އުމުރުން ދުވަސްވީ ވަރަކަށް މީހާގެ ހަށިގަނޑުން ވަރުދޫވެ، މީހާގެ ބާރު ދެރަވާކަން އެއީ ސައިންސްގެ އަލީގައި މިއަދު ފެންނަން ހުރި ކަންކަމެވެ. އެހެންކަމުން ޒުވާން ދުވަސްވަރު ކުޅުނު ބައެއް ކުޅިވަރުތައް އުމުރުން ދުވަސްވީ ވަރަކަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ފުޓްބޯޅަ ފަދަ ހަކަތަ ބޭނުންވާ ކުޅިވަރުތަކަކީ ވަކި އުމުރެއްގެ ފަހުން ޕްރޮފެޝަނަލްކޮށް ކުޅެން އުނދަގޫވާނެ ކުޅިވަރުތަކެވެ.

އެހެންނަމަވެސް، 1967 ވަނަ އަހަރު ޖަޕާނަށް އުފަންވި ކަޒުޔޯޝީ މިއުރާ ވަނީ ފުޓްބޯޅައަކީ އުމުރުން ދުވަސްވުމުންވެސް ޕްރޮފެޝަނަލްކޮށް ކުޅެވިދާނެ ކުޅިވަރެއްކަން ސާބިތުކޮށްދީފައެވެ. އުމުރުން 51 އަހަރުގެ ކަޒުޔޯޝޯ، އާންމު ނަމުން ނަމަ ކަޒޫ އަކީ މިހާރުވެސް މިހާރުވެސް ޕްރޮފެޝަނަލްކޮށް ކުލަބު ފުޓްބޯޅަ ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅޭ އެންމެ ދޮށީ ކުޅުންތެރިޔާވެސް މެއެވެ.

ޖަޕާނުގެ ޔޯކޮހަމާ އެފްސީއަށް ކުޅެމުން އަންނަ ކަޒުޔޯޝީއަކީ ޖަޕާނުގެ ޤައުމީ ޓީމަށްވެސް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ 1990 އިން ފެށިގެން 2000 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގެ ޤައުމީ ޓީމަށް ކުޅެދީފައެވެ. އެ މުއްދަތުގެ ތެރޭގައި ކަޒޫ ވަނީ ޖަޕާނުގެ ޤައުމީ ޓީމަށް 89 މެޗު ކުޅެދީ 55 ގޯލުވެސް ކާމިޔާބުކޮށްދީފައެވެ.

ކުލަބު ފެންވަރުގައިވެސް ކަޒޫ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން މިހާރު އޭނާ ކުޅެމުން އަންނަ ކުލަބު ކަމަށްވާ ޔޯކޮހަމާ އެފްސީއަށް 270 މެޗު ކުޅެދީފައެވެ.