މީގެ 200 އެއްހައި އަހަރު ފަހަތަށް ޖެހިލާއިރު، މައުންޓް ލެވެނިއާ އަކީ ސިލޯނުގެ ވެރިކަން ކުރާ ކޮޅުނބާއި އިންވެގެން އޮތް އެކަހެރި، މަދު ބަޔަކު އުޅެމުންދިޔަ ގޮނޑުދޮށުގެ ހިސާބެކެވެ. އޭރު އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް "ގަލްކިއްސަ"ގެ ނަމުން ނިސްބަތްކުރެވޭ މި ސަރަޙައްދަކީ ދިގު ތާރީޚެއް އޮތް، އެތައް ހަނދާންތަކެއް އެތަނެއްގައި ވަޅުލެވިފައިވީ ސަރަޙައްދެކެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ މި ސަރަޙައްދަށް މައުންޓް ލެވެނިއާގެ ނަމުން ނަން ދެވުނު ގޮތުގެ ވާހަކައެވެ.

މައުންޓް ލެވެނިއާ ސަރަޙައްދު

މީލާދީ ގޮތުން 1800 ގެ ކުރީކޮޅުގައި ސިލޯނު އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތްއިރު އިނގިރޭސިވިލާތުން، ސަރ ތޯމަސް މެއިޓްލެންޑް ނަމަކަށް ކިއުނު ބޭފުޅަކު ސިލޯނުގެ ގަވަރުނަރެއްގެ ގޮތުގައި ހަމަޖައްސައި އެޤައުމަށް ފޮނުވިއެވެ. އޭރު އުމުރުން 46 އަހަރުގެ މެއިޓްލޭންޑަށް، އޭނާގެ ހުށިޔާރުކަމާއި ހިއްވަރުގަދަ ކަމުގެ ސަބަބުން "ކިމް ޓޮމް"އޭވެސް ކިޔައި އުޅުނެވެ. ނަމަވެސް މި ހުރިހައި ކަމެއް ބަދަލުވެގެން ދިޔައީ މެއިޓްލޭންޑް ސިލޯނުގައި ހޭދަކުރެއްވި ދުވަސްކޮޅުގެ ތެރޭގައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސަރ ތޯމަސް މެއިޓްލެންޑް - ކުރަހާފައިވާ ތަސްވީރެއް

މެއިޓްލޭންޑް ސިލޯނަށް ވަޑައިގަތުމުން އޭނާއަށް އެޤައުމުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އެގޮތުން އޭނާގެ އިސްތިޤުބާލުގައި ގިނަ ކަންކަން ރޭވިގެން ދިޔައިރު އޭގެތެރޭގައި ޚާއްސަ ނެށުމެއްވެސް ދައްކާލާފައިވެއެވެ. އެދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން މެއިޓްލޭންޑަށް އެންމެ ކަމުދިޔަ އަދި އެންމެ ބޮޑު ސަމާލުކަމެއް ދެވުނީވެސް އެ ނެށުމަށެވެ. ނަށާ ކުދިންގެ ތެރެއިން އެންމެ އިސްކޮށް ޙަރަކާތްތެރިވި ލޮވީނިއާ އަޕުންސުވާ، މެއިޓްލޭންޑްގެ ލޮލުގައި އަޅައިގަތީ މި ނެށުމުގެ ތެރެއިންނެވެ. އެހެންކަމުން އެނާ އާއި ބެހޭ ގިނަ މަޢުލޫމާތުތައް އެ ޙަފްލާގެ ތެރެއިންވެސް މެއިޓްލޭންޑް ހޯދިއެވެ.

ލޮވީނިއާ އަކީ ލަންކާއަށް އުފަން އެހެން ނަމަވެސް ޕޯޗުގީޒު އަންހެނަކަށް ލިބިފައިހުރި ދެނަސްލަށް ނިސްބަތްވާ ޒުވާން ރީތި ކުއްޖެކެވެ. ނަށާ އެހެން ކުދިންނާއި އޭނާ އާއި އެހައި ބޮޑަށް ތަފާތުވީވެސް އެހެން ވެގެން ކަމަށް ބުނެވެއެވެ. މި ނަށާ ގްރޫޕުގެ ވެރިޔަކަށް ހުރީ ލޮވީނިއާގެ ބައްޕައެވެ.

ސިލޯނަށް ވަޑައިގެންނެވި ދުވަހުގައި ލޮވީނިއާއަށް މެއިޓްލޭންޑްގެ ހިތް ދެވުނުއިރު، އޭނާ އަލުން ދުށުމަށް މެއިޓްލޭންޑްގެ ހިތް ދިޔައީ އެދެމުންނެވެ. އެހެންކަމުން ކޮންމެ ހަފްތާއަކު އެއްފަހަރު، ނަށާ ގްރޫޕްގެ ހަރާކާތްތައް ބައްލަވައިލެއްވުމަށް ނިންމައި މެއިޓްލޭންޑް އެކަމަށް ލޮވީނިއާގެ ގްރޫޕަށް ދަޢުވަތު އެރުވިއެވެ. އަދި މި ގްރޫޕަށް ޚާއްސަކަމެއް ދެއްވައި ކޮންމެ ހަފްތާއަކުވެސް ގްރޫޕުގެ ޙަރަކާތްއް ބެއްލެވުމަށް ވަގުތު ހުސްކުރެއްވިއެވެ. މެއިޓްލޭންޑް އޭނާގެ ހިތުގެ ވެރިޔާ ދެކިލުމަށް ބޭނުންކުރެއްވި އުކުޅަކީ އެއީއެވެ.

މެއިޓްލޭންޑް އާއި ލޮވީނިއާ - ކުރަހާފައިވާ ތަސްވީރެއް

އެ ދުވަސްވަރަކީ، މެއިޓްލޭންޑް ގަލްކިއްސައިން ބައްލަވައިގެންފައިވާ ބިމެއްގައި އޭނާ ބޮޑު ގަނޑުވަރެއް ބިނާކުރައްވަމުން ގެންދެވި ދުވަސްވަރެކެވެ. ކޮޅުނބުގެ ދެކުނުން 10 ކިލޯމީޓަރު ބޭރުގައި އޮންނަ މި ސަރަޙައްދަކީ އެހެން ހިސާބުތަކަށްވުރެ އުސްކޮށް އޮންނަ އައްސޭރިފަށުގެ ރީތި ހިސާބެކެވެ. މި ގަނޑުވަރު ބިނާކުރައްވަމުން ގެންދެވިއިރު، ލޮވީނިއާ މޫދު ކައިރީގައި ފެންވަރަން ހުއްޓައި މެއިޓްލޭންޓަށް ފެނުނު ކަމަށްވެއެވެ. ލޮވީނިއާ ދިރިއުޅޭ ގެ ހުންނަނީ އެ ގަނޑުވަރާއި ދާދި ކައިރީގައިކަން މެއިޓްލޭންޑަށް އެނގުނު ހިސާބަކީ އެއީއެވެ.

މެއިޓްލެންޑްބިނާކުރެއްވި ގަނޑުވަރު

ލޮވީނިއަށްއަށް ހިތުން ދެވިފައިވާ ޚާއްސަ ކަމެއްގެ ބޮޑުކަމުން މެއިޓްލޭންޑް ކޮންމެ ހަފްތާއަކު ނަށާ ގްރޫޕަށް ދަޢުވަތު އަރުވަމުންދިޔަތާ މާގިނަ ދުވަހެއް ނުވަނީސް، ލެވީނިއާއަށް އޭނާ ލޯބި ހުށަހެޅިއެވެ. އަދި އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ނިންމައި ޝަރުތުކުރިއެވެ. ލޮވީނިއާވެސް ހުރީ އެކަމާއި ރުހި ޤަބޫލުވެގެންނެވެ. އެހައި ދަށް ނިކަމެތި ހާލުގައި އުޅެމުން، ދިރިއުޅުމަށްޓަކައި ބަޔަކަށް ޚާދިމްކަން ކޮށްދީގެން އުޅެނިކޮށް އެހައި ޤަދަރުވެރި ބޭފުޅަކު ލޯބި ހުށަހެޅުމުން ލޮވީނިއާ ހުރީ ހައިރާންވެ އުފާވެސް ވެފައެވެ.

