާ ގުޅިގެން ޑިޒްނީ ލޭންޑް އިން ބުނެފައިވަނީ އެފަރާތްތަކުގެ ރިސޯޓުތަކަށާއި ހޮޓަލްތަކަށް އެތައް މިލިއަން މެޙުމާނުންނަކަށް މަރުޙަބާ ކިޔާކަމުގައެވެ. އަދި، އެތަންތަނުގައި ފަތުރުވެރިން ތިބޭ ދުވަސްވަރު، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެތައް ފިޔަވަޅެއް އަޅާކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު