އެންމެ މަގުބޫލް މީސް މީޑިއާ ވެބްސައިޓް ފޭސްބުކް އާއި ފޭސްބުކްގެ ދަށުން ހިނގަމުން އަންނަ އިންސްޓަގްރާމް މިރޭ ވެސް ޑައުންވެއްޖެއެވެ.

މިހަފްތާ ތެރޭގައި ދެތިން ފަހަރެއްގެ މަތިން ފޭސްބުކާއި އިންސްޓަގްރާމް ޑައުންވެގެން ރިޕޯޓް ކޮށްފައިވެއެވެ.

މިރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ ފޭސްބުކާއި އިންސްޓަގްރާމް ޑައުން ވެގެން އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ފޭސްބުކްގެ "ޑިވެލޮޕާސް ޕޭޖް" ގައި އެކުންފުނީގެ ޑިވެލޮޕަރެއް ކަމަށްވާ މަރީސާ ހޮއެކް ބުނީ ފޭސްބުކް ބޭނުން ކުރުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ދިމާވެގެން އުޅެނީ ކޮން މައްސަލައެއްތޯ ބަލާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފޭސްބުކާއި އިންސްޓަގްރާމް ޑައުން ވުމުން ޓްވިޓާގައި "ފޭސްބުކްޑައުން" އަދި "އިންސްޓަގްރާމްޑައުން" ހޭޝްޓެގް ވަނީ ޓްރެންޑް ވެފައެވެ.

ފޭސްބުކް ޑައުން ވުމުގެ މައްސަލަ އެންމެ ބޮޑަށް މިރޭ ކުރިމަތިވެފައި ވަނީ އެމެރިކާގެ އިރުމަތީގެ ސްޓޭޓްތަކަށާއި، ޔޫރަޕްގެ ހުޅަނގުގެ ގައުމުތަކަށެވެ. މީގެ އިތުރު އުތުރު އެމެރިކާގެ ގައުމުތަކާއި އޭޝިއާގެ ބައެއް ގައުމުތަކުގެ ބައެއް މީހުންނަށް ވެސް ވަނީ ފޭސްބުކާއި އިންސްޓަގްރާމް ބޭނުން ކުރުމުގައި ދަތިތައް ދިމާވެފައެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ފޭސްބުކާއި އިންސްޓަގްރާމް ބޭނުން ކުރުމުގައި ދަތިތައް ދިމާވަމުން ދިޔަ ނަމަވެސް ފޭސްބުކްގެ ބެލެނިވެރިކަމުގައި ހިންގަމުން އަންނަ ވަޓްސްއެޕް ބޭނުން ކުރުމުގައި މައްސަލައެއް އުޅޭކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ފޭސްބުކާއި އިންސްޓަގްރާމް ބޭނުން ކުރުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލު ވާނެ އިރެއް ފޭސްބުކް އިން ނުބުނެއެވެ.