އެމެރިކާގެ ޒުވާނެއް ކަމަށްވާ އުމުރުން 21 އަހަރުގެ ސީޖޭ ޕްރެކޯޕިއާ އަށް މިދިޔަ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު ކުއްލި ސިހުމެއް ލިބުނީ އޭނާގެ ގެއަށް ފުލުހުން ވަދެ އޭނާ ހައްޔަރު ކުރުމުންނެވެ. ކުރީގެ ލޯބިވެރިޔާގެ ގެއަށް ގަދަކަމުން ވަދެ، އޭނާ އަށް ހަމަލާދިން މައްސަލައިގައި ކަމަށް ބުނެ ސީޖޭ ހައްޔަރު ކުރުމުން އޭނާ ހައިރާންވާން ޖެހުނީ އެބުނާ ލޯބިވެރިޔަކާއި އޭނާ އަށް ބަދަލުނުވާތާ ވެސް ދެއަހަރު ވެފައި ވާތީއެވެ.

ނަމަވެސް ސީޖޭ ދެއްކި ވާހަކަ ފުލުހުން ގަބޫލެއް ނުކުރެއެވެ. ސީޖޭގެ ކުރީގެ ލޯބިވެރިޔާގެ ގޭގެ ދޮރުތައް ހަލާކު ކޮށްލައިގެން އެގެއަށް ވަދެ ސީޖޭގެ ކުރީގެ ލޯބިވެރިޔާ އަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާގެ މޭމަތީގައި "އެކްސް" ލިޔެފައި ދިޔައީ ސީޖޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތުހުމަތުތައް ސީޖޭ ދޮގު ކުރި ނަމަވެސް އޭނާ އަށް ދެން ދެއްކޭނެ މާބޮޑު ވާހަކައެއް ނެތެވެ. ފުލުހުން މައްސަލަ ތަޙްޤީޤު ކުރުމުން ޕްރޮސެކިއުޓަރުން ވަނީ މައްސަލަ ކޯޓަށް ފޮނުވާ ސީޖޭގެ މައްޗަށް 99 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށް ކޯޓުގައި އެދިފައެވެ.

ނުކުރާ ކުށަކަށް އަދަބު ލިބުން ދާދި ގާތުގައި އޮއްވާ ސީޖޭގެ ހަނދާނަށް އައީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ ގެއަށް އޭނާ ވަން ކަމަށް ފުލުހުން ބުނާ ގަޑީގައި ހަޤީޤަތުގައި އޭނާ ހުންނާނީ އާއިލާ އާއި އެކު ރޭގަނޑުގެ ކެއުމަށް ގޮސް ހޮޓަލެއްގައި ކަމެވެ. އެވަގުތު އެތަނުގައި ހުރެ ސެލްފީއެއް ނެގި ކަމާއި އެސެލްފީ ފޭސްބުކްގައި ޕޯސްޓް ކުރިކަން ވެސް ސީޖޭގެ ހަނދާނަށް އައެވެ.

އެހެންކަމުން ކޯޓުގައި ސީޖޭ އެވާހަކަ ބުންޏެވެ.

ސީޖޭގެ ވާހަކަތަކާއި ގުޅިގެން ޕްރޮސެކިއުޓަރުން ވަނީ މައްސަލަ މަޑުޖައްސާލައި ދިނުމަށް ކޯޓުގައި އެދިފައެވެ. އަދި ސީޖޭ އެހަދަނީ ތެދުތޯ ބަލަން ފޭސްބުކްގައި އިން ފޮޓޯ އާއި، ފޮޓޯ އަޕްލޯޑް ކުރި ގަޑިއާއި ފޯނުން ފޮޓޯ ނަގާފައިވާ ގަޑިވެސް ޔަގީން ކުރަން ފޮރެންސިކް ތަހްލީލްތައް ކުރިއެވެ. އެތަހްލީލްތަކުން އެނގުނީ ސީޖޭ ހަދަނީ ތެދުކަމާއި ސީޖޭގެ ލޯބިވެރިޔާ ކޮށްފައިވާ ރިޕޯޓަކީ ދޮގު ރިޕޯޓެއް ކަމެވެ.

ޕްރޮސެކިއުޓަރުން މިހާރު ވަނީ މިމައްސަލަ އަނބުރާ ގެންގޮސް އިތުރަށް ސީޖޭގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެސީ

    ނޫނޭ ކޮބާ ދޮގު އިލްޒާމު އެޅުވި ލޯބިވެތިޔާ 99 އަހަރު އިއްވަބަލަ

  2. ކޮސްތަޅާ

    ކޮބައި ދޮގު ރިޕޯޓުކުރި މީހާގެ ބައި