މި ގުޅުން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް މެއިޓްލޭންޑް ނިންމެވީ، އިނގިރޭސިންގެ ބާރު ދުނިޔޭގައިވެސް ގަދަ އެ ދުވަސްވަރު، ސިލޯނަށް ފޮނުވާފައިވާ އެންމެ އިސް ސަރުދާރު އެޤައުމުގެ އާދައިގެ ނަށާ އަންހެން ކުއްޖަކާއި އެފަދަ ގުޅުމެއް ބާއްވައިފިކަން އިނގިރޭސިންގެ އިސް ބޭފުޅުންނަށް އެނގިވަޑައިގެންފިނަމަ އޭނާ ސިލޯނުން ބަދަލުކޮށްފާނެ ކަމުގެ ބިރަށްޓަކައެވެ.

މިޓްލޭންޑް ބޭނުންފުޅު ކުރެއްވި ކަމަށް ބުނެވޭ ބައެއް ތަކެތި

މެއިޓްލޭންޑް އާއި ލޮވީނިއާގެ ލޯބީގެ ގުޅުން ދުވަހެއް ދުވަހަކަށް ބިނާވަމުން ދިޔައިރު، ސިއްރުން އެ ގުޅުން ދެމެހެއްޓުމަށްޓަކައި، މެއިޓްލޭންޑް އަޅަމުންދިޔަ ގަނޑުވަރުން ސިއްރު ބިންގަރާހެއް ލޮވީނިއާގެ ގެއާއި ގުޅުވާލުމަށްޓަކައި ބިނާކުރެވުނެވެ. މެއިޓްލޭންޑް އާއި ލޮވީނިއާގެ ސިއްރު ބައްދަލުވުންތައް ކުރިއަށްދިޔައީ މި ބިންގަރާހުގެ ތެރޭގައި ކަމަށް ބުނެވެއެވެ. މި ބިންގަރާސް ގުޅުވައިލެވިފައިވީ ގަނޑުވަރުގެ ގުދަނަކާއި ލޮވީނިއާގެ ގޭގައި ހުރި ވަޅަކާއިއެވެ. މި ބިންގަރާސް ބިނާކޮށް ނިމުމަށްފަހު ކޮންމެ ރެއަކުވެސް ދެލޯބިވެރިން ބިންގަރާހުގެ ތެރޭގައި ބައްދަލުވަމުން ދިޔަކަމަށް ވެއެވެ.

މެއިޓްލޭންޑް އާއި ލޮވީނިއާ ސިއްރުން ބައްދަލުވަމުން ދިޔަ ބިންގަރާސް

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައިރު، މެއިޓްލޭންޑް އާއި ލޮވީނިއާގެ ލޯބީގެ ސިއްރު ގުޅުމުގެ ވާހަކަ ސިނޯލުގައި އޭރު އޮތީ ކޮންމެވެސް ވަރަކަށް ފެތުރެން ފަށާފައެވެ. މި ވާހަކަތައް އިނގިރޭސިންގެ ވެރިއަކަށް ހުރި ބޭފުޅާއާއި ހަމައަށް ދިއުމަށް މާގިނަ ދުވަސްތަކެއް ނުނަގައެވެ. މެއިޓްލޭންޑްގެ ލޯބީގެ ޚަބަރު ލިބުނު ހިސާބުން އިނގިރޭސިންގެ ވެރިޔާ ނިންމެވީ މެއިޓްލޭންޑް ވަގުތުން މެޑިޓަރޭނިއަންގެ ޖަޒީރާ ރަށެއްކަމުގައިވާ މަލްޓާގެ ގަވަރުނަރެއްގެ ގޮތުގައި އެރަށަށް ބަދަލުކުރުމަށެވެ.

