އެމެރިކާގެ ޖައްވީ އެޖެންސީ ނާސާ އުޅަނދެއް އަންނަ ހަފްތާގައި މާސްގައި ޖައްސާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ނާސާގެ "އިންސައިޓް ލޭންޑާ" އުޅަނދަކީ 850 މިލިއަން ޑޮލަރުގެ އަގުހުރި އުޅަނދެކެވެ. ނާސާގެ އުޅަނދެއް އަންނަ ހަފްތާގައި މާސްގައި ޖައްސާއިރު މީގެ ހަ އަހަރުކުރިން 2012 ވަނަ އަހަރުވެސް އެ އިދާރާގެ އުޅަނދެއް ވަނީ މާސްގައި ޖައްސާފައެވެ. " ކިޔުރިއޯސިޓީ" ގެ ނަމުން ނަންދީފައިވާ މި އުޅަނދު ދިގު ރާސްތާއެއް ކަޑައްތުކޮށް މާސް އަށް ފޯރުމަށް ނުވަ މަސް ދުވަސް ނެގި އެވެ. އެ އުޅަނދު މާސްގެ ބިމަށް ޖެއްސީ އޮގަސްޓް 6، 2012 ގަ އެވެ.

އިންސާނުންނާއި ނުލާ މާސްއަށް ފޮނުވި މި އުޅަނދު އަންނަ ހަފްތާގައި މާސްގައި ޖައްސާއިރު މި އުޅަނދު ޖައްސާނެ ސަރަހައްދަކާއި ގުޅޭ ގޮތުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި ނާސާގެ މި އުޅަނދު ޖައްސަން ހަމަޖެހިފައިވަނީ މާސްގައި ހުރި ބޮޑު ވަޅުގަނޑަކަށެވެ.

ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ، މާސްއަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. މާސް އަށް، އިންސާނުން ކޮންމެވެސް ދުވަހަކުން ދަތުރުކުރާނެ އެެވެ. މިއީ އަދި ޚިޔާލެއް ނަމަވެސް، އުންމީދީ ވިސްނުމެވެ.

ދުނިޔެއާއި 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ ކަމަށް ބެލެވޭ މާސްގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައި ދަތުރުކުރަމުންދާ އުޅަދު، މާސްގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވަމުން ދާއިރު، 2025 ވަނަ އަހަރުގައި އެ ގުރަހައަށް އިންސާނުންނާއެކު ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ ތައްޔާރުވަމުންނެވެ.