ގަނޑުވަރުން ބިންގަރާހަށް ވަންނަން ބޭނުންކުރި ދޮރު

މީލާދީގޮތުން 1811 ގައި ގެނެވުނު މި ބަދަލާއި އެކު މެއިޓްލޭންޑްއަށް ލޮވީނިއާ އާއި ބައްދަލުކުރުމުގެ އިތުރު ފުރުސަތެއްވެސް ނުލިބި ސިލޯނުން ފުރުވާލެވުނެވެ. މެއިޓްލޭންޑް އަވަހާރަވީ މަލްޓާގެ ގަވަރުނަރުކަން ކުރައްވަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ހަ އަހަރުގެ ލޯބީގެ ގުޅުމަށް ކުއްލި ނިމުމެއް އައުމުން ގޮތް ހުސްވެފައި ހުރި ލޮވީނިއާ މަރުވީ، މެއިޓްލޭންޑް އަވަހާރަވީ ޚަބަރު އަޑުއިވިގެން އެކަމުގެ ހިތާމައިގައެވެ. އޭނާ މަރުވީ މެއިޓްލޭންޑް ބިނާކުރެއްވި ގަނޑުވަރު މަތިން ފުންމާލައިގެން ކަމަށްވެސް ބުނެއުޅެއެވެ.

މެއިޓްލެންޑް ބިނާކުރެއްވި ގަނޑުވަރު

މި ހާދިސާއަށްފަހު މެއިޓްލޭންޑް އާއި އޭނާގެ ލޯބިވެރިޔާ ލޮވީނިއާގެ ހަނދާނުގައި މެއިޓްލޭންޑް އެޅުއްވި ގަނޑުވަރަކަށް، "މައުންޓް ލެވެނިއާ"ގެ ނަމުން ނަން ދެވުނެވެ. މިއަދާއި ހަމައަށްވެސް މި ދެލޯބިވެރިން ސިއްރު ބައްދަލުކުރުންތައް ކުރިއަށްދިޔަ ބިންގަރާސް، މިއަދުގެ "މައުންޓް ލެވެނިއާ ހޮޓަލް" އާއި ލޮވީނިއާގެ ގެއާއި ދެމެދުގައި ވެއެވެ. 1920 ވަނަ އަހަރު މި ބިންގަރާސް ވަނީ ޢާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. މައުންޓް ލެވެނިއާ ހޮޓެލްގެ ގޮތުގައި މި ގަނޑުވަރު އަލުން ހުޅުވިފައި ވަނީ ދެވަނަ ބޮޑުހަނގުރާމައަށްފަހު 1947 ވަނަ އަހަރުގެ ތެރޭގައެވެ.

މައުންޓް ލެވެނިއާ ހޮޓެލް

އެއަށްފަހު ކޮންމެ އަހަރެއްގައިވެސް ގިނަ ޢަދަދެއްގެ އިނގިރޭސިން، ލޮވީނިއާ އާއި މެއިޓްލޭންޑްގެ ލޯބީގެ ރަމްޒު ކަމުގައިވާ މައުންޓް ލެވެނިއާ ހޮޓަލަށް ޒިޔާރަތްކުރަމުންދާއިރު، އެ ހޮޓެލްގެ ބޭރުގައި ލޮވީނިއާގެ ސިފައަށް ތައްޔާރުކޮށްފައިވާ މޮނިއުމެންޓެއް، ލޮވީނިއާގެ ހަނދާނުގައި ބަހައްޓާފައި ވެއެވެ. އޭނާގެ ރީތިކަމާއި ހުނަރުވެރިކަން ސިފަވާ ގޮތަށެވެ.

ލޮވީނިއާގެ ސިފައަށް ތައްޔާރުކޮށްފައިވާ މޮނިއުމެންޓް

 


"ވަގުތު" މުވައްޒަފުން ސްރީލަންކާ އަށް ކުރި ޗުއްޓީ ދަތުރުގެ ސްޕޮންސަރަކީ އޭސް އޭވިއޭޝަން އެވެ. އޭސް އޭވިއޭޝަން އަކީ ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ. ދުނިޔޭގެ 53 ސަރަހައްދަކަށް ދަތުރު ކުރުމަށް އޭސް އޭވިއޭޝަން އިން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު